ބުނެދޭން ނޭނގުނަސް... 22

ޖެހިގެން އައި ދުވަހު މިޒްޔަލް ހުރީ ބިންޔާ މަސައްކަތަށް ނައިސްގެންނެވެ. މަންމައާއި ވަކިވުމަށްފަހު، މިޒްޔަލްގެ ހަޔާތުގައި އައި އެންމެ އުފާވެރި އުފަން ދުވަސްކަމުގައި އެ ދުވަސް ވެގެން ދިޔައީ ބިންޔާގެ ބައިވެރިވުން އޮވެގެންނެވެ. އެހެން ދުވަސްދުވަހާއި ހިލާފަށް ބިންޔާ ހުރީ ބަސްމަދުވެފައެވެ. މިޒްޔަލް ބުނާ އެއްޗަކަށް ޖަވާބުދިން ނަމަވެސް، ހަތަރުކަޅި ހަމަނުކުރަން އުޅޭކަން އޭނާއަށް އެނގުނެވެ. ބިންޔާގެ އެ މަޑުމައިތިރިކަން މިޒްޔަލްގެ ހިތަށް އުނދަގޫކުރަން ފެށިއެވެ. ކެތްތެރިކަން ކޮޅުންލާން ފެށުމުން، މިޒްޔަލްއަށް އެހެން ކަމެއް ކުރެވޭވަރެއް ނުވިއެވެ. ބިންޔާ ގުދަނަށް ދިޔަ ވަގުތު، މިޒްޔަލްވެސް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ގުދަނަށް ވަނެވެ. އެ މަންޒަރު ބަލަން އާރިފު ހުރި ކަމެއް އެއިން އެކަކަށްވެސް ނޭނގެއެވެ.

********

ގުދަނުގެ ދޮރު ލެއްޕުނު އަޑު އިވުމުން، ބިންޔާ ފަސްއެނބުރުނީ ކުޑަކޮށް ސިހިފައެވެ. މިޒްޔަލް ފެނުމުން، ބިންޔާގެ މޫނުން ނުތަނަވަސްކަން ފެނިގެން ދިޔައެވެ. ބިންޔާ އިތުރު އެއްޗެއް ބުނުމެއްނެތި އަތުގައި އޮތް ބާސްކެޓަށް ހަރުން އެއްޗެއް އަޅަން ފެށިއެވެ. އެ ދުރުކަން މިޒްޔަލްއަށް ބަރުދާސްތުކުރަން އުނދަގޫވިއެވެ.

"އަހަންނަށް ކުރެވުނީ އެހާ ގޯސް ކަމެއްތަ؟..." މިޒްޔަލް ބުނެލިއެވެ.

ބިންޔާގެ ހަރަކާތްތައް ހުއްޓުނެވެ. އެހެނަސް އޭނާ ފަސްއެނބުރި ބަލައެއް ނުލިއެވެ.

"އަހަރެން ރިގްރެޓެއް ނުކުރަން އެކަން ކުރެވުނީތީއެއް..." ބިންޔާ އެއްޗެއް ނުބުނުމުން ދެންވެސް ވާހަކަ ދެއްކީ މިޒްޔަލެވެ. "އަހަންނަކަށް ނޭނގެ ތީ ކާކު ކަމެއް، ކޮންކަހަލަ މީހެއް ކަމެއްވެސް... އެކަމަކު، ބިންޔާ ފެނުނީމަ އަހަންނަށް މި ވަނީ އެހެން އެއްވެސް އަންހެން ކުއްޖަކު ފެނުނީމަ ވާ ގޮތެއް ނޫން..."

