ގިނަ ދުވަސްތަކަކަށް ފަހު ޑރ. ވަހީދު ސިޔާސީ މައިދާނުން، ވިދާޅުވީ ޑިމޮކްރެސީ ގެއްލުނަ ނުދެއްވާނެ ކަމަށް

ހޯޕް ކޮންފަރެންސްގައި ރައީސް ވަހީދު ވާހަކަދައްކަވަނީ / ސަން ފޮޓޯ: މުހައްމަދު ޝާތިއު

ދިވެހިރާއްޖޭ ޑިމޮކްރަސީ އޮތީ ނާޒުކުފައްތަރެއްގައި ކަމަށާއި، ގޭގައި ހުންނެވުމުގެ ބަދަލުގައި ސިޔާސީ މައިދާނަށް ނުކުންނެވީ ޑިމޮކްރެސީ ގެއްލުމަށް ދޫކޮށްލެވެން ނެތުމުން ކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ މައިދާނާ ދުރުގައި ހުންނެވުމަށްފަހު ރައީސް ޑރ. ވަހީދު މިފަދައިން ވިދާޅުވީ ޕީޕީއެމްގެ "ހޯޕް ކޮންފަރެންސް" ގައި ވާހަކަދައްކަވަމުންނެވެ.

ޑރ. ވަހީދު ވިދާޅުވީ، އެމަނިކުފާނު ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، ސިޔާސީ މަސައްކަތް ކުރެއްވުން ކޮންމެހެން ލާޒިމް ނޫން ކަމަށެވެ. ނަމަވެސް ރާއްޖޭގެ ޑިމޮކްރަސީ މިހާރު ނެތެމުންދާ ކަމަށާއި، އެކަން އެހެން ވާން ދޫކޮށްލައްވައި ގޭގައި ހުންނެވުމަށް އަމިއްލަ ޒަމީރަށް ގަބޫލުނުކުރެވޭ ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

އަޅުގަނޑަކީ ސިޔާސީ މައިދާނުގައި އުޅޭތާ ވަރަށް ގިނަ ދުވަސް ވެފައިވާ މީހެއް. މިއަދު އަޅުގަނޑަކަށް ނުޖެހޭ ސިޔާސީ މަައިދާނަށް ނުކުމެ އުޅޭކަށް. އަޅުގަނޑަށް ވަރަށް ހިތްފަސޭހަކަމާ އެކު ވަރަށް އަރާމުގައި އުޅެވިދާނެ. އެހެން ނަމަވެސް، މިއަދު އަޅުގަނޑުގެ ޒަމީރު ގަބޫލެއް ނުކުރޭ ސިޔާސީ މައިދާނުގައި ނޫޅެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު

އެ މަނިކުފާނު ވިދާޅުވީ، މަޖީދިއްޔާ ސްކޫލުގައި ކިޔަވާ ވިދާޅުވުމަށް އުޅުއްވީއްސުރެ ރާއްޖެއަށް ޑިމޮކްރަސީ ގެންނަވަން މަސައްކަތް ކުރެއްވި ކަމަށާއި، ޑިމޮކްރަސީއަށް ޓަކައި ދެކެވަޑައިގަންނަވަމުން އައި ހުވަފެންތަކާއި ކުރައްވަމުން އައި މަސައްކަތް މިއަދު ބަޔަކު ހުރަސް އަޅައި ހުއްޓުވާފައިވާ ކަމަށެވެ.

އަދި ރާއްޖެއަށް ޑިމޮކްރަސީ ލިބުނީ ދިގު ދަތުރަކަށް ފަހުކަން ފާހަގަކުރައްވައި ރައީސް ވަހީދު ވިދާޅުވީ، އެދަތުރުގައި އެމަނިކުފާނަށްވެސް ލައްކަ ބުރަ މަސައްކަތް ކުރެއްވިއްޖެ ކަމަށާއި އަނިޔާއާވެސް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ. މީގެއިތުރުން، ޑރ. ވަހީދު ވިދާޅުވީ ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް ކޮށްފައިވަނީ އެމަނިކުފާނު ވެރިކަން ކުރެއްވި ދެ އަހަރާއި ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރެއްވި ފަސް އަހަރު އެކަނި ކަމަށެވެ.

އޭރު ރައްޔިތުންނަށް ލިބިފައިވާ އެތައް ހައްގެއް މިއަދު ނެތިގެން ހިނގައްޖެ ކަމަށާއި، އެކަން އެހެން އޮތުމުން ސިޔާސީ މައިދާނަށް ނުކުންނަވަން މަޖުބޫރުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް