އެސްއެސްނެޓުގެ ކަސްޓަމަރުންނަށް ގައުމީ ރޭޑިއޯގެ ތިން ޗެނަލްވެސް މިހާރު އަޑުއަހާލެވޭނެ

އެސްއެސްނެޓްއިން މިހާރު 'ދިވެހިރާއްޖޭގެ އަޑު' އަޑު އަހާލެވޭނެ --

ކޭބަލްޓީވީގެ ޚިދުމަތް އެސްއެސްނެޓުން މިއަދު ފަށާފައިވާއިރު، އެސްއެސްނެޓުގައި ރާއްޖޭގެ ގައުމީ ރޭޑިއޯގެ ތިން ޗެނަލެއް ހިމަނައިފިއެވެ.

އެސްއެސްނެޓުގައި ހިމެނޭ ރޭޑިއޯގެ ތިން ޗެނަލަކީ ދިވެހިރާއްޖޭގެ އަޑާއި، ދިވެހި އެފްއެމްގެ އިތުރުން ދީނުގެ އަޑެވެ. މިއީ ރާއްޖޭގައި ކޭބަލް ޓީވީގެ ޚިދުމަތެއްގައި ރޭޑިއޯ ޗެނަލްތަކެއް ހިމެނި ފުރަތަމަ ފަހަރެވެ.

އެސްއެސްނެޓުގައި ގައުމީ ރޭޑިއޯ ޗެނަލްތައް ހިމެނުމާ ގުޅޭގޮތުން އެސްއެސްނެޓްގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު އާސިފް (މޮންދު) މިއަދު ވިދާޅުވީ، މިކަމުގެ މައިގަނޑު މަގުސަދަކީ ގިނަބަޔަކަށް ރޭޑިއޯގެ އަޑު އިއްވުންކަމަށެވެ.

"ރޭޑިއޯ އަކީ ދިވެހިންގެ ވަރަށް ގާތް އެކުވެރިއެއް. ޚާއްސަކޮށް އުމުރުން ދުވަސްވީ ބޭފުޅުންގެ. ރޭޑިއޯއިން ވަރަށް ގިނަ މައުލޫމާތުތައް ފޮނުވާ. ޚާއްސަ ގޮތެއްގައި ދީނީ މައުލޫމާތުވެސް ހިމެނޭތީވެ އަޅުގަނޑުމެން އެސްއެސްނެޓުގައި ގައުމީ ރޭޑިއޯ ޗެނަލްތައް މި ހިމެނީ،" މޮންދު ވިދާޅުވިއެވެ.

އެސްއެސްނެޓުގައި ހިމެނޭ ރޭޑިއޯގެ ތިން ޗެނަލަކީ ދިވެހިރާއްޖޭގެ އަޑާއި، ދިވެހި އެފްއެމްގެ އިތުރުން ދީނުގެ އަޑު --

ޖިއޮގްރަފީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތަށް ބަލާއިރު، ބްރޯޑްކާސްޓިން ދާއިރާގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރޭޑިއޯގެ ޚިދުމަތް ފޯރުކޮށްދިނުމަށް ގޮންޖެހުންތަކެއް ހުރިކަމަށް ބްރޯޑްކާސްޓަރުން ފާހަގަކުރެއެވެ. މޮންދު ވިދާޅުވީ، މިއީވެސް އެސްއެސްނެޓުގައި ރޭޑިއޯ ޗެނަލް ހިމެނުމުގެ އެއް ސަބަބު ކަމަށެވެ.

"އަޅުގަނޑުމެން ކުރި ސާވޭއެއްގައި ވަރަށް ބޮޑަށް ފާހަގަވި ކަމެއް އެއީ، ރޭގަނޑު ދަންވަރު ވެސް ޓީވީ ހުޅުވާލާފައި ބަހައްޓައިގެން ރޭޑިއޯވެސް އަޑުއަހާކަން. އެސްއެސްނެޓުގައި ރޭޑިއޯ ޗެނަލްތައް ހިމެނުމުން މިކަމުގައިވެސް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ. ރޭޑިއޯއެއް ނެތަސް އެސްއެސްނެޓާއެކު ރޭޑިއޯ އަޑުއެހުމުގެ ފުރުސަތު ފަހިވެގެން މި ދިޔައީ،" މޮންދު ވިދާޅުވިއެވެ.

އެސްއެސްނެޓުގައި ދިވެހިރާއްޖޭގެ އަޑާއި، ދިވެހި އެފްއެމްގެ އިތުރުން ދީނުގެ އަޑު ހިމެނުމާ ގުޅިގެން، ރޭޑިއޯގައި ރާއްޖޭގެ އެންމެ މަގުބޫލް އެއް އަޑު، ނަސްރުﷲ އިދްރީސް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ ޗެނަލްތައް އެސްއެސްނެޓް ޕްލެޓްފޯމް މެދުވެރިކޮށް އަޑު އަހާލުމުގެ ފުރުޞަތު ފަހިކޮށްދެއްވީތީ އެސްއެސްނެޓްގެ ވެރިންނަށާއި އެންމެހާ މުވައްޒަފުންނަށް ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ޝުކުރު އަދާކުރާކަމަށް ވިދާޅުވެފައެވެ.

ރޭޑިއޯއަކީ ދިވެހިންގެ ވަރަށް ގާތް މިތުރެކެވެ. އެސްއެސްނެޓް ވުޖޫދަށް އައުމާއެކު ރޭޑިއޯގެ އަޑު ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

comment ކޮމެންޓް