މިޒްޔަލްގެ ވާހަކަ އަޑު އަހަން ހުރި ބިންޔާގެ މޫނުން ފެންނަމުން ދިޔައީ ހިތާމައެވެ. މިޒްޔަލްގެ ކޮޓަރިން ތަސްވީރު ފެނުނުފަހުން، ބިންޔާގެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. އެ ހުރިހާ ދުވަހު އޭނާ ހިދުމަތްކުރީ މިޒްޔަލްގެ މަންމަ ސަމީރާއަށެވެ. ސަމީރާއަށް އޭނާގެ ދަރިފުޅު ހޯދައިދޭން ބިންޔާ އޭނާގެ ހިތުގައި އަޒުމުކަނޑައެޅިއެވެ. މިޒްޔަލްއާއި އެހާ ކައިރީގައި އުޅުނު އިރުވެސް، ބިންޔާއަށް އެއީ ސަމީރާގެ ދަރިފުޅު ކަމެއް ނޭނގުނެވެ. އެނގުނުނަމަ، އެހާ ގާތް ގުޅުމެއް ނުއުފެއްދީހެވެ.

ތަގުދީރުގެ ރޭވުން ކިހާ ފުރިހަމަ ހެއްޔެވެ؟ އެ ދެމީހުން ކައިރި ކުރުވީ ކޮންފަދަ މޮޅު ރޭވުންތެރިކަމެއްގެ ދަށުން ހެއްޔެވެ؟ މިޒްޔަލްއަށް ހަގީގަތް އެނގުމުން ވާނީ ކިހިނެއް ހެއްޔެވެ؟ ސަމީރާ އޮތް ކޮށިން ސަލާމަތްކުރަން މިޒްޔަލަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ސަމީރާގެ ހާލު އެންމެ ރަނގަޅަށް އެނގޭ މީހަކީ ބިންޔާއެވެ. ހުރިހާ ކަމެއް އެނގި ހުރެވެސް، ބިންޔާއަށް ކޮށްދެވުނު މާ ބޮޑު ކަމެއް ނެތެވެ. އެ ހުރިހާ ކަމަކާއިއެކު، އޭނާ މިޒްޔަލާއި ހަތަރުކަޅި ހަމަކުރާނީ ކިހިނެއް ހެއްޔެވެ؟ ހަގީގަތް އެނގުމުން، މިޒްޔަލް ދުވަހަކުވެސް އެގޮތަށް ވާހަކަ ނުދައްކާނެއެވެ. އެ ދުވަހަކުން އޭނާ ބިންޔާދެކެ ފޫހިވާނެއެވެ.

"ސޮރީ..." ބިންޔާގެ އަޑު ނުކުތީ އެތައް ހިތްވަރެއް ކޮށްގެންނެވެ. އެތައް ވާހަކައެއް ބުނަން ބޭނުންވި ނަމަވެސް، އޭނާއަށް ބުނެވުނީ އެހެންނެވެ.

މިޒްޔަލްގެ ނުތަނަވަސްކަން ފިލައިގެން ދިޔައެވެ. އޭނާ ހީކުރީ ބިންޔާ މައާފަށް އެދުނީ ރޭގައި ކަންތައް ކުރެވުނު ގޮތުން ކަމަށެވެ.

"އަހަންނަށް ހުރިހާ ކަމެއް ކޮށްދީފަ ބިންޔާ ތިހެން ހެދީމަ ވަރަށް ދެރަވޭ..." މިޒްޔަލްގެ ކުރިއަށް ޖެހިލާފައި ބިންޔާގެ އަތަށް ކޭކުތަށި ލައިދިނެވެ. "މާމަ ދިނީ... މާމަ ދެރަވާނެ ތި ނުކައިފިއްޔާ... ނޭނގެ މިތާވެސް ކެމެރާ ހަރުކޮށްފަ ނުހުންނާނެކަމެއް..."

މިޒްޔަލް ހީލިގޮތުން ބިންޔާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ހަގީގަތް އެނގުމުން، މިޒްޔަލް ކިހާ ދެރަވާނެ ހެއްޔެވެ؟

"މިރޭ ވޯކް ނިންމާފަ މަޑުކޮށްލައްޗޭ..." ދޮރާއި ދިމާއަށް ހިނގައިގަންނަމުން މިޒްޔަލް ބުނެލިއެވެ.

**********

ތޮއްޑޫ ދަތުރާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ޝިމާޢު އާއި މިޒްޔަލް ތިބީ ގޯލްޑަން ހިޔާ ރެސްޓޯރެންޓްގެ އޮފީސްބައިގައެވެ. އެ ދަތުރުގައި ޒަޔާން ބައިވެރިވާނެކަމުގެ އިޝާރާތެއް ދީފައި އޮތްކަމަށް ޝިމާޢު ބުނުމުން، މިޒްޔަލްގެ ތަބީއަތު ހަރާބުވިއެވެ.

"ހަނީމޫން ފަނިވީދޯ؟..." ޝިމާޢު ދިމާކުރަން ފެށިއެވެ.

އަމަން ގުޅީ އެވަގުތުއެވެ.

"ހަމަ ރަނގަޅު ގަޑިއެއްގައޭ ތި ގުޅީ..." ފޯނު ނަގަމުން ޝިމާޢު ވާހަކަ ދެއްކީ މިޒްޔަލާއި ދިމާކުރާހިތްވެފައި އިން ވަރުންނެވެ. "މީހެއްގެ ހަނީމޫން ފަނިވަނީނު..."

"މިޒްޔަލް އެބައިންދޯ؟... ސްޕީކަރަށް ލާފަތަ؟..." އަމަން ކުޑަކޮށް ހާސްވެފައި ބުނެލިއެވެ.

"ނޫން ކިހިނެއްވީ؟..." ޝިމާޢުގެ މަޖާ މޫޑު ގެއްލުނެވެ.

ކޮންމެވެސް ކަމެއް ވެއްޖެކަން އެނގުމުން، މިޒްޔަލްވެސް ވާނުވާ ނޭނގިފައި ކުޑަކޮށް ފޯނު ކައިރިއަށް ޖެހިލިއެވެ. ޝިމާޢު ތެދުވެގެން މިޒްޔަލާއި ދުރަށް ހިނގައިގަތެވެ. އޭނާ ގޮސް ކުޑަދޮރުގެ ކައިރީގައި ހުއްޓި، ބޭރު ބަލައިލިއެވެ.

"އަހަރެން މިހުރީ ޑިއުޓީގަ... ވަރަށް އަވަހަށް އާދެބަލަ މިތަނަށް... މިޒްޔަލް ކައިރީ ނުބުނައްޗޭ..." އަމަން ބުނެލިއެވެ.

"ކިހިނެއްވީ؟..." ޝިމާޢު ސުވާލުކުރިއެވެ.

"އާޖެންޓް..." އަމަން ފޯނު ކަނޑައިލިއެވެ.

"ދަނީތަ؟..." ޝިމާޢު ދޮރާއި ދިމާއަށް ހިނގައިގަތުމުން މިޒްޔަލް ސުވާލުކުރިއެވެ.

"ޑިއުޓީގަ ހުރެގެން ކާއެއްޗެހި ގެނެސްދޭށޯ އެކިޔަނީ..." ޝިމާޢުއަށް މަޖުބޫރުވީ ދޮގެއް ހަދާށެވެ.

"އޯކޭ... ގޮއްސަ އާދޭ..." މިޒްޔަލް އިނީ ކުޑަކޮށް ޝައްކުވެފައެވެ.

ޝިމާޢު ފުލުހުންގެ އިދާރާއަށް ދިޔައިރު، އަމަން ހުރީ ބޭރުގައެވެ. ރަސްމީ ޔުނީފޯމުގައި އަމަން ހީވަނީ އެހެން މީހެއް ހެންނެވެ. ދެމީހުން އެކުގައި އެތެރެއަށް ވަންއިރު، ތަނުގައި މީހުން މަދެވެ.

"އެންމެ މީހުން މަދު ގަޑި ބަލާފަ މި ގުޅީ..." އަމަން ބުންޏެވެ.

"ހާދަ ބޮޑު އޮފީހެކޭ... އަހަންނަށްވެސް މިތަނަށް އެޕްލައިކުރެވުނުނަމައޭ އެބަ ހިތަށް އަރާ..." އެތެރެއަށް ވަދެ، ގޮނޑީގައި އިށީންނަމުން، ޝިމާޢު ވާހަކަ ދެއްކިއެވެ. "މިތާ އަންހެން ކުއްޖަކުވެސް ނޫޅެނީތަ؟..."

"ތިވާހަކަ އިހަށް ބާއްވާފަ މި ބަލާބަލަ..." އަމަން ފައިލެއް ނަގާފައި، ޝިމާޢު އާއި ދިމާއަށް އެއްލިއެވެ.

ފައިލު ހުޅުވައިލުމާއިއެކު އެންމެ ފުރަތަމަ ގަނޑުގައި އޮތީ އަންހެނެއްގެ ޕާސްޕޯޓު ސައިޒުގެ ކުޑަ ފޮޓޯއެކެވެ. އޭގެ ތިރީގައި އެމީހާއާއި ބެހޭ މައުލޫމާތު ލިޔެފައި ހުއްޓެވެ. ކުށުގެ އެތައް ރެކޯޑެއް އޮތް އެ މީހަކީ ކާކުކަން އެނގުމާއިއެކު ޝިމާޢުގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

*********

މަސައްކަތު ގަޑި ނިންމާފައި އެންމެން ދާން ފެށިއެވެ. މިޒްޔަލް ހުރީ ބިންޔާއާއިއެކު އެކަނިވާނޭ ފުރުސަތަކަށް ބަލަބަލައެވެ. އެންމެން ދިޔަ އިރުވެސް އާރިފު މަޑުކޮށްގެން ހުރުމުން، މިޒްޔަލްއަށް ޖެހުނީ ކަމެއް ހޯދައިގެން މަޑުކުރާށެވެ.

"ގެއަށް ލައިދެންތަ؟..." އާރިފު ބިންޔާގެ ކައިރީގައި އަހައިލިއެވެ.

"ނޫން އާރިފް ދޭ... އަހަރެން އެކަނި ގޮސްދާނަން..." ބިންޔާ ޖަވާބުދިނެވެ.

އާރިފު ދިޔައީ މިޒްޔަލްއާއި ދިމާއަށް ފާޑަކަށް ބަލައިލާފައެވެ. ބިންޔާއާއި މިޒްޔަލް އެކަނިވިއެވެ. ދެމީހުން ނުކުތީ، ބަދިގޭގެ ފުރަގަހުގައިވާ ހުސް ޖާގައަށެވެ. ދަންވަރުގެ ވަގުތުކަމުން، ޖެހެމުންދިޔައީ ފިނިފިނި ރޯޅިތަކެވެ. ހަނދުވަރުދީފައި އޮތްއިރު، އުޑުމަތީގައި ތަރި ގިނައެވެ. ދިޔަވަރު ހިކި ވަގުތެއްކަމުން، ތޮށިގަނޑު މައްޗަށް ރާޅުޖަހާ އަޑު އިވިއިވި ހުރީ އަޑު އަހާލަން ހިތްގައިމު ވަރަކަށެވެ.

"ހެޕީ ބާތްޑޭ..." ބިންޔާ އޭނާގެ ޖީބުން ނެގީ ކުޑަ ފޮށްޓެކެވެ.

ހުދު ކުލައިގެ ކަރުދާހަކުން ޕާރުސަލުކޮށްފައިވާ އެ ހަދިޔާ ފެނުމުން، މިޒްޔަލްގެ ހުރިހާ ނުތަނަވަސްކަމެއް ފިލައިގެން ދިޔައެވެ. ބިންޔާ އޭނާއަށް އުފަން ދުވަހުގެ ތަހުނިޔާ ނުކިޔާތީ މިޒްޔަލް ހުރީ ދެރަވެފައެވެ. ޝަކުވާކުރަން ބޭނުންވެފައެވެ. އެކަމަކު، އެ ހުރިހާ ކަމެއް ހިތުން ފިލައިގެން ދިޔައެވެ.

"މަޑުކުރައްޗޭ..." ބިންޔާ ހިނގައިގަތީ ބަދިގެއާއި ދިމާއަށެވެ.

މިޒްޔަލް ވަގުތުން ބޯ ޖަހައިލިއެވެ. އަތުގައި އޮތް ޕާރުސަލަށް ބަލައިލުމާއިއެކު، މިޒްޔަލްގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ. އޭނާއަށް ޕާރުސަލުގައި މަޑުމަޑުން ފިރުމައިލެވުނެވެ. ބިންޔާ ބަދިގެއަށް ގޮސްފައި އެނބުރި އައިއިރު، އަތުގައި ތަށިބަރިއެއް ހުއްޓެވެ. އެ ތަށިބަރި އޭނާ އަތުރައިލީ ވާޓަރުމަތީގައެވެ. ބެޓެރީ ލައްވައިގެން ދިއްލޭކަހަލަ އުއްބައްތިއެއް ކާތަކެތީގެ މެދުގައި ބައިންދާފައި މިޒްޔަލްގެ ކައިރީގައި އިށީނުމަށް އެދުނެވެ. ބިންޔާ ދެފައި ވަށްކޮށްލައިގެން ވާޓަރުގެ މަތީގައި އިށީނީ މިޒްޔަލް އިށީނުމުންނެވެ.

ބިންޔާ ހަދާފައި ހުރީ އެކި ވައްތަރުގެ ހެދިކާއެވެ. އެއީ ފަތިހު ފަތިހާ ރެސްޓޯރެންޓަށް ގޮސް އޭނާ ތައްޔާރުކުރި އެއްޗެއްސެވެ. މިޒްޔަލް ފަހަރަކު އެއްޗެއް ރަހަބަލައިލިއެވެ.

"މިހާ ގިނައިން އުފަންދުވަސް އަންނަ މީހެއް އަދި ނުދެކެން..." ބިންޔާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

މިޒްޔަލް ހީލާފައި އުލުން ކަޓުލަހެއް ނެގިއެވެ. އެއަށްފަހު، ބިންޔާއަށް ދިއްކޮށްލިއެވެ. ކުޑައިރުކޮޅަކު ބަލަން އިނދެފައި، ބިންޔާ އެ ކަޓުލަސް ކާލިއެވެ. މިޒްޔަލްގެ އަތުން ކާލުމުން، އުފަލުން އޭނާއަށް ހިނިތުންވެލެވުނެވެ. އޭނާ ފަހަރަކު އެއްޗެއް ބިންޔާއަށް ކާންދެމުން ދިޔައެވެ.

"އެއްވެސް މީރެއް ނޫން... އެހެންވެ މި ހުސްކޮށްލެވުނީ..." ތަށިތައް ހުސްކޮށްލާފައި ބިންޔާއަށް ދައްކައިލަމުން މިޒްޔަލް ބުނެލިއެވެ.

ބިންޔާ ތުންދަމައިލާފައި ތަށިތައް އަތުލިއެވެ. މިޒްޔަލް ހެމުން ބިންޔާގެ ފަހަތުން ދިޔައެވެ. ދެމީހުން އެކުގައި ރެސްޓޯރެންޓުން ނުކުތްއިރު، އެކަކު އަނެކަކާއި ދައްކާނެ ވާހަކައެއް ނޭނގިފައި ތިބި ކަހަލައެވެ. ބިންޔާ އާއިއެކު އެ ގެއާއި ހަމައަށް މިޒްޔަލް ދިޔައެވެ. އެނބުރި ގެއަށް އައިއިރު، މިޒްޔަލްގެ މުޅި ދުވަސް ވަނީ އުޖާލާވެފައެވެ. އުފަލުން ގޮސް އޭނާއަށް ގެއަށް ވަދެވުނީ މަޑު ރާގެއްގެ އަޑު ލައްވަމުންނެވެ. އަތުގައި އޮތް ޕާރުސަލަށް ބަލަމުން ކޮޓަރިއާއި ދިމާއަށް ދިޔައިރު، އޭނާ ވިސްނަމުން ދިޔައީ އޭގައި އޮންނާނެ އެއްޗަކާއި މެދުގައެވެ. ކޮޓަރީގެ ދޮރު ހުޅުވައިލުމާއިއެކު، މިޒްޔަލް ދިޔައީ ސިއްސައިގެންނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު