އެމްޑަބްލިޔުއެސްސީއިން ޅ. އަތޮޅު ހޮސްޕިޓަލުގައި ޑައިލަސިސް ސެންޓަރެއް ހަދައިދީފި

އެމްޑަބްލިއުއެސްސީ އިން ގާއިމް ކުރި ޑައިލަސިސް ސެންޓަރު --- ފޮޓޯ/ އެމްޑަބްލިއުއެސްސީ

މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)އިން ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ޑައިލަސިސް ސެންޓަރެއް ހަދައިދީފިއެވެ.

އެ ޑައިލަސިސް ސެންޓަރު ހެދުމުގެ މަގުސަދަކީ، އެ ސަރަހައްދުގެ އަތޮޅުތަކުގައި ދިރިއުޅޭ ކިޑްނީ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުންޏެވެ.

އެ ސެންޓަރުގެ ސަބަބުން އެ ސަރަހައްދުގައި ކިޑްނީ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް މާލެ އައުމުގެ ބަދަލުގައި، ރަށުގައި ތިބެގެން ނުވަތަ އަތޮޅުން ވީހާވެސް ގާތުން، ފަސޭހަކަމާއެކު އެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެއެވެ.

އެމްޑަބްލިއުއެސްސީ އިން ގާއިމް ކުރި ޑައިލަސިސް ސެންޓަރު --- ފޮޓޯ/ އެމްޑަބްލިއުއެސްސީ

އެ ކުންފުނިން ބުނީ ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރަންޖެހޭ ހޭދަ އާއި، ޚިދުމަތް ހޯދުމުގައި އުފުލަންޖެހޭ ތަކްލީފުތަކަށް އެ ސެންޓަރުގެ ސަބަބުން ލުޔެއް ލިބިގެންދާނެކަމަށެވެ. އެ ސެންޓަރުގެ ޚިދުމަތް މި އަންނަ މަހުގެ ތެރޭގައި އާންމުންނަށް ލިބޭނެ ކަމަށް ވެސް އެމްޑަބްލިޔުއެސްސީއިން ބުންޏެވެ.

އެ ސެންޓަރު ހަދާފައި ވަނީ ބަލި މީހުންނަށް ޚާއްސަ ދެ އެނދާއި، އައިސޮލޭޝަން ރޫމަކާއި ޑައިލިސިސް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ބެހެއްޓޭނެ ގޮތަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

ނައިފަރުގައި ހެދި ޑައިލަސިސް ސެންޓަރުގެ އިމާރާތަކީ އެމްޑަބްލިޔުއެސްސީގެ ސީއެސްއާރުގެ ދަށުން ތަރައްގީ ކުރި އިމާރާތެކެވެ. އެގޮތުން ސެންޓަރު ބިނާކުރުމަށް އަށް ލައްކައަށް ވުރެން ގިނަ ރުފިޔާ އެކުންފުނިން ވަނީ ހޭދަކޮށްފައެވެ.

comment ކޮމެންޓް