"ފަލަކާއިމެދު ރަގަޅަށް ވިސްނާ ފިކުރުކޮށްލުމުން ކުޅަދުންވަންތަކަން ހިތަށް ގެނެވި އިންސާނާގެ ނިކަމެތިކަން އިހުސާސްކުރެވި ހިތްތިރި މީހަކަށްވާނެއެވެ. އުޑަށް ބަލައިލުމުން މަޑިކިލަބުތަކާއި، ތަރިތަކާއި، ގުރަހަތަކާއި، ދުންހިލަތައް އަދި ގިނިހިލަތަކުގެ ހައިރާންކުރުވަނިވި ރީތިކަމާއި އެއްވަރަށް ކައުނުގައި ފޮރުވިފައިވާ އެތައް ސިއްރެއް ހޯދާ ބަލަން ހަނާ އަޅާފަދައެވެ. ނަމަވެސް މި ބޮޑު ކައުނުގައި ތިއްކެއްފަދައިންވާ ކުޑަ ދުނިޔެއިންވެސް ތިބާއަށް އެނގެނީ ކުޑަ މިންވަރެކެވެ. ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ޚާލިގުވަންތަ ﷲއަށް ކިޔަމަންތެރިވެ ގިނަގިނައިން ޒިކުރުކުރާށެވެ."

***

"ކާއިނާތު ބުނީ އޭނަގެ ބައްޕައަށްވެސް ކިޔަނީ ނާޒިމްއޭ. ނާޒިމް އޭނަގެ މަންމައަށް ލަނޑެއް ދީފައި ހަޔާތުން ނެރެ އެއްލައިލީޔޯ. އެހެންވެ ހިތަށް އެރީ އަޅުގަނޑާއި ކާއިނާތު ސިސްޓާރސްއިންނަށް ވެދާނެ އެއްވެސް ޗާންސެއް އޮވެދާނެތޯ؟ ބައްޕައާއިމެދު ޝައްކުވި ސަބަބަކީ ކާއިނާތުއާއި ބައްޕަ ފަލަކަށް ލޯބިކުރާވަރު ފެނުނީމަ. ދެމީހުންގެ އެއްގޮތް އިންޓެރެސްޓެއް ހުރީމަ އެގޮތަށް ވިސްނުނީ..."

"ފަލަކީ ކަންތަކަށް ލޯބިކޮށްގެން ބައްޕަގެ ދަރިންނަށް ވަންޏާ އެތައް ލައްކަ ދަރިންނެއް އުޅޭނެތާ...ޑޯންޓް ވޮރީ ދަރިފުޅު. ބައްޕަގެ ތިބުނާފަދަ ދަރިއެއް ހުރިކަމަށް އެނގިފައެއްނެތް....."ނާޒިމް ގެއްލިފައި ކަހަލަ ގޮތަކަށް ދުރަށް ބަލަން އިރުކޮޅަކު އިނދެލާފައި އަނެއްކާ ޓެލެސްކޯޕަށް ސަމާލުކަން ދިނެވެ.

"ސޮރީ ބައްޕާ. އަޅުގަނޑު ހިތަށް އެރީ އެގޮތަށް ވިނަމަ ހާދަ އުފާވާނެއޭ. އެކަހަލަ ސިސްއެއް ލިބޭނެނަމައޭ އަބަދުވެސް ހިތަށް އަރާ. ވަރަށް މަޖާ. ތަފާތު...."

އާޔާ އާއި އޭނަގެ ލޯބީގެ ފަސާނާ ހިއްސާކުރަން ހިތަށް އަރާފައިވެސް ނާޒިމް ފަސްޖެހުނެވެ. އާޔާގެ ހިތަށް ނޭދެވޭ އަސަރެއްކޮށްފާނެއެވެ. މަންމައެއްގެ މަގާމު އަތުލަން އުޅުނު ހާޖަރުދެކެ އެހިތުގައި ނަފްރަތާއި ފޫހިކަން ހިނގައިގެންފާނެއެވެ. އެއީ ނާޒިމް ބޭނުންވިގޮތެއް ނޫނެވެ. ނާޒިމް އޭނަގެ ފުރަތަމަ ލޯތްބަށް ގަދަރުކުރެއެވެ. ހާޖަރުއަށް މީހަކު ކުޑަ މީސްބަހެއް ބުނަން މިއަދުވެސް އޭނަގެ ހިތް ނުރުހެއެވެ. ފުރަތަމަ ލޯބި ހަނދާންނައްތައިލުން ފަސޭހަނުވާނެކަމަށް އޭނަވެސް ގަބޫލުކުރެއެވެ.

***

ޖީލަންގެ މަންމަ ލައިބްރަރީ ކޮޓަރިއަށް ވަންއިރު ޖީލަން ސޯފާސެޓްގައި އިށީދެލައިގެން ކޮންމެވެސް އެއްޗެއް ބަލަން އިނެވެ. މަންމަ ވަނުމާއެކު އަވަހަށް އަތުގައި އޮތް އެއްޗެއް ފޮރުވަންވެގެން ލީ ފޮތުތެރެއަށެވެ.

"ދަރިފުޅު. މަންމައަށް ސިއްރުން ކޮންކަމެއްތަ؟"

"ނަތިން މަންމާ..."ޖީލަން ނުތަނަވަސްވެފައިވާ ގޮތަކަށް ހީލައިފިއެވެ.

"މަންމައަށް އޮޅުވާނުލާ. ޖީލަން ކަމަކާއި ވިސްނާކަން މަންމައަށް އެނގޭ. ބައްޕަ ބުނުއްވި ކުރީ ދުވަހު ކާއިނާތު ކިޔާ އަންހެންކުއްޖަކާއި ދިމާވި ކަަމަށާއި ޖީލަންގެ ފްރެންޑެއްހެން ހީވި ވާހަކަ. ދެކުދިންގެ އޮތް ގުޅުމެއް ބައްޕައަށް ނޭގުނަސް ކޮންމެެވެސް ކަހަލަ ގުޅުމެއް އޮތްހެން ހީވިކަމަށް..........."

"ސުބުހާނަﷲ. ބައްޕަވެސް ދޯ....." ޖީލަން ހިނިގަނޑެއް ޖަހައިލިއެވެ. "ބައްޕަގެ ޕޭޝަންޓެއްނު އެއީ. މައުލޫމާތާއި މެޑިކަލް ރިކޯޑްސް ކޮންފިޑެންޝަލްކޮށް ބަހައްޓަން ޖެހޭނެ. ޕަބްލިކަށް އެނގިގެންނުވާނެ..."

"މިހާރު މަންމަ ޕަބްލިކަށް ތިހަދާލީ. އެހެންނޫނަސް ޖީލަން އަމިއްލައަށް ތިބުނީ ބައްޕަގެ ޕޭޝަންޓެކޭ.ބައްޕަ އެވާހަކައެއް ނުބުނޭ އެހެންވެ މަންމަ ހީކުރީވެސް އެހެން ތަނަކުން ދިމާވެގެން ދެއްކި ވާހަކައެކޭ...ދަރިފުޅު އަންހެންކުދިންނާއި ދުރުކަމުން ބައްޕަވެސް އެކަމާއި ފިކުރުބޮޑުވެ ކިތަންމެ ފަހަރަކު މަންމަކައިރީ އެވާހަކަ ދައްކަވައިފި. އަވަހަށް ދެން އެކަމާއި އުޅެންވީނު. ބައްޕައަށް ކާއިނާތު ފެނުމުން ޅީދަރިއަކަށް ހަދަން ރުހެވުނުހެން ހީވި....."

"ސިންގަލް ކޮށް ހުރުމަކީ ކްރައިމްއެއްނޫން މަންމާ..."

"ކައިވެންޏަކީ ސުންނަތެއް..." ޖުމައިލާ ހަނދާންކޮށްދިނެވެ.

