ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ބްރޮޑްކޮމްގެ މެންބަރުން ---

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިތުރުކޮށްފިއެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކުރަން ނިންމާފައިވަނީ އެކަމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވާ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސުމާ ގުޅިގެންނެވެ.

އަންނަ ހޯމަ ދުވަހު މުއްދަތު ހަމަވާނެ ކަމަށް ކަނޑައަޅާފައިވާއިރު، އެދުވަހަކީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހެވެ.

ރައީސް އޮފީހުން ބުނީ ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ ސުންގަޑިއެއްގެ ގޮތުގައި މިހާރު ކަނޑައަޅަފައިވަނީ އަންނަ ބުދަ ދުވަހުގެ މެންދުރު 12:30 ކަމަށެވެ. އެކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގްރާރާއި ކުށާއި ދަރަނީގެ ރެކޯޑު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އަންނަ އަންގާރަ އަދި ބުދަ ދުވަހު ހެނދުނު 9:30 އިން މެންދުރުފަހު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެކޮމިޝަނުގެ މެމްބަރު އަދި ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އަޙުމަދު ގައިސް އެމަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވިގެންވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. ކޮމިޝަންގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާއާއި، ނައިބު ރައީސް މުހައްމަދު ފަޒީންގެ އިތުރުން ކޮމިޝަންގެ މެމްބަރުން ކަމަށްވާ އަމްޖަދު ވަހީދު އާއި އަލީ ޔޫސުފް އާއި އާމިނަތު އަމީނާ އާއި ޝިފްލާ އިބްރާހީމްއެވެ.

comment ކޮމެންޓް