މިހާރު އޮތް ވެރިކަން ނިމުމަކަށް ގެނައުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދެކޮޅަށް ލޭއޮހުރުވުމަށް ދިއުމަކަށް ގޮވާލައި ކުރި ޓުވީޓެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބަލަމުން ގެންދަނީ މާލޭ ސިޓީ ކައުންސިލުގެ ތަރުޖަމާނު މަރިޔަމް ޝިއުނާ ކުރެއްވި ޓުވީޓެއްގެ މައްސަލައެވެ.
ޝިއުނާ ކުރެއްވި ޓުވީޓުގައި ވަނީ ވަރަށް ހަރުކަށިކަމާއެކު ބަޔަކު ނިކުމެ މިހާރު އޮތް ވެރިކަން ނިންމަން ވެއްޖެ ކަމަށެވެ. އަދި މިހާރު އޮތް ރައީސް ޞާލިޙުގެ ސަރުކާރަކީ ކޮންމެ ދުވަހަކު މުސްލިމުންގެ މައްޗަށް އަނިޔާވެރިވަމުންދާ ސަރުކާރެއް ކަމަށް އޭނާގެ ޓުވީޓުގައިވެއެވެ.
"ޓުވީޓް ކުރަން ތިބެގެން މިކަން ވާކަށް ނެތް. ލޭއޮހޮރުވުމަކުން ވެސް ބަދަލުކުރަން ވެއްޖެ،" އޭނާގެ ޓުވީޓުގައިވެއެވެ.

ޝިއުނާގެ ކުރި ޓުވީޓުގެ ސްކްރީންޝޮޓެއް ---
އެކަމާ ގުޅިގެން ފުލުހުން މިއަދު "ސަން"އަށް ބުނީ "ނަންނަޒީވް"ގެ ނަމުގައިވާ ޓްވިޓާ އެކައުންޓުން ލޭއޮހޮރުވުމަށް ގޮވާލައި ކުރި ޓުވީޓެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެ ޓުވީޓާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން މިހާރު އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޝިއުނާ ކުރި އެ ޓުވީޓު މިހާރު ޑިލީޓް ކޮށްފައިވާއިރު އޭގެ ފަހުން އޭނާ ކުރި ޓުވީޓުގައި ބުނެފައިވަނީ އެ ޓުވީޓް ޑިލީޓް ކުރީ އޭގެން ބައެއް މީހުންނަށް ނުބައި މާނަ ނެގޭތީ ކަމަށެވެ. އަދި އެއްވެސް ހާލެއްގައި އެ ޓުވީޓުން ހަރުކަށި އަމަލެއް ހިންގުން [ލޭއޮހޮރުވުން] މާނަ ނުކުރާ ކަމަށް އޭނާގެ ޓުވީޓުގައިވެއެވެ.
ޓެރަރިޒަމަށް ހިތްވަރު ދިނުމަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެކެވެ.
މީގެ ކުރިން ވެސް އެފަދަ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް މީހުން ކުރާ ޓުވީޓުތަކާއި ޕޯސްޓުތަކުގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާ ވެސް އުފުލާފައިވެއެވެ.