ފިލްމު "ޝެހެޒާދާ"އިން ސަލްމާން ޚާންއަށް ޚާއްޞަ ޓްރިބިއުޓެއް

އެކްޓަރު ކާތިކް އާރްޔަންގެ ކުރިއަށްއޮތް ފިލްމު "ޝެހެޒާދާ"އިން އެކްޓަރު ސަލްމާން ޚާންއަށް ޚާއްޞަ ޓްރިބިއުޓެއް ދޭނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ކާތިކް އާރްޔަން ލީޑް ރޯލްކުޅެ ރޯހިތް ދަވަން ޑައިރެކްޓްކޮށްފައިވާ މިފިލްމުން ސަލްމާން ޚާންގެ އައިކޮނިކް ލަވަ ކަމަށްވާ "ކެރެކްޓާ ދީލާހޭ" ލަވަ ގެނެސްދިނުމަށްވަނީ ނިންމާފައެވެ. މިލަވައަކީ، 2011ވަނަ އަހަރު ރިލީޒްވި ސަލްމާންގެ ފިލްމު "ރެޑީ"ގެ ލަވައެކެވެ.

ފިލްމު ރިލީޒްކުރުން ހަފުތާއަކަށް ލަސްކުރުމަށްފަހު ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މިގޮތަށް ނިންމާފައިވަނީ ބެލުންތެރިންނަށް ސަޕްރައިޒެއް ދިނުމުގެ ބޭނުމުގައެވެ. މިލަވައިގެ ބޮޑު ބައެއް ނަދަން މުމްބާއިގެ މަސްވެރިކަމަށް ޚާއްޞަ އަވަށެއްގައިވަނީ ޝޫޓްކޮށްފައެވެ.

ބަތަލާ ކްރިތީ ސެނޮންއާއެކު ކާތިކް އާރްޔަން ފެނިގެންދާ މިފިލްމަކީ، ކާތިކްގެ ފުރަތަމަ އެކްޝަން ފިލްމެވެ. މިއީ 2020ވަނަ އަހަރު ރިލީޒްވި ތެލުގޫ ފިލްމު "އަލާ ވައިކަންތަޕުއްރަމުލޫ" ނަމަކަށްކިޔާ ފިލްމެއްގެ ރިމޭކްއެކެވެ. ތެލުގޫ ފިލްމުން ފެނިގެންދިޔައީ ތަމަޅަ އެކްޓަރު އައްލޫ އަރުޖުންއާއި ބަތަލާ ޕޫޖާ ހެޖް އަދި ތައްބޫއެވެ.

ފިލްމު "ޝެހެޒާދާ"އިން ތައްބޫގެ ރޯލްއިން ފެނިގެންދާނީ ކުރީގެ ބަތަލާ މަނީޝާ ކޮއިރަލާއެވެ. އެކްޓުކުރުމުގެ އިތުރުން މިފިލްމުގެ ކޯ-ޕްރޮޑިއުސަރެއްގެގޮތުގައިވެސް ކާތިކް މަސައްކަތްކުރާނެއެވެ. ބޫޝަން ކުމާރް ޕްރޮޑުސަރެއްގެގޮތުގައި މަސައްކަތްކުރާ މިފިލްމަކީ ބޫޝަން ކުމާރުގެ ޓީ-ސީރީސް ކުންފުނީގެ ފިލްމެކެވެ. މި ފެބްރުއަރީ މަހުގެ 10ގައި ރިލީޒްކުރުމަށް ޝެޑިއުލްކުރި ފިލްމު މިހާރު ރިލީޒްކުރުމަށް ނިންމާފައިވަނީ މިމަހުގެ 17އިގައެވެ.

ފިލްމު "ޝެހްޒާދާ"އަށްފަހު ކާތިކް އެންމެ އަވަހަށް ފެނިގެންދާނީ ލޯބީގެ މިއުޒިކަލް ޑްރާމާއެއްކަމަށްވާ، "ސަތްޔަޕްރޭމްކީ ކަތާ"އިންނެވެ. މިފިލްމަކީ ޕްރޮޑިއުސަރު ނަދިއަދްވާލާގެ ގްރޭންޑްސަން އެންޓަޓެއިންމަންޓް ފިލްމު ކުންފުނި ޙިއްސާވާ ފިލްމެކެވެ. ބަތަލާގެ ރޯލްއިން ފެނިގެންދާ ކްރިތީ ސެނޮން އަތުގައި މިފިލްމުގެ އިތުރުންވެސް އިތުރު ދެ ފިލްމެއް އެބައޮތެވެ. އެއީ ތެލުގޫ އަދި ހިންދީ ފިލްމު "އަދިޕުރުޝް"އަދި ޕޯސްޓްޕްރޮޑަކްޝަން މަރުޙަލާގައިއޮތް ފިލްމު "ގަންޕަތް"އެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު