ރިޔާސީ އިންތިޚާބާ ގުޅޭ ޖޭޕީގެ ބޮޑު ނިންމުން ފެށޭ މަހު ފަހުކޮޅު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީން ނިންމާ ނިންމުން މި ފެށޭ ފެބްރުއަރީ މަހުގެ ފަހުކޮޅު ނިންމާނެ ކަމަށް އެޕާޓީގެ ތަރުޖަމާނު އަލީ ޞާލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ކުޑަތަން ވަމުން އަންނައިރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މިހާރު ވެސް ވަނީ ކޯލިޝަނަކާއެކު އިންތިޚާބަށް ނުކުންނެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. އެކަމާ މެދު ޖޭޕީން ގޮތެއް ނިންމައިފައެއް ނުވެއެވެ.

ރާއްޖޭގައި މިވަގުތު އޮތް ތިންވަނައަށް އެންމެ މީހުން ގިނަ ސިޔާސީ ޕާޓީ، ޖޭޕީގައި 18،000އެއްހާ މެންބަރުން ތިބެއެވެ. ރިޔާސީ އިންތިޚާބާ ގުޅޭ އެޕާޓީގެ ނިންމުންތައް ނިންމާނީ ދެން ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާއިން ފާސްކުރާ އެ ޕާޓީގެ ކައުންސިލުންނެވެ.

އަލީ ޞާލިހް މިއަދު "ސަން"އަށް ވިދާޅުވީ ގައުމީ މަޖިލީހުގެ ބައްދަލުވުން މި ފެށޭ ފެބްރުއަރީ މަހުގެ ފަހުކޮޅު ބާއްވާނެ ކަމަށެވެ. އެކަމަކު، އެ ޖަލްސާ ބާއްވާނެ ވަކި ތާރީޚެއް މިހާތަނަށް އެ ޕާޓީގެ ކައުންސިލުން ނިންމާފައިނުވާ ކަމަށެވެ.

އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު މިހާރު އަންނަނީ ޖަލްސާއަށް ތައްޔާރުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޖަލްސާގައި އެޕާޓީގެ އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ މެންބަރުންނާއި ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އާ ގާނޫނުއަސާސީ ތަސްދީގުކުރި ފަހުން ބޭއްވި ތިން އިންތިޚާބުގެ ތެރެއިން 2008 އަދި 2013ގެ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރެއްވިއެވެ. ނަމަވެސް، ދެވަނަ ބުރަށް ދިއުމަށް ބޭނުންވާ ވަރަށް ދެ އިންތިޚާބުގައި ވެސް ވޯޓު ލިބިފައެއް ނުވެއެވެ.

އެކަމަކު އެ ހުރިހާ ރިޔާސީ އިންތިޚާބެއްގެ ދެވަނަ ބުރުގައި ވެސް ކޯލިޝަން ހެދުމަށް އެންމެ މުހިއްމު ޕާޓީއަކީ ޖުމްހޫރީ ޕާޓީއެވެ. އާ ގާނޫނޫ އަސާސީގެ ދަށުން އުފެދުނު ތިން ސަރުކާރު ވެސް އުފެދުނީ ޖޭޕީގެ ހިއްސާވާ ކޯލިޝަނަކުންނެވެ.

comment ކޮމެންޓް