"ލައްބަ. ސުންނަތްތަކަށް ފޮލޯކުރަން ޖެހޭ. ބައިވަރު ސުންނަތްވެސް ދޫކޮށްލެވިފައި މިހުންނަނީ. އެނީވޭސް މަންމައަށް ޝައްކުވެގެން އެވާހަކަ ދެއްކީތީ ބުނެފާނަން. ކާއިނާތުއަކީ ޖާނަލިސްޓެއް. އެއްކޮށް އޮފީހުގައި ވޯކްކުރުން ފިޔަވާ މަންމަ ތިހީކުރާފަދަ އެއްވެސް ގުޅުމެއްނެތް. އޭނަގެ ލޯބިވެރިޔެއްހުރޭ..."

"ދަރިފުޅުގެ އެކުވެރިން މިގެއަށް ދައުވަތުދޭންވީނު. ކުޑަ ޕާޓީއެއް ހަދައިލަން. ނޫނީ މަންމައަށް ކާއިނާތު ތައާރަފުކޮށްދީ..."

"މަންމާ. މިބުނީނު އެފަދަ އެއްވެސް ގުޅުމެއްނެތޭ..."ޖީލަން ހިތްހަމަނުޖެހުނުކަމުގެ ހެކިތައް މޫނުމަތިން ފެނިލިއެވެ.

"އެންމެ ރަގަޅު....އެހެންވިއްޔާ އެހެން އަންހެންކުއްޖެއް ނަމަވެސް އެންމެ ރަގަޅޭ. ޖީލަން ތިހެން ހުރެ މުސްކުޅިވާތަން ދެކެން އަހަރެމެން ބޭނުމެއްނޫން. ދެން އެރެންޖް މެރިޖަކަށް ދާނީ............."

ޖީލަންގެ ސީރިޔަސް ކަމާއި އަންހެންކުދިންނާއި ދުރުމިޒާޖުގެ ސަބަބުން އަންހެންކުދިންވެސް ބިރުން ދުވާނީ ދުރަށްކަން ޔަގީނެވެ. އެހެންވާންވީ ސަބަބަކީ ކޮބާހެއްޔެވެ؟ އަނެއްކާ ޖީލަންއަށް ކާއިނާތު ބޭވަފާތެރިވީހެއްޔެވެ؟ ޖުމައިލާގެ ހިތުގައި އެތައް ސުވާލުތަކެއް ފުނި ޖެހި ސިކުނޑި ފުރެންފެށިއެވެ.

އޭނަގެ ދަރިފުޅަކީ މުއްސަދި އާއިލާއަކަށް އުފަންވެފައިވާ ޒުވާނެކެވެ. ނޫސްވެރިޔަކަށްވުމަކީ އޭނަގެ ބައްޕަ ނާޒިމް ނުރުހޭކަމަކަށް ވުމުން ޑޮކްޓަރކަން ކިޔަވަން ބޭރަށްވެސް ދިޔައެވެ. ފުރަތަމަ އަހަރުވެސް ފާސްނުވުމުން ކުރިއަށް ދެވެން އޮތަސް ނާޒިމްގެ ޚިޔާލުވެސް ބަދަލުވީއެވެ. ދަރިފުޅު ބޭނުން ރޮގަކުން ކިޔަވަން ދާނެ ފުރުސަތު ތަނަވަސްކޮށްދިނުމުން އޭނަ ނޫސްވެރިކަމުގެ ދާއިރާއަށް ވަނުމަށްފަހު އެކުވެރިޔަކާއިއެކު ނޫސް ހުޅުވީވެސް އަމިިއްލަ މަސައްކަތުން ކުރިއަށް ދިޔުމުގެ ވިސްނުމުގައެވެ. ބައްޕަގެ މުއްސަދިކަމުގެ ތެރޭގައި އުޅުމަށްވުރެ އަމިއްލަ މަސައްކަތުން ލިބޭ ފައިސާގައި ބުރަދަން ހުންނާނެކަމަށް އޭނަ ދެކުނެވެ. ޖީލަންގެ އުޅުމުން އޭނައަކީ މުއްސަންޖެއްގެ ދަރިއެއްކަމަށް އެކަކުވެސް ހިޔެއްނުކުރެއެވެ. އެހާވެސް ހިތްތިރި ސާދާ ޒުވާނެކެވެ.

