ދިރާގު ކަލެންޑަރުން ފެބްރުވަރީ މަސް: ދިވެހި ޓެކް ދުނިޔޭގައި ވިދާލާފައިވާ އައިޝާއަށް ޚާއްސަ

ދިރާގުގެ ކަލެންޑަރުގައި އައިޝާ

ދިރާގުން މި އަހަރު ތަޢާރަފްކުރި ކަލެންޑަރުން ހާމަކޮށްދެނީ 12 މީހެއްގެ ވާހަކައެވެ. އެންމެ ފުރަތަމަ އޭގައި ހިމެނުނީ މުހައްމަދު ސިރާޖް އަޙްމަދު ނުވަތަ ސިޑޭގެ ކަނޑު އަޑީގެ ދިރިއުޅުމުގެ ވާހަކައެވެ. މި ފަހަރު، ފެބުރުވަރީ މަސް ޚާއްސަ ވަނީ ރާއްޖޭގެ ޑިޖިޓަލް ދުނިޔޭގައި ވިދާލާފައިވާ އަދި ދިވެހި ބަސް ކުރިއެރުވުމުގައި ވެސް ބުރަ މަސައްކަތްތަކެއް ކުރައްވާ އައިޝަތު އަދްނާނު ނުވަތަ އައިޝާ އަށެވެ.

އައިޝާ މިދާއިރާއަށް ވަނުމަށް އެންމެ ބޮޑަށް ޝައުގުވެރިކަން އުފެދުނީ އޭނާގެ ކޮއްކޮގެ ސަބަބުންނެވެ. އޭނާ ކޮމްޕިޓަރަށް ކުރާ ލޯތްބެއްގެ ބޮޑުކަމުން އައިޝާ ވެސް ޓެކް ސްޕޭސްއަށް ވަންނަން ބޭނުންވިއެވެ.

އައިޝާ އަކީ މިއަދު ދިވެހި ބަސް ޑިޖިޓަލް ޓެކްނޮލޮޖީއާ އެއްވަރަށް ކުރިއަރުވަން ބުރަ މަސައްކަތްތަކެއް ކުރައްވާ ކަނބަލެކެވެ. އެގޮތުން ދިވެހި އޭއައި އަށް އައިޝާ ކޮށްދެއްވަމުން ދާ މަސައްކަތްތަކުން މި ކަމަށް ހެކި ދެއެވެ.

ދިވެހި އޭއައި އަކީ ދިވެހި ބަސް ހިމާޔަތް ކުރުމަށް ދިވެހި ސްޕީޗް ޓު ޓެކްސްޓް ފަދަ އެކި ކަންކަން ކުރުމަށް ބޭނުންވާ ޓޫލްސްތައް ހިމެނޭ އޯޕަން ސޯސް ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގައި އައިޝާގެ އިތުރުން އެހެން އެތައް ބައެއް ވެސް ޝާމިލްވެއެވެ.

މިކަމުގެ ތެރެއަށް ވަދެ މި މަސައްކަތް އައިޝާ ކުރަން ފެށީ މުޖުތަމަޢަށް އެހީތެރިވެދިނުމާއި، ކުޑަކުދިންނާއި މައިންބަފައިންނާއި ދިވެހި ބަސް ދަސްކުރަން ބޭނުންވާ އެހެން މީހުންނަށް ވެސް ބޭނުންކުރެވޭނެ ވަސީލަތެއް އުފެއްދުމަށް މަގުފަހިކޮށްދިނުމަށް ބޭނުންވާތީއެވެ.

ވަކިން ޚާއްޞަކޮށް ދިވެހި.އޭއައި އަށް އައިޝާ މައިގަނޑު ގޮތެއްގައި ކުރަމުންދާ މަސައްކަތަކީ ސްޕީޗް ޓު ޓެކްސްޓްއަށް ފެއްތުމަށް ދިވެހި ބަހުގެ ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް ބޭނުންވާ ޑޭޓާ ސެޓްތައް އެއްކޮށް، ކޮމްޕައިލްކޮށް، ޔަގީން ކުރުމުގެ މަސައްކަތްތަކެވެ.

އައިޝާ ޚާއްސަ ވާ އެންމެ ބޮޑު ސަބަބަކީ މި ދާއިރާއަކީ ދިވެހި އަންހެން ކަނބަލުން ވަރަށް މަދުން ނޫނީ ނުފެންނާތީއެވެ. ޚާއްޞަކޮށް އަންހެން ކުއްޖަކަށް ޓެކް ދާއިރާއިން ކެރިއަރު ކުރިއަށް ގެންދިޔައިރު މި ދާއިރާގައި މަސައްކަތްކުރާ އަންހެނުން ފެނުނީ ވަރަށް މަދުން ކަމަށް ޙުދު އައިޝާ ވެސް ގަބޫލުކުރައްވައެވެ.

އެހެން ކަމުން އިތުރު އެހެން ދާއިރާއަކުން ކުރިއަށް ދިޔުމުގެ ބަދަލުގައި، ޓެކުގެ މަސައްކަތުގައި، ޓެކްގެ ދާއިރާއިން ކެރިއަރެއް އިޚްތިޔާރު ކުރީއެވެ.

އެކަމަކު، އެކަންކަމާ ނުވިސްނައި، މިއަދު އައިޝާގެ މުޅި ދިރިއުޅުން ޓެކަށް ހަދައިފިއެވެ. މުޖްތަމައުއަށް މިދާއިރާއަށް މީހުން އިތުރު ކުރުމަށް އެންޖީއޯ އެއް އައިޝާ ފެއްޓެވީ ވެސް އެ ހިސާބުންނެވެ. މައިގަނޑު ބޭނުމަކަށް ވީ، ޓެކް އިންޑަސްޓްރީއަށް އިތުރު އަންހެނުން ބައިވެރިވުމަށް ޝައުގުވެރިކަން އުފައްދައި، އެކަމަށް ބާރުވެރިކޮށް އަދި ފާހަގަކުރުމެވެ. އޭގެ ތެރެއިން އައިޝާ ދަނީ އެހެން ދެ ބޭފުޅަކާއިއެކު ވިމެން އިން ޓެކް މޯލްޑިވެސްގެ ނަމުގައި އެންޖީއޯ އެއް ހިންގަމުންނެވެ.

މިއަދު އައިޝާ އަކީ ޓެކުގެ ދުނިޔޭގެ މާހިރެކެވެ. ފާއިތުވި 15 އަހަރުގެ ކެރިއަރުގައި އައިޝާ ވަނީ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރަށް ޓެކްނޮލޮޖީ ސޮލިއުޝަންތައް ޑިޒައިންކޮށް، ތަންފީޒުކޮށް، މެނޭޖްކުރުމުގެ ތަފާތު ރޯލްތަކުގައި މަސައްކަތްކޮށްފައެވެ.

ޔުނިވާސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑް އިން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ އައިޝާ މިހާރު ގެންދަވަނީ ރާއްޖޭގައި ސޮފްޓްވެއާ ޑިވެލޮޕްމަންޓްގެ ބޮޑު، ފުރިހަމަ ޓީމެއް ލީޑް ކުރައްވަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް