ބުނެދޭން ނޭނގުނަސް... 23

ބިންޔާ ތުންދަމައިލާފައި ތަށިތައް އަތުލިއެވެ. މިޒްޔަލް ހެމުން ބިންޔާގެ ފަހަތުން ދިޔައެވެ. ދެމީހުން އެކުގައި ރެސްޓޯރެންޓުން ނުކުތްއިރު، އެކަކު އަނެކަކާއި ދައްކާނެ ވާހަކައެއް ނޭނގިފައި ތިބި ކަހަލައެވެ. ބިންޔާ އާއިއެކު އެ ގެއާއި ހަމައަށް މިޒްޔަލް ދިޔައެވެ. އެނބުރި ގެއަށް އައިއިރު، މިޒްޔަލްގެ މުޅި ދުވަސް ވަނީ އުޖާލާވެފައެވެ. އުފަލުން ގޮސް އޭނާއަށް ގެއަށް ވަދެވުނީ މަޑު ރާގެއްގެ އަޑު ލައްވަމުންނެވެ. އަތުގައި އޮތް ޕާރުސަލަށް ބަލަމުން ކޮޓަރިއާއި ދިމާއަށް ދިޔައިރު، އޭނާ ވިސްނަމުން ދިޔައީ އޭގައި އޮންނާނެ އެއްޗަކާއި މެދުގައެވެ. ކޮޓަރީގެ ދޮރު ހުޅުވައިލުމާއިއެކު، މިޒްޔަލް ދިޔައީ ސިއްސައިގެންނެވެ.

********

"ސަޕްރައިޒް..." މީރާގެ އަތުގައި އޮތް ރަތްކުލައިގެ މާބޮނޑި މިޒްޔަލް އާއި ދިމާއަށް ދިއްކޮށްލަމުން ބުނެލިއެވެ. "އުފާވެރި އުފަން ދުވަހަކަށް އެދެން..."

"ކީއްކުރަނީ މި ކޮޓަރީގަ؟..." މިޒްޔަލް ހުރީ ނުރުހިފައެވެ.

"ވިޝް ކުރަނީނު..." މީރާ ވާހަކަ ދެއްކީ ތުއިގޮތަކަށެވެ. "މީ ކުށެއްތަ؟..."

މިޒްޔަލް މާބޮނޑީގައި ނުހިފުމުން މީރާ ކުރިއަށް ޖެހިލިއެވެ. މިޒްޔަލްގެ މޭގައި މާބޮނޑި ޖައްސައިލުމަށްފަހު ފަރިގޮތަކަށް ހިނިތުންވެލިއެވެ. ދުރުން އުޅޭ މީހުންނާއި ގާތްވާނެ ކިތަންމެ ގޮތެއް މީރާއަށް އެނގެއެވެ. މައްސަލައަކީ އެހެން ފިރެހެނުންނާއި މިޒްޔަލް ތަފާތުވުމެވެ. އޭނާގެ އެއްވެސް ދައުވަތަކަށް މިޒްޔަލް އިޖާބައެއް ނުދެއެވެ.

ކިތަންމެ ނުރުހުނު ނަމަވެސް މިޒްޔަލް މާބޮނޑީގައި އަތް ޖައްސައިލީ، މީރާ މާ ގާތްވާން އުޅޭހެން ހީވުމުންނެވެ. މާބޮނޑިއަކީ އެކަމަށް މީރާ ހޯދި ބަހަނާއެކެވެ. އެކަން މިޒްޔަލްއަށް ވިސްނުނެވެ. މީރާގެ އަމަލުން ކިތަންމެ ނުރުހިފައި ހުރި ނަމަވެސް، ޝިމާޢުގެ ކޮއްކޮއަށް ވީތީ، އިހުތިރާމް ގެއްލޭ ކަހަލަ ކަމެއް ކުރާކަށް މިޒްޔަލް ބޭނުމެއް ނުވިއެވެ. ކޮޓަރީގެ ދޮރު ހުޅުވާލިގޮތަށް އޭނާ އެތެރެއަށް ނުވަދެ މަޑުކުރީ މީރާ ނުކުންނަންދެނެވެ. މިޒްޔަލްއަށް ނޭނގުނީ ކޮންމެވެސް މީހަކު އެދެމީހުން ތަސްވީރުތަކެއް ނެގިކަމެވެ.

މީރާ ދިޔުމުން މިޒްޔަލް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. އޭނާގެ މުޅި ތަބީއަތު ހަރާބުވިއެވެ. މީރާއަށް އޭނާގެ ކޮޓަރިއާއި ހަމައަށް ވާސިލުވެވޭނީ ގޭގެ ކޮންމެވެސް މީހެއްގެ އެހީތެރިކަން ލިބިގެންނެވެ. އެމީހަކީ ކާކު ހެއްޔެވެ؟

މިޒްޔަލްގެ ކޮޓަރި ބާލުހާނާގައި ފިލާތިބި ޝިމާޢު އާއި އަމަން ނުކުތީ ފުއްޕާހަންތަކެއް ފަޅަމުންނެވެ. އެނދުގައި އޮށޯވެލައިގެން އޮތް މިޒްޔަލްގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އޭނާ ފުންމައިގެން ތެދުވިއެވެ.

"މުޅިން އެހެން ހިޔާލެއްގަ ދޯ ތި ހުންނަނީ..." ޝިމާޢު މިޒްޔަލް އާއި ދިމާކޮށްލިއެވެ. "ދޯ އަމަން..."

އަމަން ހުރީ ހިމޭންވެފައެވެ. އޭނާގެ މޫނުން އުފާވެރިކަމެއް ނުފެނެއެވެ. ޝިމާޢު އަމަންގެ ކޮނޑުގައި ޖެހިގަތުމުން، އަމަން މަޑުމަޑުން ބޯ ޖަހައިލިއެވެ.

"ތީ ކޮން ޕާރުސަލެއް؟..." ޝައްކުގެ ނަޒަރަކުން މިޒްޔަލްގެ އަތުގައި އޮތް ޕާރުސަލަށް ބަލައިލަމުން އަމަން ސުވާލުކުރިއެވެ. "ބިންޔާ ދިން އެއްޗެއްތަ؟..."

"އަހަންނަށްވެސް ގިފްޓެއް ދޭނެ ކުއްޖަކު ވެދާނެއެއްނު..." މިޒްޔަލް ހެމުން ޑްރެސިންގްޓޭބަލާއި ދިމާއަށް ހިނގައިގަތެވެ.

"ލައްކަ ކަންތައް ހިންގާލައިފީމެއްނު..." ޝިމާޢު މިޒްޔަލްގެ ކޮނޑަށް އަތް އެއްލިއެވެ. "މީހަކާ ނީންނާނަމޭ ބުނި މީހާ.... ޔަގީން އަހަރެމެންނަށްވުރެ ކުރިން ނިންމާނެކަން..."

"އެއީ ތި އެންމެން ބޭނުންވި ގޮތެއްނު..." މިޒްޔަލްގެ މޫނުން ފެނުނީ އުފާވެރިކަމެވެ. އެހެން ދުވަސް ދުވަހާއި ހިލާފަށް، އެކުވެރިންގެ ކުރިމަތީގައި އެއްބަސްނުވާކަށް އޭނާ ނޫޅުނެވެ. "އަހަރެންވެސް މިހާރު ބޭނުމެއް ނުވޭ ލަސްކުރާކަށް... ދެން އެކަމާ ތި އެންމެން އުފާކޮށްބަލަ..."

ޝިމާޢު އާއި އަމަން އެކަކު އަނެކެއްގެ މޫނަށް ބަލައިލީ ކަންބޮޑުވެފައެވެ. ދެމީހުންގެ މޫނުން އެތައް ވާހަކަތަކެއް ބުނެދިނެވެ. މިޒްޔަލް ހުއްޓުވަން އެމީހުން ބޭނުންވާ ކަހަލައެވެ.

"މިޒްޔަލް... ތިކަންތައް..." އަމަން އެއްޗެއް ބުނަން އުޅުނެވެ.

"އޯކޭ... އަހަރެމެން މި ދަނީ..." ޝިމާޢު އައި ބާރުމިނުގައި އަމަންގެ އަނގަމަތީގައި އަތް އެޅިއެވެ. "ދެން އަވަހަށް ތި ޕާރުސަލު ކަނޑާ..."

ދެމީހުން ނުކުމެ ދޮރު ލައްޕައިލުމުން، މިޒްޔަލް އެނދުގައި އޮށޯތެވެ. ޕާރުސަލަށް ބަލައިލުމާއިއެކު މިޒްޔަލްގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ.

********

"ކީއްކުރަން އަހަރެން ތި ހިފޭއްޓީ؟..." މިޒްޔަލްގެ ގެއިން ނުކުތްގޮތަށް އަމަން ނުރުހިފައި ޝިމާޢުގެ އަތް ފޮޅުވައިލިއެވެ.

"ކުއްލިއަކަށް ތިކަންތައް އެނގުނީމަ މިޒްޔަލްއަށް ކިހިނެއް ވާނީ؟... އަމަން ވިސްނާލިންތަ؟..." ވިސްނައިދޭ ރާގަކަށް ޝިމާޢު ބުންޏެވެ.

"އަހަންނަށް އެނގޭ އެއްޗަކީ މިކަންތައް ފަހުން އެނގުނީމަ މިޒްޔަލް މާ ދެރަވާނެކަން... އޭރުން އޮންނާނީ ވަގުތު ފާއިތުވެފަ... އަހަރެމެންނަށް މިކަން އެނގިހުރެ ނުބުނީމަ، އޭނަގެ ހިތް އަހަރެމެންނާ ދޭތެރޭވެސް ރަނގަޅެއް ނުވާނެ...." އަމަންގެ ރުޅި ފިނިވާގޮތެއް ނުވިއެވެ.

"ދެން އެކަމަކު އޭނަގެ މުޅި ދުވަސް ހަރާބުކޮށްލަންވީތަ؟... ކޮންމެ ކަމަކަށްވެސް ރަނގަޅު ވަގުތެއް އޮންނާނެއޭ އަމަން... މީ އެވަގުތެއް ނޫން... އޭނަ އެހުރީ ކިހާ އުފަލުން... އެހެން ހުއްޓާ، އަހަރެމެން އޭނަގެ ދުވަސް ހަރާބުކޮށްލަންވީ؟..." އަމަންގެ ދެކޮނޑުގައި ހިފަހައްޓާލަމުން ޝިމާޢު ވާހަކަ ދެއްކިއެވެ.

"އަހަރެން މިހުރީ ވަރަށް ބޯ ގޮވާފަ... މިވާހަކަ ނުބުނެވެނީސް އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެ..." އަމަން އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ.

"ކޮންމެ ގޮތެއް ވިޔަސް، ތިކަމުގަ ބިންޔާގެ ކުށެއް ނެތް... ވީކަމެއް އެއޮތީ މާޒީއާ އެކުވެގެން ގޮއްސަ..." ޝިމާޢުގެ ސިކުނޑިވެސް ސުމަކަށް ދިޔައެވެ. "ރަނގަޅު ވަގުތެއް ހޯދާފަ މިވާހަކަ މިޒްޔަލްއަށް ޝެއާކުރާނީ... މީ އަދި އެ ވަގުތެއް ނޫން... މި ހުރިހާ ކަމަކަށްވުރެ އަހަރެން ބޯގޮވާ ކަމެއް ދެންމެ އެވީ..."

"މީރާގެ ކަންތައްތަ؟..." އަމަން އަހައިލިއެވެ.

މިޒްޔަލްގެ ކޮޓަރިއަށް މީރާ ވަނީ އަމަން އާއި ޝިމާޢު ބެލްކަނީގައި ފިލާ ތިއްބައެވެ. އެއީ ކީއްވެ މީރާ ކުރި ކަމެއްތޯ ބަލަން ޝިމާޢު ހުރީ ބޭނުންވެފައެވެ.

********

މިޒްޔަލް ފާހާނާއަށް ވަދެފައި ނުކުތްއިރު، އޭނާ އެނދުމަތީގައި ބޭއްވި ޕާރުސަލެއް ނެތެވެ. އެނދުގެ ބެޑުޝީޓާއި ބާލީސްތައް ނަގައިގެން ވަކިވަކިން އޭނާ މުޅި ތަން ހޯދިއެވެ. އެއްވެސް ތާކުން ޕާރުސަލު ނުފެނުމުން މިޒްޔަލްގެ ސިކުނޑި ސުމަކަށް ދިޔައެވެ. މިޒްޔަލްގެ ކޮޓަރިއަށް ވަދެ، އެ ޕާރުސަލު ގެންދާނީ ކާކު ހެއްޔެވެ؟ އޭނާ ފާހާނާއަށް ވަނީ ޕާރުސަލު އެނދުމަތީގައި ބާއްވާފައެވެ. ވީއިރު ގެއްލެންވީ ކީއްވެ ހެއްޔެވެ؟ އަނެއްކާ އެ ޕާރުސަލު ނެގީ މީރާ ހެއްޔެވެ؟ ވަރުބަލިވެގެން މިޒްޔަލް އެނދުގައި އޮށޯތީ ގޮތް ހުސްވެގެންނެވެ. އޭނާ ބިންޔާއަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟

އެއްޗެއް ހަނދާންވާ ފަދައިން މިޒްޔަލް ހަލުވި ފިޔަވަޅުތަކެއްގައި ކޮޓަރިން ބޭރަށް ނުކުތެވެ. ގޭތެރެ އޮތީ އަނދިރިކޮށެވެ. ކާގެއާއި ދިމާއިން ކޮންމެވެސް މީހަކު ހުރަސްކޮށްލިހެން ހީވެގެން މިޒްޔަލް ކާގެ އާއި ދިމާއަށް ދިޔައެވެ. ކާގެ އޮތީ އަނދިރިކޮށެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެއްލި ކަޅިއަކުން މިޒްޔަލްއަށް ޒަޔާން ފެނުނީ އައިސްއަލަމާރި ކައިރީގައި ފެންބޯން ހުއްޓައެވެ.

މިޒްޔަލްގެ ދެއަތް މުށްކެވިގެން ދިޔައެވެ. ރުޅި އައިސް ދަތްތަކަށް ބާރުކޮށްލިއެވެ. އޭނާގެ ކޮޓަރިއަށް ވަނީ ޒަޔާން ހެއްޔެވެ؟ ވިސްނައިލުމުން ޒަޔާން އެ ޕާރުސަލު ނެގީ ކީއްވެ ކަން މިޒްޔަލަށް އެނގުނެވެ. މިޒްޔަލް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޒަޔާން ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފައި ދަމައިގަތެވެ. ޒަޔާނުގެ އަތުން ފުޅި ވެއްޓި، ފަޅައިގެން ދިޔައެވެ. ކާގެތެރޭގައި އެ އަޑު ހަރުލައިގެން ދިޔައެވެ. މުޅި ތަނުގައި ފެނުގެ ކޯރެއް ހެދުނެވެ.

"ދޮންބޭ..." ޒަޔާނަށް ވާހަކަ ދެއްކުނީ އުނދަގުލުންނެވެ. ކުއްލިއަކަށް މިޒްޔަލް ދަމައިގަތުމުން އޭނާ ކޮށި އެރީއެވެ.

މިޒްޔަލް، ޒަޔާން ލައިގެން ހުރި އަންނައުނުގައި އަތް ޖައްސައިގެން ޕާރުސަލު އޮތްތޯ ބެލިއެވެ. އެއްވެސް ޖީބެއްގައި ޕާރުސަލެއް ނެތުމުން، އޭނާ ޒަޔާންގެ ގައިން ދޫކޮށްލިއެވެ.

"އަހަރެންގެ ކޮޓަރީގަ މިގޭ އެހެން މީހެއްގެ އެއްޗެއް ނުހުންނާނެ..." މިޒްޔަލް ހިތްހަމަނުޖެހިފައި ބުންޏެވެ.

ކާގެ ބޭރުގައި ކަޅު ހިޔަންހެން ހުރި މީހެއްގެ ދެލޯ ބޮޑުވެފައިވާއިރު، އޭނާއަށް ފާރުގައި ލެނގިލެވުނީ ފެނުނު މަންޒަރަކުންނެވެ. ކުޑަކުޑަ އެއްޗެއްގެ ސަބަބުން މިޒްޔަލް އެހާ ރުޅިގަދަވީ ކީއްވެ ހެއްޔެވެ؟ އެ އެއްޗަކީ މިޒްޔަލްއަށް އެހާ މުހިއްމު އެއްޗެއް ހެއްޔެވެ؟ އަތުގައި އޮތް ޕާރުސަލަށް ބަލައިލުމަށްފަހު، އެމީހަކު އަވަހަށް އެތަނުން ދިޔައެވެ.