***

ކާއިނާތު ކޮމްޕިއުޓަރ ކައިރީ މަސައްކަތެއް ކުރަން އިނދެފައި ބަލައިލިއިރު ނަޒަރުގައި އަޅައިގަތީ ޖީލަންއެވެ. ޖީލަން އިނީ އޭނައާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެނަޒަރުގައިވަނީ ކޮންފަދަ ޝުއޫރެއްކަން އެއްގޮތަކަށްވެސް ރޭކާލާނެގޮތެއްނުވިއެވެ. އަޑިނޭގޭ ފުން ލޮލެކެވެ. ޖީލަން ނޭގޭކަމަށް ހަދާފައި ދުރަށް ބަލަންފެށިއެވެ.

"ލައިކާ އެހާވަރުން ޖީލަންއާއި ރުހެނީ ލޯ ރީތިވީމަކަމަށް ވާނީ. އެލޮލުގައި ދަންނަގޮތެއް އެބަހުރި. ކާކުގެ ލޮލެއްތަ؟" ކާއިނާތު ވިސްނަންފެށިއެވެ.

"ވަޓް؟ ސާބަހޭ. ޖީލަންގެ ލޮލާއި ހިތާވީތަ؟" މިސްބާހުގެ އަޑު އިވުމުން ކާއިނާތު ސިހިފައި އަތުގައި އޮތް ގަލަންވެސް ދޫވިއެވެ. އޭނަގެ ޚިޔާލުތަކަށް އަޑު އައީ ކިހިނެއްކަމެއްވެސް ނޭގެއެވެ. ޔަގީންވީ އޭނަ ހިތުގައި އޮތް އެއްޗެއް ދުލުން ބާރަށް ބުނެވުނުކަމެވެ. މިވެސް ގްރޭވްސް ޑިޒީޒްގެ ނިޝާނެއްހެއްޔެވެ؟ ކާއިނާތުއަށް ބޯ ހޫރައިލެވުނެވެ.

"ލޯ ރީއްޗޭ ބުނީ ޖީލަންއަށް ޖެއްސުމަށް.....މަށަށް ރީތިވެގެނެއްނޫން. ފިރިހެނާ ވާހަކަ ނުދައްކާ މަޑުން އިނީމަ..." ކާއިނާތު އޭނަ ގަސްތުގައި ބުނި އެއްޗެއްކަމަށް ހަދަންވެގެން ވަގުތުން ކަރުކެހިލިއެވެ.

"އަހަރެން ގާތުގައި ކުޑަ ދޫންޏެއް ބުނި ކާއީ ހިތަށް އެރި އެއްޗެއް ބާރަށް ބުނެވުނީއޭ..........." ބިލާލު ހުރިހާ ދަތްތައް ފެންނަވަރަށް ހީލައިގެން އިނދެ ބުނެލުމުން ކާއިނާތު އަނގަ ހުޅުވުނެވެ. އެހާ ރަގަޅަށް ބިލާލް އެކަން ދެނެގަތް ގޮތެއްވެސް ނޭގުނެވެ.

ކާއިނާތު ފައިލެއް ހިފައިގެން ގޮސް އަސަލްގެ ކެބިންއަށް ވަނެވެ. ސޮއިކުރަންވީ ލިޔުންތައް ދެއްކިއެވެ.

"އަސަލް. ކިހިނެއް މެރީޑް ލައިފް؟"

"ޕާސަނަލް ވާހަކަ އަހަރެން މުވައްޒަފުންނާއި ޝެއާ ނުކުރާނަން..."

"އަސަލް ފޮނިބޮޑުނުވޭ. އާޔާ ލިބިގެން ދެން މުއްސަދިވީމަ ކާއިނާތުގެ މަތިން ހަނދާން ނައްތާލަންވެއްޖެއްޔާ ވަރަށް ގޯސްވެދާނެ......." ކާއިނާތު ލޯ އަޅައިލިއެވެ.

"ފޮނިވަނީއެއްނޫން ކާއިނާތު. އަހަރެމެންނަކީ އަބަދު ޒުވާންފުރާގެ ކުދިންނެއްނޫން. ދުވަސްވެ ވިސްނުން ފުރިހަމަވާވަރަކަށް ހެޔޮނުބައި ވަކިކުރަން އެނގޭނެ. ކައިވެންޏަށްފަހު ހިލޭ އަންހެނުންނާއި އަނގަތަޅާ ބޭކާރު ވާހަކަދެއްކުމަށް ދީން ހުއްދައެއްނުކުރޭ. އައި ހޭވް ފިއާ.....ﷲ ހުރިހާ ކަމެއް ބައްލަވާ ވޮޑިގެންވޭ. ރަގަޅު ފިރިޔަކަށްވުރެވެސް ބޮޑަށް ރަގަޅު މުސްލިމަކަށްވާން ބޭނުމީ. އެހެންވެ ވާހަކަދައްކަން ބޭނުންނުވަނީ........" އަސަލް ފައިލްތަކުގައި ސޮއިކުރަމުން ދިޔައެވެ.

"ތެދެއް ތިބުނީ...ދީނުގައި އެތައް ކަމެއް އެހެން އޮވޭ އެކަމަކު ގިނަމީހުންނަށް ނުކުރެވޭ..."

"ގިނަމީހުންގެ ގޮތެއްނޭގޭ. އައިމް ޓްރައިން ޓު ބީ ބެޓާ...."

"އެންމެ ރަގަޅު ގުޑްބައި މިސްޓަރ އަސަލް..." ކާއިނާތުގެ ލޮލަށް ކަރުނަ ޖަމާވާގޮތްވިއެވެ. ރުޅިވެރި ކަރުނަތަކެވެ. އަސަލް އޭނަގެ ހަޔާތުން ނިކުމެގެން ދިޔަސް އެކުވެރިކަން ދެމިއޮންނާނެކަމުގައި އޭނަ އުއްމީދުކުރިއެވެ. ބާރުބާރަށް އެހެން ބުނެފައި ކުރިމަތީގައި ހުރެގެން ނުރޮވެނީސް އެތަނުން ނުކުމެގެން ގޮސް ފާޚާނާއަށް ވަދެ ދޮރު ލައްޕާލައިފިއެވެ. އޭނަ ދެރަވީ އަބަދަށްޓަކާ އަސަލް ވަކިވެގެން ދިޔަކަމުގެ އިހުސާސްކުރެވުމުންނެވެ. އޭނަގެ ގާތް އެކުވެރިޔާ ގެއްލުނީއެވެ. ހުރިހާ ގުޅުމެއް ނިމުމަކަށް އައީއެވެ. ދެން އޮންނާނީ ހަމައެކަނި ވެރިޔާއާއި މުވައްޒަފަކާއި ދޭތެރޭ އޮންނާނެ ރަސްމީ ގުޅުމެވެ. އެކަމުންވެސް ވިސްނުނީ ދުނިޔޭގެ ހުރިހާ އެއްޗަކީ ފަނާވެގެންދާނެ އެއްޗެހި ކަމެވެ. ހުރިހާ ގުޅުންތަކެއްވެސް މެއެވެ. އަސަލް އެކަންޏެއްނޫނެވެ. އެންމެ ލޯބިވި ސައިރަސްވެސް ވަކިވީއެވެ. ލޮލުގައި ގިނަވެގަތް ކަރުނަތަކާއެކު ވިސްނެންފެށީ ހެއްދެވި ފަރާތާއިމެދުގައެވެ. ހުރިހާ އެންމެން ދޫކޮށްލާފައި ދިޔަކަމުގައިވިޔަސް އަޅުތަކުންނާއިއެކު ވަނީ އެންމެ ފަރާތެކެވެ. އެފަރާތްދެކެ ލޯބިވުމުން ޔަގީނުންވެސް މިފަދަ ހިތްދަތި ނިމުމެއް ނާންނާނެއެވެ. އޭނައަށް އުޅެވުނީ އަވާ މެންދުރާއިހެދިއެވެ. ފަނާވެދަނިވި ދުނިޔެއާއިހެދިއެވެ. ވަޒީފާގައި ހުންނައިރު ފަހަރެއްގައިވެސް ނަމާދާއިމެދު ވިސްނާނުލާ އިރުއޮއްސެންވެސް އެކަމުގައި އިދެވިދާނެއެވެ.

