ގައުމުގެ މިނިވަންކަމަށްޓަކައި ޔާމީނަށް ވާދަ ކުރެވޭގޮތް ހަދަން އަތުކުރި އޮޅާލަންޖެހޭ: މުޢިއްޒު

މާލޭ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު

ރައްޔިތުންގެ އަތުން ނިގުޅައިގެންފައިވާ ބާރުތައް އިއާދަކޮށް ދިވެހި ގައުމުގެ މިނިވަންކަން ދިފާއު ކުރުމަށް ޓަކައި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމަށް އެންމެން އެކުގައި އަތުކުރި އޮޅާލައިގެން މަސައްކަތްކޮށްދިނުމަށް މާލޭ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ޕީޕީއެމްއިން މިއަދު ފެށި "ހޯޕް ކޮންފަރެންސް"ގައި ޕާޓީގެ މެމްބަރުންނާ މުޚާތަބުކުރައްވާ ކުރީގެ ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި މުޢިއްޒު، ވިދާޅުވީ ގައުމަށް ގެއްލިގެން މި ދިޔައީ ބޭކާރު ފަސް އަހަރު ކަމަށާއި އެހެންވެގެން އެއީ ރައްޔިތުންނަށް މިއަދު ވަރަށް ބޮޑަށް ވިސްނައިދޭންޖެހިފައިވާ މައްސަލައެއް ކަމަށެވެ.

"ގައުމަށް އެތައް ގޮތަކުން ގެއްލިގެން މި ދިޔައީ ފަސް އަހަރު. އެއްބައި ގޮތްގޮތުން ބަލައިފި ނަމަ އިޔާދަ ނުކުރެވިދާނެހެން ހީވާ ކަންކަން ވެސް އެބަހުރި. އެހެންވީމަ އަޅުގަނޑުމެން އަތުކުރި އޮޅާލައިގެން މި އަހަރު އޮންނަ އިންތިޚާބުގައި އެކަނިކުފާނަށް ވާދަ ކުރެވޭ ގޮތް ހަދާ އެ ފުރުސަތު ހޯދައިދޭން އެންމެން މަސައްކަތްކޮށްދިނުމަށް އެދެން،" މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެމަނިކުފާނުގެ ދެވަނަ ދައުރެއް ގެނައުމުގެ މަސައްކަތުގައި އަޒުމު ކަނޑައެޅުމަށް ދަންނަވަން."

މުޢިއްޒު ވިދާޅުވީ އެންމެންގެ މަސައްކަތުން ރައީސް ޔާމީން ވެރިކަމަށް ގެންނަން ޖެހެނީ ދަރިންގެ މުސްތަގުބަލަށް ޓަކައި ކަމަށާއި އެހެންކަމުން އެމަނިކުފާނަށް އެ ފުރުސަތު ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތްތައް އާ ހިތްވަރެއް ލާފާ އިތުރު ހަރުފަތަކަށް ގެންދަންޖެހޭ ކަމަށެވެ.

"މި ގައުމު އެދި ގޮވަނީ ރައީސް ޔާމީންގެ ދެވަނަ ދައުރަކަށް،" މުޢިއްޒު ވިދާޅުވިއެވެ.

މިއަދު މެންދުރުފަހު ދަރުބާރުގޭގައި ފެށި "ހޯޕް ކޮންފަރެންސް"ގައި ހާހަކަށްވުރެ ގިނަ މަންދޫބުން ރެޖިސްޓްރީކޮށްފައިވާ ކަމަށް ޕީޕީއެމުން ބުނެއެވެ.

ހާހަކަށްވުރެ ގިނަ މަންދޫބުންނާއެކު އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގައި ރިޔާސީ އިންތިޚާބުގެ އިތުރުން ވަރަށް ގިނަ ކަންކަމާބެހޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެންމެ އިސްކަމެއްދޭ އެއްކަމަކީ ރައީސް ޔާމީން ޖަލުން މިނިވަންކޮށް އެމަނިކުފާނަށް މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށް ޕީޕީއެމުން ބުނެއެވެ.

ރައީސް ޔާމީން މިނިވަންކުރަން ގޮވާލާ އިދިކޮޅު ކޯލިޝަނުން މާލޭގެ މަގުތަކުގައި އަންނަނީ ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ.

comment ކޮމެންޓް