ޕާކިސްތާނުގެ ޕިޝާވަރު ސިޓީގެ މިސްކިތެއްގައި އިއްޔެ ބޮން ގޮއްވާލި ހާދިސާގައި މަރުވި މީހުންގެ އަދަދު 100އަށް އަރައިފިއެވެ.
މި ހަމަލާއަކީ ފަހުގެ ތާރީޚެއްގައި އެ ގައުމުގައި ދިން އެންމެ ވަރުގަދަ އަދި އެންމެ ނުރައްކާތެރި ހަމަލާއެވެ. އެނަލިސްޓުން ސިފަކުރާ ގޮތުގައި މިއީ ޕާކިސްތާނުގެ ގައުމީ ސަލާމަތަށް ކުރިމަތިވެފައިވާ ނުރައްކަލެކެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ އެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި، އެއީ "އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއް ކަމަށް" ވިދާޅުވެފައެވެ.
ޕާކިސްތާނުގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ ލޭޑީ ރީޑިން ހޮސްޕިޓަލްގެ ތަރުޖަމާނު، މުހައްމަދު އާސިމް އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ ހާދިސާގައި މަރުވި 100 މީހެއްގެ ހަށިގަނޑު މިހާތަނަށް އެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ފުލުހުންގެ އޮފިސަރުން ކަމަށް އެ ބަޔާނުގައިވެއެވެ.
އެ ހަމަލާގައި 225 އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވާއިރު އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތަކުގައިވެއެވެ.
ޕިޝަވާރުގެ ޑެޕިއުޓީ ކޮމިޝަނަރު ޝާފިއުالله ޚާން ވިދާޅުވީ، މިސްކިތުގައި ދިން ހަމަލާގައި އަނިޔާވި މީހުންގެ ތެރެއިން 80އަށް ވުރެ ގިނަ މީހުންނަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށެވެ.
ޕިޝާވަރުގައި ހުރި މިސްކިތުގައި އިއްޔެ ބޮން ގޮއްވާލީ މެންދުރު ނަމާދު ވަގުތަށް ގިނަ އަދަދެއްގެ ބަޔަކު މިސްކިތަށް ޖަމާވަމުންދިޔަ ވަގުތެއްގައެވެ. އެއީ ގާތްގަނޑަކަށް 13:30ހާއިރު ކަމަށް ރިޕޯޓުތަކުގައިވެއެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ފުލުހުން ކަމަށްވާއިރު އެއީ ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އަދި ބޮން ގޮއްވާލި ވަގުތު އެ ސަރަހައްދުގައި 300 އާއި 400 ދެމެދުގެ އަދަދަކަށް ފުލުހުންގެ އޮފިޝަލުން ތިބި ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
ސީއެންއެންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާގެ ޒިންމާ ނަގާފައިވަނީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ތާލިބާން ޖަމާއަތުންނެވެ. އެ ޖަމާއަތުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ހަމަލާއަކީ މިދިޔަ އަހަރު އެ ޖަމާއަތުގެ ހަނގުރާމަވެރިޔާ ޚާލިދު ޚުރާސާނީ މަރާލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ.
މިސްކިތުގެ ތެރޭގައި ގޮއްވައިލާފައިވާއިރު މި ހަމަލާގައި މިސްކިތުގެ ބައެއް ފާރުތަކާއި، ފުޅާރުން ބަޔެއް ވެއްޓުނު ކަމުގައި ފުލުހުން ވިދާޅުވެއެވެ. އަދި ވެއްޓިފައިވާ ބައިތަކުގެ ދަށުވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދުމަށް އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާއާ ގުޅިގެން ހިންގި ރެސްކިއު އެންޑް ރިކަވަރީ އޮޕަރޭޝަން މިހާރު ވަނީ ނިންމާލާފައެވެ. މިހާރު ކުރިއަށްދަނީ މަރުވެފައިވާ މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތް ކަމަށް އެ ނޫހުގައިވެއެވެ.
ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އެ ހާދިސާގައި ޒަޚަމުވެ، ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ މީހުންގެ ގާތަށް ޒިޔާރަތް ކުރައްވާފައެވެ. އަދި ހަމަލާގެ ފަހަތުގައި ތިބި މީހުންނަށް "ހަރުކަށި ފިޔަވަޅު" އަޅާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު ވަނީ ދެއްވާފައެވެ.