މަހެއް ވީއިރު، ޔާމީންގެ ހުކުމް އިސްތިއުނާފު ކުރެވޭނެ ދުވަހެއް ނޭނގޭ

ރައީސް ޔާމީން މާފުށީ ޖަލަށް ގެންދަނީ: މާފުށީ ޖަލުގައި އެމަނިކުފާނު ހުންނެވީ ހާއްސަ ޔުނިޓެއްގައި -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އިސްތިއުނާފު ކުރާނެ ކަމަށާއި ނަމަވެސް އިސްތިއުނާފަށް ހުށަހަޅާނެ ސީދާ ތާރީޚެއް ބުނަން ނޭނގޭ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ފަރާތުން ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ، ދަށު ކޯޓުން މިދިޔަ މަހު 25ގައި ވަނީ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

އެ ހުކުމް ގަބޫލުނުކުރާ ކަމަށާއި މަތީ މަރުހަލާގައި އިސްތިއުނާފު ކުރާނެ ކަމަށް މީގެ ކުރިން ވެސް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ފަރާތުން ވަނީ ބުނެފައެވެ.

އެކަމަކު، މިހާތަނަށް ހައި ކޯޓުން އާންމުކުރާ، އެ ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ރަޖިސްޓްރީން އެނގިފައިވާ ގޮތުގައި މިހާތަނަށް އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައެއް ނުވެއެވެ. އެހެންވެ، އެ މައްސަލަ އަދިވެސް އިސްތިއުނާފު ނުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އާދަމް ޝަމީމް ވިދާޅުވީ އިސްތިއުނާފު ކުރެވޭނެ ވަކި ތާރީޚެއް ދަންނަވަން ބޭނުންނުވާ ކަމަށެވެ. އެއީ، މަސައްކަތުގެ ބުރަ ކަމާއި ބޮޑު ކަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު، ކުރިއަށް އޮތް ހަފްތާއެއް ނުވަތަ ދެ ހަފްތާއެއް ތެރޭގައި އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"ވަރަށް ދަތި، މިވެނި ދުވަހަކު ލާނަމޭ އެހެން ދަންނަވަން. ވަރަށް ބުރަ، ވަރަށް ބޮޑު މަސައްކަތެއް މި ކުރަނީ." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މައްސަލައިގެ އިސްތިއުނާފު ކާމިޔާބު ކުރުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އަދި، މި މައްސަލަ ދައުލަތަށް ސާބިތު ކޮށްދެވިފައިނުވާ ކަމަށާއި ހައިކޯޓުން މައްސަލަ ކާމިޔާބުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މުޅި މައްސަލަ ބިނާކޮށްފައި މިއޮތީ ވަކި ގޮތަކަށް ބައްޓަން ކުރުމަށްޓަކައި ދިފާއީ ހެކި ބަލައިނުގަނެ، ލަހުން ހުށަހަޅާފައިވާ ހެކިތަކެއް ކަމަށް ނިންމަވާފައި، ދިފާއު ސާބިތު ނުކުރެވޭނެތީ އެ މައްސަލަ ސާބިތުވާ ކަހަލަ ގޮތަކަށް މިއޮތީ." ޝަމީމް ވިދާޅުވިއެވެ.

މި މައްސަލަ އިސްތިއުނާފު ކުރަން ދިފާއަށް 60 ދުވަހުގެ މުއްދަތެއް ލިބިދީފައިވާއިރު އެ މުއްދަތް ހަމަވާން އަދި ކައިރިވެސް ނުވެއެވެ. ނަމަވެސް އިސްތިއުނާފު ލަސްވުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަނީ މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން އިސްތިއުނާފީ މަރުހަލާ ނުނިމިދާނެތީއެވެ.

ކްރިމިނަލް ކޯޓުން 2019ވަނަ އަހަރު ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފުވެސް ހައިކޯޓުން ނިމުނީ އަހަރެއްހާ ދުވަހުންނެވެ. އެހެންވެ، ރިޔާސީ އިންތިޚާބުގެ ކުރިން މި މައްސަލައިގެ އިސްތިއުނާފު ނުނިމިދާނެ ކަމުގެ ބިރު ބޮޑެވެ.

އެފަހަރުގެ އިސްތިއުނާފީ މަރުހަލާގައި ހައިކޯޓުން މައްސަލަ ނިންމަން އަހަރަކަށްވުރެ ގިނަ ދުވަސް ނެގިއެވެ. އެކަމަކު، އެފަހަރު އިސްތިއުނާފީ މަރުހަލާ ދިގުދެމިގެންދިޔައީ ކޮވިޑުގެ ސަބަބުން ދިމާވި ގޮންޖެހުންތަކުގެ ސަބަބުންނެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި 96،000އަށްވުރެ ގިނަ ވޯޓު ހޯއްދެވި ޔާމީނަށް މިފަހަރު ވާދަކުރެއްވޭނެތޯ އިސްތިއުނާފީ މަރުހަލާގައި ނިންމިގެންދާއިރު، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ހުރިހާ ވެސް އުންމީދަކީ އެމަނިކުފާނަށް މިފަހަރުގެ އިންތިޚާބުގައި ވެސް ވާދަކުރެއްވުމެވެ. އެމަނިކުފާނަށް ޖަލު ހުކުމްކޮށްފައި ވަނީ ރިޔާސީ ޓިކެޓްވެސް ދީފައިވަނިކޮށެވެ.

comment ކޮމެންޓް