16އަހަރުގެ ކުއްޖަަކާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 73 އަހަރުގެ މީހާ ދޫކޮށްލައިފި

16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 73 އަހަރުގެ މީހާ ވަނީ ދޫކޮށްލައިފަ ---

މެދުރާއްޖެ ތެރޭގެ އަތޮޅުތައް ހިމެނޭ ސަރަހައްދުގެ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 73 އަހަރުގެ މީހާ ދޫކޮށްލައިފިއެވެ.

ކ. އއ. އދ އަދި ވ. އަތޮޅު ހިމެނޭ ސަރަހައްދުގެ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ ހޯމަ ދުވަހުގެ ރޭ ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު 73 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ އެމީހާ ހަމަ އެދުވަހު ދޫކޮށްލާފައިވާ ކަމަށެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ދީފައިނުވާއިރު އަދިވެސް އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ޖިންސީ ގޯނާގެ އިތުރު މައްސަލައެއްގައި 60 އަހަރުގެ މީހަކު ވެސް ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހައްޔަރުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު "ސަން"އަށް ބުނީ އެމީހާގެ ބަންދަށް މިިދިޔަ ހޯމަ ދުވަހު 30 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ފުލުހުން އެންމެ ފުރަތަމަ ބުނީ ހއ. ހދ އަދި ށ. އަތޮޅުގައި ހިމެނޭ ސަރަހައްދުގެ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހައްޔަރު ކުރި 60 މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް