ކޮޗިންއިން ގެއްލުނު މަހުދީ އަދިވެސް ނުފެނޭ

ކޮޗިންއިން ގެއްލިގެން ހޯދަމުންދާ، އުމުރުން 35 އަހަރުގެ މުހައްމަދު މަހުދީ --

މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ ކޮޗިންއިން ގެއްލުނު ކ. ތުލުސްދޫއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ މުހައްމަދު މަހުދީ އަދިވެސް ނުފެންނަކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު "ސަން"އަށް ބުނީ، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މަހުދީ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާކަމަށެވެ. އަދި އޭނާ ހޯދުމަށް ކުރާ މަސައްކަތް ގާތުން ބަލާކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މަހުދީ ގެއްލުނީ މިދިޔަ އަންގާރަ ދުވަހު ހެނދުނު 9 ޖަހާ އެހާކަންހާއިރު، ޑޮކްޓަރަށް ދެއްކުމަށް އަމްރީތާ ހޮސްޕިޓަލަށް ގޮސް ހުއްޓައެވެ.

މަހުދީގެ ދައްތަ އާމިނަތު އަރުޝީ މީގެ ކުރިން "ސަން"އަށް ދިން އިންޓަވިއުއެއްގައި ބުނީ، މަހުދީ އަކީ ބައިޕޯލާ ޑިސްއޯޑާ ވަރަށް ބޮޑަށް ހުންނަ މީހެއް ކަމަށެވެ.

"ކޮއްކޮ އަކީ ބައިޕޯލާ ޑިސްއޯޑާ ވަރަށް ބޮޑަށް ހުންނަ ކުއްޖެއް. މިހާރު ވަރަށްބޮޑަށް ވަޔަލަންޓް. މިއަދު ޑޮކްޓަރަށް ދެއްކިތަނުން މާބޮޑަށް ވަޔަލަންޓްވެ، ކޮންޓްރޯލް ނުވެގެން ހޮސްޕިޓަލުން ނިކުމެގެން ދިޔައީ. ފަހަތުން ދިޔަނަމަވެސް ވަކި ހިސާބަކުން ލޯމަތިން ގެއްލުނު. ދެން ހަމަ ވަގުތުން ކޮއްކޮ ހޯދުމުގެ މަސައްކަތް ފަށައިފިން،" އަރުޝީ ބުންޏެވެ.

އަރުޝީ ބުނީ މަހުދީ ގެއްލުނުތާ ގަޑިއިރެއްހާ އިރުގެ ތެރޭގައި ކޮޗިންގެ ފުލުހުންނަށް ރިޕޯޓްކޮށް، އޭނާ ހޯދުމުގެ މަސައްކަތް ފެށިކަމަށެވެ. އަދި ހަމަ އެއާއެކު ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށްވެސް އެކަން އަންގާފައިވާ ކަމަށާއި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއާ ގުޅިގެން މަހުދީ ހޯދުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ފަށާފައިވާކަމަށް އަރުޝީ ބުންޏެވެ.

އަރުޝީ ބުނީ ކޮއްކޮގެ ހާލަތު ގޯސްވުމާ ގުޅިގެން ފަރުވާ ހޯދަމުންދާތާ ހަތަރު އަހަރުވެފައިވާކަމަށާއި، މިފަހަރު ފަރުވާ ހޯދުމަށް އިންޑިއާއަށް ދިޔައީ ހޯމަ ދުވަހުކަމަށެވެ. އިންޑިއާއަށް ބޭސްފަރުވާއަށް ދިޔައީ އާސަންދައިގެ ދަށުންކަމަށްވެސް މަހުދީގެ އާއިލާއިން ބުނެއެވެ.

comment ކޮމެންޓް