އިދިކޮޅު ހިނގާލުމުގެ ތެރެއަށް ވަދެގަތް މީހާގެ ސައިކަލް ޓޯ ކޮށްފި

އިދިކޮޅުން މިއަދު ބޭއްވި "ބުންވަރު" ހިނގާލުން / ސަން ފޮޓޯ: މުހައްމަދު ޝާތިއު

އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން މިއަދު ބޭއްވި "ބުންވަރު" ހިނގާލުން ކުރިއަށް ދިޔަ ވަގުތު ހިނގާލުމުގެ ތެރެއަށް ވަދެގަތް މީހަކާ މެދު ފުލުހުން ފިޔަވަޅު އަޅައިފިއެވެ.

ހިނގާލުން ކުރިއަށް ދިޔަ ވަގުތު ރީނދޫ ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ވަނީ ބާރު ސްޕީޑުގައި ސައިކަލުގައި ދުއްވާފައި ގޮސް މީހުންތަކުގެ ތެރެއަށް ވަދެފައެވެ.

އޭނާ އެގޮތަށް އަމަލުކޮށްފައިވަނީ، ސައިކަލުގެ ސްޕީޑް މަޑުކުރުމަށް އެވަގުތު މަގުމަތީގައި ހަރަކާތްތެރިވި ފުލުހުން އޭނާއަށް އަންގާފައިވަނިކޮށެވެ.

ހިނގާލުމުގެ ތެރެއަށް ބާރު ސްޕީޑްގައި ސައިކަލްގައި ގޮސް ވަދެގަތުމުން ޕީޕީއެމް ހިނގާލުމުގެ ތެރޭގައި ތިބި ބައެއް މީހުންގެ ގައިގައި ސައިކަލުން ޖެހުނެވެ. ނަމަވެސް އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުލިބޭ ކަމަށް މަންޒަރުދުށް މީހުން ބުނެއެވެ. އެކަމުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނާއި އެ މީހާއާ ދެމެދު ކޮންމެވެސްވަރެއްގެ ހަމަނުޖެހުމެއް ހިނގިއެވެ.

ފުލުހުން ވަނީ އެ ހަމަނުޖެހުން ހުއްޓުވައި، އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން މިރޭ ބުނީ ސިޔާސީ ޕާޓީއަކުން މިއަދު ބޭއްވި ހިނގާލުމުގެ ތެރެއަށް ސައިކަލެއްގައި ވަތް މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހު ޓްރެފިކް ގާނޫނުގެ ދަށުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ސައިކަލު 15 ދުވަހުގެ މުއްދަތަށް ޓޯ ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

comment ކޮމެންޓް