*********

ތޮއްޑޫ ދަތުރަށް ތައްޔާރުވަމުން ދިޔައިރު، ސަމީރާއާއި ބައްދަލުކުރެވޭނެ ގޮތަކާއިމެދުވެސް ބިންޔާ ދިޔައީ ވިސްނަމުންނެވެ. ސަމީރާ ހޮސްޕިޓަލުން ދޫކޮށްނުލާކަށް ބިންޔާއަށް އެނގެއެވެ. އޭނާ ނަރުހަކު ލައްވާ ސަމީރާގެ މައުލޫމާތު ކޮންމެ ދުވަހަކުވެސް އޮޅުންފިލުވައެވެ.

އާސިފު ހަސްފަތާލުން ނުކުމެ، ކާރުގައި ނައްޓާލަންދެން ބިންޔާ ބަލަން ހުއްޓެވެ. އޭނާ އެތެރެއަށް ވަނީ އާސިފު އިން ކާރު ލޮލުގެ ކޮޅަށް ގޮސް އޮބާލުމުންނެވެ.

ބިންޔާ އެތެރެއަށް ވަނުމުން، ދެލޯ މަރާލައިގެން އޮތް ސަމީރާ އުނދަގޫ ގޮތަކަށް ލޯ ހުޅުވައިލިއެވެ. ބިންޔާ ފެނުމުން، ސަމީރާގެ މޫނު އުޖާލާވެގެން ދިޔައެވެ.

"ދައްތާ... އަހަރެން މިއައީ ވަރަށް އުފާވެރި ހަބަރެއް ދޭން..." ސަމީރާގެ ކައިރީގައި އިށީނދެފައި، ދެއަތުގައި ހިފާލަމުން ބިންޔާ ބުނެލިއެވެ. "ދައްތަ ދެން މާ ގިނަ ދުވަހު ތިހެން އޮންނާކަށް ނުޖެހޭނެ... ދައްތަގެ ދަރިފުޅާ ދިމާވެއްޖެ... ވަރަށް އަވަހަށް ދައްތަ ބަލާ އަންނާނެ... ދައްތަ ތިކަމުން ސަލާމަތްކޮށްދޭނެ..."

ބިންޔާއަށް ބަލަން އޮތް ސަމީރާގެ މޫނުން ތަފާތު އަސަރެއް ފެނިގެން ދިޔައެވެ. ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔައިރު، އޭނާ އޮތީ ޝުކުރުގެ ނަޒަރަކުން ބިންޔާގެ މޫނަށް ބަލާށެވެ. ސަމީރާ އުނދަގޫގޮތަކަށް ހިނިތުންވެލިއެވެ. ބިންޔާ ބުނި ކަންތައް ވާނެ ހެއްޔެވެ؟ އާސިފު އެފުރުސަތު ދޭނެ ހެއްޔެވެ؟ އާސިފަކީ ވިސްނުންތޫނު، ހުށިޔާރު މީހެކެވެ. ބިންޔާއަށް ގެއްލުމެއް ލިބޭކަށް ސަމީރާ ނޭދެއެވެ.

********

މިޒްޔަލް ހުރީ ބިންޔާއާއި ހަތަރުކަޅި ހަމަކުރަން އުނދަގޫވެފައެވެ. ޕާރުސަލުގައި އޮތް އެއްޗެއްގެ ވާހަކަ ބިންޔާ އަހައިފިނަމަ ދޭނެ ޖަވާބެއް ނޭނގޭތީއެވެ. ތޮއްޑޫއަށް ދާން ލޯންޗަށް އެރި އިރުވެސް މިޒްޔަލް ސަމީރާގެ ވާހަކަ ނޭހުމުން، ބިންޔާ ހުރީ ނުތަނަވަސްވެފައެވެ. މިޒްޔަލް ޕާރުސަލު ނުކަނޑަނީ ހެއްޔެވެ؟ ސަމީރާގެ އަނގޮޓި ޕާރސަލްކޮށްފައި މިޒްޔަލްގެ އުފަންދުވަހު އޭނާ ދިނީ، ސަބަބެއް އޮތީމައެވެ. އެ އަނގޮޓިއަކީ މިޒްޔަލްގެ މަންމަގެ އެއްޗެއްކަން މިޒްޔަލްއަށް އެނގޭކަން ބިންޔާއަށް އެނގެއެވެ. ވީއިރު، އެ ލިބުމުން، މަންމަގެ ވާހަކަ މިޒްޔަލް ނޭހީ ކީއްވެ ހެއްޔެވެ؟

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު