އިސްލާހުކުރުމަށްފަހު ވިނަރެސް ފްލެޓް ލިބުނު މީހުންގެ ލިސްޓު އާންމުކޮށްފި

ވިނަރެސް ފުލެޓެއްގެ އެތެރެ، މި މަޝްރޫއުގައި ދެ ވައްތަރެއްގެ އެޕާޓްމަންޓްތައް ހިމެނޭ -- ސަންފޮޓޯ/ ނާއިލް ހުސައިން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓް ލިބުނު މީހުންގެ ނަންތައް އިއުލާން ކުރި ވަގުތީ ލިސްޓަށް ހުށަހަޅާފައިވާ ޝަކުވާތައް ބެލުމަށްފަހު މުރާޖައާ ކޮށްފައިވާ ލިސްޓު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އާންމުކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކުރި އިއުލާނުގައި ބުނެފައިވަނީ މިއަދު އާންމުކޮށްފައިވާ ލިސްޓުގައި ސީލައިފް، ހިޔާ އަދި ގުޅީފަޅު ކެޓެގަރީގެ އެއްވެސް ފަރާތެއް ނުހިމެނޭނެކަމަށެވެ. އަދި މިލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މައި އެޕްލިކަންޓް އަދި ކޯ އެޕްލިކަންޓް ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމުގައި ނަން ހިމަނާފައިވާ ފަރާތްތަކަށް ކުރިއަށްދެވެނީ އެންމެ ފޯމަކާ އެކުގައި ކަމަށް އިއުލާނުގައިވެއެވެ.

ދެމަފިރިން ވަކިން ފޯމު ހުށާހަޅާފައި ވީނަމަވެސް، އެފަދަ ފަރާތްތަކަށް ދެވޭނީ އެންމެ ފްލެޓެއް ގަތުމުގެ ފުރުސަތު ކަމަށާއި، އެ ފަރާތްތަކަށް އެކަން ހައްލުކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެއެވެ.

ވިނަރެސް ހައުސިން މަޝްރޫއިން އެޕާޓްމަންޓް ގަތުމުގައި ކުރިއަށް އޮތް މަރުހަލާއަކީ، އާންމު އުސޫލުގެ ދަށުން އަލަށް ޝަރުތު ހަމަވެފައިވާ ފަރާތްތަކުގެ މާލީ ގާބިލިއްޔަތުކަން ބެލުމަށް ބޭނުންވާ ލިޔެކިޔުންތައް ހާމަކުރުމުގެ މަރުހަލާއެވެ. މި މަރުހަލާ ފުރިހަމަވުމުން ބުކިން ނެގުމާއި ވިނަރެސް އެޕާޓްމެންޓު އިހްތިޔާރު ކުރުމުގެ ކަންތައް އެޗްޑީސީ އިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މާލީ ގާބިލިއްޔަތުކަން ކަށަވަރު ކުރުމަށް އިވެލުއޭޝަން ކުރިއަށް ގެންދާނީ ތިން ވަނަ ފަރާތެއް މެދުވެރިކޮށެވެ. ވިނަރެސް އެޕާޓްމެންޓު ކަށަވަރުވާނީ ހުށަހަޅާފައިވާ ލިޔެކިޔުންތައް ބެލުމަށްފަހު އެޗްޑީސީ އިން މާލީ ގާބިލިއްޔަތުކަން ބެލުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް މާލީ ގާބިލްކަން ފުރިހަމަކަމަށް ތާޑްޕާޓީ އިވެލުއޭޓަރުން ނިންމުމުންނެވެ.

މިކަމާ ގުޅޭގޮތުން ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފޯނުގެ ޒަރީއާއިން މުއާމަލާތް ކުރާނީ އެޗްޑީސީގެ ނަމްބަރު 3353535 އިން ކަމަށާއި އިތުރު އެއްވެސް ނަމްބަރަކުން މިކަމާ ގުޅޭ ގޮތުން އެއްވެސް މީހަކަށް ފޯނު ނުކުރާނެ ކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް