އީޕީއޭއިން އައްޑޫސިޓީ ކައުންސިލް 30 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

އައްޑޫ ސިޓީ --- ފޮޓޯ/ ޓައިމްސް އޮފް އައްޑޫ

ގަވާއިދާ ޚިލާފަށް އައްޑޫގެ ރުއްޖެހެރެ ސަރަހައްދުން ގިނަ އަދަދެއްގެ ރުއްގަސް ކަނޑާ، އެ ސަރަޙައްދުގައި ފެންގަނޑެއް ކޮނުމާއި، އަދި ގޮނޑުދޮށަށް ވެލި އެޅުމުގެ ސަބަބުން، އެންވަޔަރަމެނަޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އައްޑޫ ސިޓީ ކައުންސިލް 30 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

މިކަމާ ގުޅިގެން އީޕީއޭއިން ނެރުނު ބަޔާނެއްގައި ވަނީ، މިކަމުގެ ޝަކުވާ އެ އެޖެންސީއަށް ލިބިގެން އެ މައްސަލަ ބަލާފައި ވާކަމަށެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް އައްޑޫ ރުއްޖެހެރެ ސަރަޙައްދުގެ 17818.09 އަކަ މީޓަރުގެ ސަރަޙައްދަކުން ބިން ސާފުކޮށްފައިވާކަމާއި، އެ ސަރަޙައްދުން 1712.26 ކޮޑިމީޓަރު ވެލި ނަގައި ހިތުގެ ބައްޓަމަށް ފެންގަނޑެއް ކޮނެފައިވާކަމަށް އެ ބަޔާނުގައި ވެއެވެ.

އެހެންކަމުން އައްޑޫ ސިޓީ ކައުންސިލް 30 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައި ވާކަމަށް އީޕީއޭއިން ނެރުނު ބަޔާނުގައި ވެއެވެ. އަދި އިއްޔެއިން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމެނޭހެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ އީޕީއޭއަށް ދެއްކުމަށް އީޕީއޭއިން އަންގާފައިވެއެވެ.

މިކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލް މެމްބަރު ހުސައިން ޒަރީރު "ސަން"އަށް ވިދާޅުވީ، އައްޑޫސިޓީ ކައުންސިލުން ރުއްޖެހެ ސަރަހައްދު ޕިކްނިކް ސަރަހައްދަކަށް ހަދަން ނިންމާފައި ވާކަމަށެވެ.

ނަމަވެސް، އެ ސަރަހައްދުން ރުއްގަސް ކަނޑާ ކޮންނަން ކައުންސިލުން ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެނުނީ ބަޔަކާ ހަވާލުކޮށްގެން އެތަން ކޮނެފަ އޮއްވަ. ދެން މޭޔަރު ކައިރި އެވާހަކަ އަޅުގަނޑު ދެންނެވިން. ދެންނެވީމަ މޭޔަރު ވިދާޅުވީ އެތަން ކޮންނަން ހުއްދަ ނުދޭކަމަށް," ޒަރީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެއީ ކައުންސިލަށް އެނގިގެން ހިނގި ކަމެއް ނޫން ކަމަށެވެ.

comment ކޮމެންޓް