ކޮޗިންއަށް ގެއްލުނު މަހުދީ ފެނިއްޖެ، ހާލު ރަނގަޅު

35 އަހަރުގެ މުހައްމަދު މަހުދީ --

ބޭސްފަރުވާއަށް އިންޑިއާގެ ކޮޗިންއަށް ގޮސް އުޅެނިކޮށް މިދިޔަ އަންގާރަ ދުވަހު ގެއްލުނު މަހުދީ ފެނިއްޖެއެވެ.

ކޮޗިންއަށް ގެއްލިގެން ހޯދީ، ކ.ތުލުސްދޫއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ މުހައްމަދު މަހުދީއެވެ.

މަހުދީގެ ދައްތަ އާމިނަތު އަރުޝީ މިއަދު "ސަން"އަށް ވިދާޅުވީ، މަހުދީ ފެނުނީ ހަމަ ދެންމެގެ ވަގުތެއްގައި ކަމަށެވެ.

"އިންޑިއާގެ ޕޮލިސް ސްޓޭޝަނުން ގުޅާފަ ބުނީ ޕާސްޕޯޓާ އެއްޗެހި ހިފައިގެން އަންނަން،" އަރުޝީ ބުންޏެވެ.

މަހުދީ ފެނުނުއިރު ހާލު ރަނގަޅުކަމަށް އޭނާ ބުންޏެވެ. ނަމަވެސް އިތުރު އެއްވެސް މައުލޫމަތެއް އަދި ނޭންގޭކަމަށް އޭނާ ބުންޏެވެ.

މީގެ ކުރިން "ސަން"އާ ވާހަކަ ދައްކަމުން އަރުޝީ ބުނީ، މަހުދީ އަކީ ބައިޕޯލާ ޑިސްއޯޑާ ވަރަށް ބޮޑަށް ހުންނަ މީހެއް ކަމަށެވެ.

"ކޮއްކޮ އަކީ ބައިޕޯލާ ޑިސްއޯޑާ ވަރަށް ބޮޑަށް ހުންނަ ކުއްޖެއް. މިހާރު ވަރަށްބޮޑަށް ވަޔަލަންޓް. މިއަދު ޑޮކްޓަރަށް ދެއްކިތަނުން މާބޮޑަށް ވަޔަލަންޓްވެ، ކޮންޓްރޯލް ނުވެގެން ހޮސްޕިޓަލުން ނިކުމެގެން ދިޔައީ. ފަހަތުން ދިޔަނަމަވެސް ވަކި ހިސާބަކުން ލޯމަތިން ގެއްލުނު. ދެން ހަމަ ވަގުތުން ކޮއްކޮ ހޯދުމުގެ މަސައްކަތް ފަށައިފިން،" އަރުޝީ ބުންޏެވެ.

އޭނާ ބުނީ މަހުދީ ގެއްލުނުތާ ގަޑިއިރެއްހާ އިރުގެ ތެރޭގައި ކޮޗިންގެ ފުލުހުންނަށް ރިޕޯޓްކޮށް، އޭނާ ހޯދުމުގެ މަސައްކަތް ފެށިކަމަށެވެ. އަދި ހަމަ އެއާއެކު ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށްވެސް އެކަން އަންގާފައިވާ ކަމަށާއި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއާ ގުޅިގެން މަހުދީ ހޯދުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ފަށާފައިވާކަމަށް އޭނާ ބުންޏެވެ.

އަރުޝީ ބުނީ ކޮއްކޮގެ ހާލަތު ގޯސްވުމާ ގުޅިގެން ފަރުވާ ހޯދަމުންދާތާ ހަތަރު އަހަރުވެފައިވާކަމަށާއި، މިފަހަރު ފަރުވާ ހޯދުމަށް އިންޑިއާއަށް ދިޔައީ ހޯމަ ދުވަހުކަމަށެވެ. އިންޑިއާއަށް ބޭސްފަރުވާއަށް ދިޔައީ އާސަންދައިގެ ދަށުންކަމަށްވެސް މަހުދީގެ އާއިލާއިން ބުނެއެވެ.

comment ކޮމެންޓް