ރޭގަނޑު ނިދަން އަރާ ބެލެނީ ފަލަކާއިބެހޭ ވީޑިއޯތަކެވެ. ނޫނީ ސައިރަސްއަށް ލިޔެވޭ ލޯބީގެ ސިޓީތަކަކީ އޭނަގެ ތާވަލްގެ އެންމެ މުހިއްމު އަދި އަގުހުރި ވަގުތުކަމުގައި އޭނަ ދެކުނެވެ.އަދިވެސް އޭނަގެ ސިޓީތަކަށް މެދުކެނޑުމެއްނެތެވެ. އެކަމުން ފައިދާއެއް ލިބޭނެތޯ ހިތާހިތުން ސުވާލުކުރެވުނެވެ. މީހަކަށްޓަކާ ދިރިއުޅުމުގެ އަގުބޮޑު ވަގުތުތައް ދުއްވައިލުމުން އޭނައަށް ވީ ކޮން ފައިދާއެއް ހެއްޔެވެ؟

ކާއިނާތު ނިންމީ ޟުހާ ނަމާދުކޮށްލުމަށެވެ. ނަމާދުކުރަން ޚާއްސަކޮށްފައިވާ ކުޑަތަންކޮޅުގައި އޭނަ ފިޔަވާ އެހެން އެއްވެސް މީހެއް ނެތެވެ. އިސްޓާކީނު ފަޔަށް ލެއްވުމަށްފަހު މުސައްލަމަތީގައި ހުރެގެން ދެ ރަކުއަތް ނަމާދެއްކޮށްލުމަށްފަހު ހެދުނުގެ ޒިކުރު ކިޔަވާލާ ގުރުއާނުން ސަފުހާއެއް ކިޔައިލެވުނުއިރު ކަރުނަތަކަށް ނިމުމެއް އަތުވެއްޖެއެވެ.

***

ކާއިނާތު އޭނަގެ އެންމެ ގާތް ދެ އެކުވެރިންކަމަށްވާ އާޔާއާއި ލައިކާއާއެކު ރެސްޓޯރެންޓްގެ މަތީ ބައިގާ ކާން ތިބިއިރު ތަފާތު ވައްތަރުގެ ކާއެއްޗެހިން މޭޒުު ފަޅުފިލުވާލާފައިވިއެވެ. ކާއިނާތު ދައްކަމުން ދިޔައީ އޭނަގެ ބައްޕަ ނާޒިމްގެ ވާހަކައެވެ. ނާޒިމް ކިޔާ ހުރިހާ މީހުންނަށް އޭނައަށް ބެލެނީ އޭނަގެ ބައްޕަކަމުގައި ހީކުރެވިއެވެ. އެނަންކިޔާ މީހުންދެކެ ރުޅިއަޔަސް މަދު މީހަކު އިސްތިސްނާކުރެވެއެވެ. އާޔާގެ ބައްޕަ ފަދައިންނެވެ. ކާއިނާތު ބުނީ ކުރީ ދުވަހު ޒުވާނަކު މަރާލައިގެން ހުކުމްއައި ނާޒިމް ފެނުމުން އޭނަ ބިރުގަތްކަމަށާއި ދެރަވެގެންގޮސް މަންމަގެ ގާތުން އެއީ އޭނަގެ ބައްޕަހެއްޔޭ އެހުނުކަމުގައެވެ. މަންމަ ބުނީ އޭނަ ދެނެފަރިތަ ނާޒިމް އެފަދަ އަމަލެއްނުކުރާނެ ކަމުގައެވެ. މަންމަ ބުނިގޮތުން ނާޒިމް ސިފަވީ ހަރުދަނާ މޮޅުމީހެއްގެ ގޮތުގައެވެ. ލޯބިވާން ދަންނަ ރަގަޅުމީހަކު މަންމައަށް ކެހިދޭންވީ ސަބަބެއް އޭނައަކަށް ނޭގެއެވެ.

