ފަހު ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 244.9 މިލިއަން ރުފިޔާ ލިބިއްޖެ

ދިރާގު ހެޑް އޮފީސް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް، ދިރާގަށް މިދިޔަ އަހަރުގެ އެންމެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 244.9 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ދިރާގުން ނެރެފައިވާ އެ ކުންފުނީގެ މިދިޔަ އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުތަކަށް ބަލާއިރު، މި ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 698.7 މިލިއަން ރުފިޔާ ލިބިފައެވެ. މި މުއްދަތުގެ ތެރޭގައި ދިރާގަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ މޯބައިލްގެ ޚިދުމަތްތަކުންނެވެ. ހަތަރު ވަނަ ކުއާޓަރުގައި މޯބައިލް ފޯނުގެ ޚިދުމަތްތަކުން ދިރާގަށް 350.3 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

މޯބައިލްގެ ޚިދުމަތްތައް ފިޔަވައި ދެން އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ފިކްސްޑް ބްރޯޑް ބޭންޑްގެ ޚިދުމަތުންނެވެ. މިބައިން ދިރާގަށް އާމްދަނީގެ ގޮތުގައި 330 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.

މިދިޔަ ކުއާޓަރުގައި ދިރާގު ހިންގުމުގެ ޚަރަދުގެ ގޮތުގައި 298.3 މިލިއަން ރުފިޔާ ރެކޯޑްކޮށްފައިވާއިރު، ވިޔަފާރި ހިންގައިގެން ލިބުނު އާމްދަނީ އުޅެނީ، 302.54 މިލިއަން ރުފިޔާގައެވެ.

މި ކުއާޓަރުގައި ޓެކްސްއަށް ކަނޑުމުގެ ކުރިން ދިރާގުގެ ފައިދާއަކީ 287.8 މިލިއަން ރުފިޔާއެވެ. ނަމަވެސް ޓެކްސްއަށް ކަނޑަންޖެހޭ 42.8 މިލިއަން ރުފިޔާ އުނިކުރުމަށްފަހު، މި ކުއާޓަރުގެ ދިރާގަށް ލިބުނު ސާފު ފައިދާ އަކީ 244.9 މިލިއަން ރުފިޔާއެވެ.

ދިރާގުގެ ބެލެންސްޝީޓަށް ބަލާއިރު، ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މާލީ ހާލަތު މިވަގުތު އެންމެ ރަނގަޅު ކުންފުނީގެ ގޮތުގައި ފެންނަނީ ދިރާގެވެ.

މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރު ނިމުނުއިރު، ކޭޝް އަދި ބޭންކް ބެލެންސްގެ ގޮތުގައި ޖުމްލަ 2.37 ބިލިއަން ރުފިޔާ ހުރިއިރު، ވިޔަފާރީން ލިބެންހުރި ފައިސާގެ އަދަދު 653.6 މިލިއަން ރުފިޔާއަށް އަރައެވެ. މީގެ އިތުރުން ކުންފުންޏަށް ލިބުނު ސާފު ފައިދާގެ ތެރެއިން އަތްނުލައި ބަހައްޓާފައިހުރި 3.02 ބިލިއަން ރުފިޔާ އެބައޮތެވެ.

ގައުމީ ޓެލެކޮމް ކުންފުނި ދިރާގަކީ ދިވެހި ސަރުކާރުގެ 41.8 އިންސައްތަ ހިއްސާ އާއި ބަހްރެއިނުގެ ބަހްރެއިން ޓެލެކޮމިޔުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ)ގެ 52 އިންސައްތަ ހިއްސާގެ އިތުރުން އާއްމު ރައްޔިތުންގެ 6.2 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.

comment ކޮމެންޓް