ރޯމޭނިއާއިން ރާއްޖެއަށް ކަނޑައަޅާ އޮނަރަރީ ކޮންސުލް ކަމަށް ސިޔާމް

ރޯމޭނިއާއިން ރާއްޖެއަށް ކަަނޑައަޅާ އޮނަރަރީ ކޮންސުލްގެ މަގާމަށް ސިޔާމް ވަނީ އައްޔަނުކުރައްވާފަ --- ފޮޓޯ/ ފޮރިން މިނިސްޓްރީ

ރޯމޭނިއާ އިން ރާއްޖެއަށް ކަނޑައަޅާ އޮނަރަރީ ކޮންސުލް ކަމުގެ މަގާމަށް އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އައްޔަން ކުރައްވައިފިއެވެ.

ރޯމޭނިއާއިން ކަނޑައަޅާ އޮނަރަރީ ކޮންސުލްގެ މަގާމަށް ސިޔާމް އައްޔަން ކުރެއްވި ކަމުގެ ރަސްމީ ލިޔުން އެގައުމުގެ ފަރާތުން ސިޔާމަށް އަރުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

އެ މަގާމު ދިވެހި ސަރުކާރުން ގަބޫލުކުރި ކަމުގެ ލިޔުން ސިޔާމާ ހަވާލުކުރައްވާފައި ވަނީ އިއްޔެއެވެ. އެ ލިޔުން ސިޔާމާ ހަވާލުކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ.

ރޯމޭނިއާއިން ރާއްޖެއަށް ކަަނޑައަޅާ އޮނަރަރީ ކޮންސުލްގެ މަގާމަށް ސިޔާމް ވަނީ އައްޔަނުކުރައްވާފަ --- ފޮޓޯ/ ފޮރިން މިނިސްޓްރީ

އެކަމާ ގުޅިގެން މިނިސްޓަރު ޝާހިދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާމް އެ މަގާމަށް އައްޔަން ކުރުމާއެކު، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

ރޯމޭނިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލް ކަމުގެ މަގާމުގައި ވަރަށް ފަހަކާ ޖެހެންދެން ހުންނެވީ މުޙައްމަދު މާހިރު ދީދީއެވެ.

ރޯމޭނިއާ އާއި ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުންތައް ގާއިމުކުރީ 1979 ވަނަ އަހަރުއެވެ.

އޮނަރަރީ ކޮންސުލްގެ މަގާމަކީ ގައުމުތަކުން އެހެން ގައުމުތަކަށް ކަނޑައަޅާ ރަމްޒީ މަގާމެކެވެ. އާއްމުކޮށް އެ މަގާމަށް އައްޔަނު ކުރާނީ އެ ގައުމެއްގެ ބޭފުޅެކެވެ.

ނަމަވެސް ރޯމޭނިއާ އެކޭ އެއްގޮތަށް އިތުރު އެހެން ގިނަ ގައުމުތަކުން ވެސް ވަނީ އެ ގައުމުތަކުން ރާއްޖެ އަށް ކަނޑައަޅާ އޮނަރަރީ ކޮންސުލްގެ މަގާމަށް ދިވެހިން އައްޔަނުކޮށްފައެވެ.

comment ކޮމެންޓް