"އޭ މަ ހަނދާން ނެތުނީއޭ ޖީލަން ސަލާމްބުނި..."

"އޭނ...." ލައިކާ ކޮށި އަރާގޮތްވިއެވެ. މޫނު ޖަންބެއްހެން ފިޔާތޮށިކުލަ އަރައިފިއެވެ.

"ޖީލަން ބުނީ ޗަބްސްދެކެ ވަރަށް ލޯބިވެޔޯ. އާފަލެއްހެންނޯ ހީވަނީ.........."

"ކާއީ ދޮގުނަހަދާ ބުނެބަލަ. އަހަރެންކަހަލަ ފަލަ މީހަކާއި އެހާ ރީތި ކުއްޖަކު ލައިކް ނުވާނެ......."

"ޖީލަން ކައިރިން ލައި އަހާބަލަ."

ލައިކާ ލަދުން މަރުވާވަރުވެފައި އިނަސް ތުންފަތްމަތް މަތިން ހިނިތުންވުން ފިލައިގެން ނުގޮސް ހުރީ ހިތަށް ލިބުނު ފިނިކަމަކުންނެވެ. ހަޔާތުގައި އައި އެންމެ އުފާވެރި އެއްވަގުތުކޮޅު ކަމުގައިވިއެވެ.

***

ހާޖަރު ސްޓްރޯކެއް ޖެހި ހޮސްޕިޓަލުގައި އެޑްމިޓްކުރުމަކީ ކާއިނާތުގެ ހަޔާތަށް އައި އެންމެ ބަނަ އެއް ދުވަހެވެ. މަންމައަކީ އޭނަގެ ހިތްވަރެވެ. މަންމަ ނެތުމުގެ އުނިކަމާއި ފަޅުކަން އިހުސާސްކުރެވުނީ އެކަނިވުމުންނެވެ. މަންމައެއްގެ ގުރުބާނީތަކާއި ލޯތްބަކީ ކިތަންމެ ބޮޑު އަގެއް ދިނަސް އަދާކުރެވޭނެ އެއްޗެއް ނޫނެވެ.ހިތާމަތައް ފުލުފުލުގައި ދިމާވާންފެށިޔަސް ކާއިނާތުގެ މޫނުމަތިން އެކަން ނުދައްކަން މަސައްކަތްކުރެއެވެ. މަންމަ ބަލިވުމުން ފައިސާގެ ދަތިކަން އިތުރުވެ އެހީއަށް ބޭނުންވިޔަސް އެހެން މީހުން ކައިރިން އެހީއަށް އެދުމަށްވުރެ އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ބޭނުންތައް ފުއްދަން ހާޖަރު އަބަދުވެސް ކާއިނާތުއަށް ވިސްނާދީފައިވިއެވެ.

އާއިލީ ޒިންމާގައި ހުރި ސަބަބު އޭނަ އޮފީސްކުދިންނަށްވެސް ސިއްރުކުރިއެވެ.

ވާރޭގެ ބޯ ތިކިތައް ބިއްލޫރިގަނޑުގައި ޖެހި ތިރިއަށް ދެމެމުންދާތަން ބަލަން އިންއިރު ކާއިނާތު ގެ ކުރިމަތީގައި ހުރީ އާވިއަރަ އަރާހުރި ކޮފީތަށްޓެކެވެ. ކުރިމަތީގައި ހުރި ތަށީގައި ބިސްގަނޑަކާއި ސެންޑްވިޗަކާއި ސަބްމެރިންއެކެވެ. ގޭގެ ޚަރަދުތަކާއި މަންމަގެ ބޭސްފަރުވާގެ ސަބަބުން ފައިސާހުސްވެ އަތްމަތި ހުސްވަމުން ދިޔައިރުވެސް ކެއުމަކީ ނޭވާލުންހާ މުހިއްމުކަމަކަށްވިއެވެ. ދެތިން ރޭ ރަގަޅަށް ނިދި ނުލިބުމުން ނިދީގެ އަސަރުތައް ފިލުވަން އެންމެ ގިނައިން ބޮވުނީ ކޮފީއެވެ. ހެނދުނުގެ ނާސްތާ ނަގަން ރެސްޓޯރެންޓަށް މިވަދެލީވެސް ބަނޑުހައިކަމާއި ނިންޖާއި ހަގުރާމަ ކުރުމުގައި ނުކުޅެދިގެންނެވެ. ހޮސްޕިޓަލުގެ އޭސީއާއި މޫސުމްގެ ފިނިކަމުންވެސް އޭނައަށް ފިނީގެ އުދަގުލެއް ނުވެއެވެ. އެހެން މީހުން ތިބީ ބަލާބެލުމަށް ހީކަރުވައިގަނެފައެވެ. ކުއްލިއަކަށް ޖީލަން ވަންތަން ފެނުމުން ކާއިނާތުއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހަމަރަގަޅަށްވެސް ޖީލަން އޭނައާއި ހިތާވެގެން ޖިންނިއެއްހެން އަވަލީހެއްޔެވެ؟ ފާރަލުމަކީ މީހަކަށް އެންމެ އުދަގޫވާނެ ކަންތައްތަކެވެ. ޔަގީނުންވެސް އޭނަގެ ހިތުގައި ޖީލަންއަށްޓަކާ އެއްވެސް މަގާމެއްނެތެވެ. ނޫނެކެވެ. އެވިސްނުނީ މުޅިން ރަގަޅަކަށް ނޫނެވެ. އެއްތަނެއްގައި މަސައްކަތްކޮށް ދުވަސްވުމުގެ ސަބަބުން އެންމެނާއިމެދު ކުލުނާއި ތަފާތު ލޯތްބެއް އުފެދިފައިވެއެވެ.

ޖީލަން ކޮފީތަށްޓެއް ހިފައިގެން އައިސް ހުއްދަހޯދުމެއް ނެތި ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ.

"ކާއިނާތު. މަންމަގެ ހާލު ކިހިނެއްތަ؟"

"މަންމަގެ ހާލު ހަމަ ރަގަޅު އަލްހަމްދުލިﷲ. އަހަރެން މިއިނީ ލައިކާއަށް އިންވައިޓްކޮށްގެން. ޖީލަން އައިކަން ނަސީބެއް. ދެކުދިން މީޓްކުރުވާނަން. ސަބަބަކީ......................." ކާއިނާތު ދެއަތުގެ އިނގިލިތައް މަހާލަމުން ދަތްދޮޅީގައި ވިއްދައިލިއެވެ."އެކަމަކު އެންމެ ސުވާލެއް އެބައޮތް. ކީއްވެ އަހަރެން ފެންނައިރަށް ޖީލަންގެ މޫޑު ގޯސްވަނީ؟ ނޫނީ ކެއާކުރުމުގެ އާ ވައްތަރެއްތަ؟ ނޫނީ ޖެލަސީ؟"

ކާއިނާތު އެއް ބުމަ އަރުވައިލިއިރު ލޮލުގައި ނުސިޔާނު ކަމެއްވިއެވެ.

"ނޫނީ ލޯބި؟"

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު