އަނެއްކާ ވެސް މެދު ރާއްޖެ ތެރެއާއި އުތުރަށް ނުރައްކާ މިންވަރަށް ވައި ނުސާފުވެއްޖެ

މާލޭގެ ވައި ނުސާފުވެފައި: އަނެއްކާވެސް އުތުރާއި މެދު ރާއްޖެ ތެރޭގެ ވައި ވަނީ ނުސާފުވެފައި-- ސަން ފައިލް ފޮޓޯ

އަނެއްކާ ވެސް މެދުރާއްޖެތެރެއާއި އުތުރަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވާން ފަށައިފިއެވެ.

މިކަމާ ގުޅިގެން "މެޓް" އޮފީހުގެ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ، ރާއްޖޭގެ ވައި ނުސާފުވަނީ، އިރުވައި މޫސުމުގައި ވައި ޖެހޭގޮތުން އިންޑިއާގެ ބޭ އޮފް ބެންގަލް ހުރަސްކޮށް ވަޔާއެކު އަންނަ ހިރަފުހާއި ދުމުގެ ސަބަބުން ކަމަށެވެ.

އޭނާ ވިދާޅުވީ، މިހާރު ހުޅުލޭގައި ދުރު ފެންނަ މިންވަރު ވަނީ ހަތަރު ކިލޯމީޓަރަށް ދަށްވެފައި ކަމަށެވެ. ނަމަވެސް، އާދައިގެ ވައި ސާފު ދުވަހެއްނަމަ 10 ކިލޯމީޓަރަށް ދުރު ފެންނެއެވެ.

މިވަގުތު ވައި އެންމެ ނުސާފުކޮށް ހުރީ ކުޅުދުއްފުށީ ސިޓީ، ލާމު އަތޮޅު އަދި ޅ. ނައިފަރަށެވެ. މި ސަރަހައްދުތަކުގައި ވައި ހުރީ ނުރައްކާވާހާ ނުސާފުކޮށެވެ.

ކުރިއަށް އޮތް ދެ ދުވަހު ވެސް ވައި ނުސާފުވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ. ނަމަވެސް ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ ކަމަށާއި ވިއްސާރަވުމުން ވައި ސާފުވާނެކަމަށް ލަފާކުރެވޭކަމަށް އެ އޮފީހުން ބުންޏެވެ.

އުތުރުގެ ރަށްތަކުގެ ވައި ނުސާފުކަން ދައްކައިދޭ ފޮޓޯއެއް

ވައި ނުސާފުވުމުން އެކަމުގެ ސިއްހީ ނުރައްކާތައް ހުރިހާ އުމުރެއްގެ މީހުނަސް ވެސް ކުރިމަތިވާކަމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުންޏެވެ.

އެގޮތުން އެޗްޕީއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ވައި ނުސާފުވުމުގެ ސަބަބުން ލޮލާއި ނޭފަތާއި ކަރުގައި ރިއްސުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ހަމުގެ މައްސަލަ ނުވަތަ ފުއްޕާމޭގެ މައްސަލަ ހުންނަ މީހުނަށް މިކަމުގެ އަސަރު ބޮޑަށް ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ވައި ނުސާވުމުން މެދުވެރިވެދާނެ ސިއްހީ މައްސަލައަކުން ސަލާމަތްވުމަށް ބޭރަށް ނުކުންނަ ވަގުތުތަކުގައި މާސްކް އަޅަން އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

"މި ހުންނަ ފޮތި މާސްކެއް ކަމަކު ނުދާނެ. ހަމަ އެންމެ ރައްކާތެރި މާސްކް އަޅަން ވާނީ،" އެޗްޕީއޭގެ އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް، ވައި ނުސާފު ވަގުތު ތަކުގައި ބޭރުގައި އުޅޭ ވަގުތު މަދުކުރުމަށާއި އެއާ ޕިއުރިފަޔާ ބޭނުންކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

"ފޮގް ވުން" އަދި "މިސްޓް" އާ ޚިލާފަށް މިހާރު ވައި ނުސާފުވުމަށް މެދުވެރިވާ "ހޭޒް" އަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލް ތަކެކެވެ. އެއީ ދުންފިންޏެއް ނޫނެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައި ވީނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެއެވެ.

އެޗްޕީއޭއިން މީގެ ކުރިން ބުނީ ވައިގެ ކޮލެޓީ ދެނެގަންނަން މަޝްހޫރު އެޕެއް ކަމަށްވާ "އައިކިއުއެއާ"އިން ރާއްޖޭގައި ވެސް އޭރަކު ވައި ނުސާފުވެފައި ހުރި މިންވަރު ބެލޭ ކަމަށެވެ. އެ އެޕްގައި ފާހަގަކޮށްފައި ހުންނަ ކުލަތަކުން ސެންސިޓިވް ގްރޫޕްގެ ތެރޭގައި ހިމެނޭ މީހުންނަށް ލިބޭނެ ގެއްލުން ގިންތިކޮށްފައި ހުރެއެވެ.

އެ އެޕްގައި ހިމެނޭ ކުލަތަކަކީ ފެހި ކުލަ، ރީނދޫ ކުލަ، އޮރެޖު ކުލަ، ރަތް ކުލަ، ދަނބުކުލައިގެ އިތުރުން އެއަށްވުރެ މަޑު ކުލައެކެވެ.

އެގޮތުން ފެހި ކުލައިން ދައްކައިދެނީ ވައި ސާފުކަމެވެ. އަދި ރީނދޫ ކުލައިން ދައްކުވައިދެނީ ކޮންމެވެސް ވަރަކަށް ވައި ނުސާފު ކަމެވެ. އަދި އޮރެންޖު ކުލައިން ދައްކައިދެނީ ސެންސިޓިވް ގްރޫޕްސްތަކުގައި ހިމެނޭ މީހުންނަށް ނުރައްކާ ވާވަރަށް ވައި ނުސާފުކަމެވެ. އަދި ރަތް ކުލައިން ދައްކައިދެނީ ވައި ނުސާފުވެފައިވާ މިންވަރު ރަނގަޅު ނޫން ކަމެވެ.

މީގެ އިތުރުން އެ އެޕްގައި ހިމެނޭ ދަނބުކުލައިން އަންގައިދެނީ ވައި ނުސާފުވެފައިވާ މިންވަރު އެއްވެސް ވަރަކަށް ރަނގަޅު ނޫން ކަމަށެވެ. އަދި ދަނބު ކުލައަށް ވުރެ ތަންކޮޅެއް މަޑު ކުލައަކުން ދައްކުވައިދެނީ ވައި ނުސާފުވެފައިވާ މިންވަރުން އާއްމުންގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމެވެ.

comment ކޮމެންޓް