އެމެރިކާއިން ސިއްހީ ކުއްލި ހާލަތު އުވާލާނީ މެއި މަހު

އެމެރިކާގެ ރައީސް ޖޯ ބައިޑެން -- ފޮޓޯ: އޭއެފްޕީ

އެމެރިކާއިން ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ރަސްމީކޮށް އުވާލާނީ އަންނަ މެއި މަހުގެ 11 ވަނަ ދުވަހު ކަމަށް އެގައުމުގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ކޮންގްރެސްގައި އިއްޔެ ބައިޑެން އެކަން އިއުލާންކުރެއްވީ، ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން ނިމުމަކަށް ގެނައުމަށް ގޮވާލާ ގަރާރުތަކެއް ކޮންގްރެސްގެ ތިރީގޭގެ ރިޕަބްލިކަން ޕާޓީގެ މެމްބަރުން ހުށަހެޅުއްވި ފަހުންނެވެ.

އެ ޕާޓީން ދަނީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާ ބެހޭ ތަހުގީގެއް ފެށުމަށް ވެސް ތައްޔާރުވަމުންނެވެ.

ކުއްލި ހާލަތު އުވާލުމާއެކު އެމެރިކާގެ ގިނަ ބަޔަކު ކޮވިޑް-19އަށް ޓެސްޓުކުރުމަށާއި އެ ބައްޔަށް ފަރުވާ ހޯދުމަށް ފައިސާ ދައްކަން ފަށަން ޖެހިދާނެ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު ކުއްލިއަކަށް އުވާލައިފި ނަމަ މުޅި ސިއްހީ ނިޒާމު ހަލަބޮލިވެ ނުތަނަވަސްކަން އުފެދިގެންދާނެ. އަދި އޭގެ އަސަރު ސްޓޭޓްތަކަށާއި، ހޮސްޕިޓަލްތަކަށާއި، ޑޮކްޓަރުންގެ އޮފީސްތަކަށް އަދި ޚާއްސަކޮށް އެމެރިކާގެ ދިހަ މިލިއަން މީހުންނަށް ކުރާނެ،" އެމެރިކާގެ ފެޑެރަލް ބަޖެޓާ ގުޅުން ހުރި ކަންތައްތައް ބަލާ އޮފީސް އޮފް މެނޭޖްމަންޓް އެންޑް ބަޖެޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެމެރިކާގެ ކޮންގްރެސްއިން ވަނީ ކޮވިޑް-19އާ ގުޅޭ ގިނަ ޕްރޮގްރާމްތައް މިހާރު ވެސް މެދުކަނޑާލާފައެވެ. އެގޮތުން ކޮވިޑް ޓެސްޓު ހިލޭ ހައްދައި ދިނުމާއި ހިލޭ ވެކްސިން ފޯރުކޮށްދިނުމުގެ މުއްދަތު އިތުރު ކުރަން ބައިޑެންގެ ސަރުކާރުން ކޮންގްރެސްގައި އެދުނު ނަމަވެސް އެކަން ފާސްކުރަން މެމްބަރުން ވަނީ ދެކޮޅުހަދާފައެވެ.

މީގެ އިތުރުން ކުއްލި ހާލަތުގެ ދަށުން، ކޮވިޑް-19ގެ ދުވަސްވަރު އެމެރިކާގެ އެތައް މިލިއަން ބަޔަކަށް ހެލްތު އިންޝުއަރެންސްއާ ނުލައި ސިއްހީ ޚިދުމަތްތައް ލިބުނު ނަމަވެސް އެ ފިޔަވަޅު ވަނީ ދާދި ފަހުން އުވާލާފައެވެ.

އެމެރިކާއިން ކުއްލި ހާލަތު އުވާލުމާއެކު ދައުލަތުން ކޮވިޑް ވެކްސިން ގަތުން ހުއްޓާލުމުން ވެކްސިންގެ އަގު ބޮޑުވާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ. އެގޮތުން ފައިޒާއިން ވަނީ ވެކްސިންގެ ޑޯޒަކަށް 130 ޑޮލަރު ނަގާނެ ކަމަށް ބުނެފައެވެ.

އެމެރިކާގައި ބޫސްޓާ ޑޯޒާއެކު ކޮވިޑް ވެކްސިން ފުރިހަމަކޮށްފައި ވަނީ މިހާތަނަށް އެންމެ 15 އިންސައްތަ ރައްޔިތުންނެވެ.

އެމެރިކާގައި ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ހާލަތު އެންމެ ފުރަތަމަ އިއުލާން ކުރެއްވީ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ.

ބައިޑަން ވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ ފިޔަވަޅުތައް ތަކުރާރުކޮށް އިތުރު ކުރައްވާފައެވެ.

ބައިޑެންގެ ވެރިކަމުގައި، މިދިޔަ އަހަރު ކުއްލި ހާލަތު ނިމުމަކަށް ގެނައުމަށް ވިސްނެވި ނަމަވެސް ކޭސްތައް އިތުރު ވެދާނެ ކަމުގެ ކަންބޮޑުވުންތަކާއެކު އެކަން ވަނީ މަޑުޖައްސާލާފައެވެ.

އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނާ ގޮތުގައި 2020 ވަނަ އަހަރުން ފެށިގެން އެމެރިކާގައި މިހާތަނަށް 1.1 މިލިއަން މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. އެ އިދާރާއިން ބުނީ މިދިޔަ ހަފުތާގައި ކޮވިޑް-19 ޖެހިގެން ގާތްގަނޑަކަށް 3،700 މީހުން އެގައުމުގައި މަރުވެފައިވާ ކަމަށެވެ.

އެހެންނަމަވެސް ވެކްސިން ފުޅާދާއިރާއެއްގައި ލިބެން ފެށިފަހުން އެމެރިކާގައި މަރުވާ މީހުންގެ ނިސްބަތް ވަނީ ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ދަށްވެފައެވެ.

މަސްދަރު: އަލްޖަޒީރާ

comment ކޮމެންޓް