ކުލައަކީ އަހަރެމެންގެ ދިރިއުޅުމާ ގުޅިލާމެހިފައިވާ، އެއިން ދުރަށް ނުދެވޭނެ އެއްޗެކެވެ. ތަފާތު ކުލަތައް ހުންނައިރު އޭގެތެރެއިން އެކި މީހުން ގަޔާވާނީ އެކި ކުލަޔާއެވެ. ދެމަފިރީންކަމަށްވިޔަސް އެކަކަށް ރީތިވާ ކުލަ އަނެކަކަށް ރީތިނުވުމަކީ އާއްމު ކަމެކެވެ. ކުލަޔާ ގަޔާވާލެއް ބޮޑުކަމުން ބައެއްމީހުންގެ "ފެވަރިޓް" ކުލަވެސް ހުންނަކަމަށްވެއެވެ. ކުލަޔަކީ ދިރިއުޅުމާ ގުޅިފައިވާ އެއްޗަކަށްވިޔަސް، ކުލަ އެއީ ބޮޑު މުސީބާތަކަށް ނުވަތަ ނުހޮރުއްޕާނަކަށްވާ ފަހަރު އަންނަނީ މަދެއްކޮށެއްނޫނެވެ. އަހަރެމެންގެ ތެރޭގައި ކުލަ ނުހޮރުއްޕާނަކަށްވާ ތިންހާލަތެއް ވެއެވެ. މީގެތެރެއިން ދެހާލަތަކާމެދު މި މަޒުމޫނުގައި ބަލައިލާނަމެވެ.
އާއްމު ގޮތެއްގައި ކުލަ ނުހޮރުއްޕާނަކަށް ހަދައިގެން އުޅެނީ "ތަންދޮރު ފިލާފައި ތިބިކަމަށް ބެލެވޭ" މީހުންނެވެ. އެފަދަ މީހުންގެ ސަބަބުން އެތައް ބަޔަކަށް އެކަމުގެ މުސީބާތާ ކުރިމަތިލާން ޖެހެއެވެ. މަދަރުސާތަކާއި އޮފީސްތަކުގައެވެ. ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައެވެ. ކޮންމެވެސް ދުވަހެއް ފާހަގަކުރަން ނުވަތަ އިވެންޓެއް ބާއްވަން ނިންމައި މެސެޖުތައް ފޮނުވަން ފަށާނެއެވެ. "މި އިވެންޓުގެ ތީމަކީ ........ އެވެ. ކުލައަކީ ...... އެވެ." އެހެންވީމައި މުޅި ތަން އޮންނާނީ އެ ބުނާ ގޮތަކަށެވެ. އެބުނާ ކުލައަކުންނެވެ. ހާޒިރުވާ އެންމެން ލާން ޖެހޭނީ އެބުނާ ކުލައެއްގެ ހެދުމެކެވެ. އިވެންޓާ ގުޅޭ ކުލަ އިއުލާނުކޮށްލުމުން، ދަތްކުނޑި ވިކައި ރަތަށް އަރާ މީހުން ގިނައިން ތިބޭކަން އެއީ ކަށަވަރުން އެނގޭ ކަމެކެވެ. ނަމަވެސް ކުރިމަތީގައި އޮންނަ ނުސީދާ މަޖުބޫރުގެ ސަބަބުން އެކަމާ ދެކޮޅު ނުހަދަނީއެވެ. ތުން ފިއްތައި އެތެރެއަށް ހިންދާލައިގެން ތިބެނީއެވެ. އެކަމާ ދެކޮޅަށް އަނގަ ހުޅުވައިލައިފިނަމަ ..... ފަނިހަދާ މީހާގެ ލަގަބު ދޭނެކަމާމެދުވެސް ވިސްނޭތީއެވެ.
ކޮންމެ މުނާސަބަތަކަށް ކުލައެއް ކަނޑައަޅައި، ތަނުގައި އުޅޭ އެންމެން އެކުލައިން ހެދުން އަޅަން ނިންމުން މިއީ ކޮންތާކުން ފާވެގެން އުޅޭ ސަގާފަތެއްހެއްޔެވެ؟ އަހަރެއްގެ ތެރޭގައި އެފަދަ ކިތަންމެ ކަމެއް އޮންނައިރު އެކޮންމެ މުނާސަބަތަކަށް ވަކި ކުލަޔަކުން ހެދުން ފަހަން ޖެއްސުމަކީ ތުރާލެއްނޫންހެއްޔެވެ؟ ފޮތި ގަތުމަށާއި އެ ފޮތިގަނޑު ފެއްސުމަށް ކުރަންޖެހޭ ޚަރަދާއި އެކަމަށްޓަކައި ހޭދަކުރަންޖެހޭ ވަގުތު ކޮބައިހެއްޔެވެ؟ ދާދި ފަހުން މިފަދަ ކަމެއް އޮފީހެއްގައި ހިނގިއެވެ. އިވެންޓަކަށް ލާންޖެހޭ ހެދުމުގެ ކުލަ އިއުލާނު ކުރިއެވެ. މިކަމާބެހޭގޮތުން އެ އޮފީހުގެ މީހަކު ސުވާލު ކޮށްލިއެވެ. ކުލަ އިއުލާނު ކުރި ފަރާތުން އެކަން އެކުރީ (އަހަރެމެންގެ) އެކައުންޓަށް ފައިސާ ޖަމާކޮށްފައިހެއްޔެވެ؟
ކުލައިގެ މުސީބާތް ޖެހޭ އަނެއް މުނާސަބަތަކީ ކައިވެނީގެ ވަލީމާއެވެ. ވަލީމާއަށްޓަކައި ކުލަ ކަނޑައަޅައި، ހާޒިރީން އެކުލައިން ހެދުން ލާން ޖެއްސުމެވެ. މިކަމާ މުޅީން ދެކޮޅެއްނޫނެވެ. ނަމަވެސް ވިސްނައިލަންޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ. ކައިވެންޏަކީ ދެފަރާތެއްގެ އާއިލާއަށް އަންނަ ވަރަށް އުފާވެރި މުނާސަބަތެކެވެ. ވީމާ އެ ދެފަރާތުގެ އާއިލާގެ ތެރެއިން އެކަމަށް ބޭނުންވާ ބަޔަކު ވަކި ކުލައެއް ކަނޑައަޅައިގެން އެ ކުލައިން ހެދުން ލުން އެއީ މައްސަލައެއްނޫނެވެ. ނަމަވެސް ވަލީމާއަށް ހާޒިރުވާ އެންމެންވެސް އެބުނާ ކުލައަކުން ހެދުން އެޅުން "މަޖުބޫރުވާ" ހިސާބަށް އެކަން ގެންދިއުން އެއީ މައްސަލައެކެވެ. އެގޮތަށް އެކަން އޮތުމުން، ވަލީމާއަށް ދާން ބައެއް މީހުންނަށް ވަރަށް ދަތިވެއެވެ. އެ ކުލައިގެ ހެދުމެއް ނެތީމައެވެ. ނުވަތަ ހެދުމެއް ހޯދޭނެ ގޮތެއްވެސް ނެތީމައެވެ. އަދި ވަކި ކުލައެއްގެ ހެދުމެއް ލާންޖެހޭތީ (އެފަދަ ހެދުމެއް ލިބޭން އޮތަސް) އެގޮތަށް ދާން ބޭނުންނުވާ މީހުންވެސް ތިބެއެވެ. އެހެންކަމުން ވަކި ކުލައެއްގެ ހެދުމެއް ލައިގެން ދާން ޖެއްސުމަކީ ވަލީމާއަށް ދައުވަތު ދީފައި، "ނަޔަސް އެންމެ ރަނގަޅޭ" ބުނުންފަދަ ކަމެކެވެ.
ވަލީމާއާމެދު އިސްލާމްދީނުގެ އިރުޝާދަކީ ކައިވެނި އިއުލާނު ކުރުމަށްޓަކައި، ވީ މިންވަރަކުން ވަލީމާއެއް ބޭއްވުމެވެ. އެއީ ގަދަވެގެންވާ ސުންނަތެކެވެ.(ބުޚާރީ: 4860) އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދެވޭ ވަލީމާގެ ދައުވަތަށް އިޖާބަދިނުމަކީ ވާޖިބެއްކަމަށް ގިނަ ޢިލްމުވެރިން ވިދާޅުވެއެވެ. ވަލީމާގައި އިސްރާފު ކުރުމާއި، ނިކަމެތި ފަޤީރުން ނުހިމަނައި ހަމައެކަނި މުއްސަނދީންނަށް ދައުވަތު ދިނުމަކީ ނުބައިކަމެއްކަން އަންގަވާފައިވެއެވެ. ދައުވަތު ދެވޭ މީހުންގެތެރޭގައި ތަފާތު ފަންތީގެ މީހުން ތިބޭނެއެވެ. ވަކި ކުލައަކުން ހެދުން ލައިގެން ދާން އޮތުމަކީ އޭގެތެރޭގައި ހިމެނޭ ނިކަމެތީންނަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. އާދައިގެ ގޮތެއްގައި ފުދިގެން އުޅޭ ބައެއް މީހުންވެސް އެކަމާ ކުދިކިޔާއިރު، ނިކަމެތީންނަށް އަދި ކިހައިވަރެއްވާނެހެއްޔެވެ؟
ވަލީމާއަށް ހާޒިރުވާއިރު، ބުނެފައިވާ ކުލަނޫން އެހެން ކުލައެއްގެ ހެދުމެއް ލައިގެން ދިއުމުން ދެން ދިމާވާ ކަންތައްވެސް ކުޑައެއްނޫނެވެ. އެއްކަލަ މަޖުބޫރުކަމުގައި، އެންމެންހެން ތިބޭނީ އެއް ކުލައެއްގެ ހެދުމުގައެވެ. ދެން އެހެން ކުލައެއްގެ އެއްޗެއް ލައިގެން ދާ މީހާ ހީވާނީ ކިރުދޫނި ބައިގަނޑެއްގެ ތެރޭގައި ކާޅެއް އިންނަހެންނެވެ. އެހެން އިންނައިރު ކަންބޮޑުވެ ލަދުގަންނަކަމަށް ބުނާ މީހުންނާވެސް ދިމާވެއެވެ. ކަން މިހެން އޮތްނަމަވެސް އެފަދަ މީހުން އެ ވަލީމާއަށް ދަނީވެސް ސަބަބުތަކެއް ހުރީމައެވެ.
ކުލައާ ގުޅުމެއްނެތަސް، ކައިވެނީގެ ވަލީމާއާ ގުޅުވައި އުފަންކޮށްފައިވާ އަނެއް ގޯހަކީ ހަދިޔާގެ ގޮތުގައި "ހަމައެކަނި ފައިސާ" ގެންދަން މަޖުބޫރުކުރުމެވެ. ޒަމާނީ ގޮތްގޮތަށް ފޮނުވައިލާ ދައުވަތު ކާޑުގެ ތިރީގައި، ކުޑަ ސިޓީ އުރައެއް ކުރަހާފައި އިންނާނެއެވެ. އާނއެކެވެ. އޭގެ މާނައަކީ އެ ޕާޓީއަށް ގެންދާންޖެހޭނީ ހަމައެކަނި "ފައިސާ" އެވެ. އިސްލާމީ އުސޫލުން ބަލާއިރު މިއީ އެއްގޮތަކަށްވެސް ގަބޫލު ވެވިގެންވާ ކަމެއްނޫނެވެ. ވަލީމާއަށް ހާޒިރުވާ މީހުންނަށް އެއްވެސް ކަމެއް މަޖުބޫރުކޮށްގެންނުވާނެއެވެ. ހާޒިރުވާމީހާ ހިތުން ރުހުމުން ހަދިޔާއެއް ދީފިނަމަ އެ އެއްޗެއް ގަބޫލުކުރީމައި އެވީއެވެ. ޕާޓީ ބާއްވަން ކުރާ ޚަރަދު ދެގުނަކޮށް އެ އަނބުރާ ހޯދުމުގެ ނިޔަތުގައި ވަލީމާ ބޭއްވުމީ އިސްލާމީ އުސޫލެއްނޫނެވެ. މުނާސަބަތުތަކަށް ކުލަ ކަނޑައަޅައި، އެންމެހައި ހާޒިރީން އެ ކުލައިން ހެދުން އަޅަން ޖެއްސުމީ، ސަލާމަތް ބުއްދި ހުރި މީހުން ކަންތައް ކުރާން އެންމެ އެކަށީގެންވާ ގޮތެއްވެސްނޫނެވެ.