ބޮޑު ހިނގާލުމަކާއެކު ޔާމީން މިނިވަންކުރަން ކޮންފަރެންސެއް ބާއްވަނީ

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ/ ޕީޕީއެމް

އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ޓަކައި ކުރާ މަސައްކަތުގެ ތެރެއިން ހޯޕް ކޮންފަރެންސްގެ ނަމުގައި އަންނަ ބުރާސްފަތި ދުވަހު ޚާއްސަ ހަރަކާތެއް ފަށަން ނިންމައިފައިވާކަމަށް ޕީޕީއެމުން މިއަދު ބުނެފިއެވެ.

ޕީޕިއެމް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އިސް މެމްބަރުންވަނީ ބައިވެރިވެލައްވައިފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ ހޯޕް ކޮންފަރެންސްގެ ތެރެއިން ކުރިއަށްގެންދާ ދެ ހަރަކާތަކީ ވެސް ފުލުހުންގެ ހުއްދައާއެކު ކުރިއަށްގެންދާ ދެ ހަރަކާތްކަމަށެވެ.

އެގޮތުން "ބުންވަރު"ގެ ނަމުގައި ހުކުރު ދުވަހު އޮންނަ ހިނގާލުމަކީ ސުލްހަވެރިކަމާއެކު ކުރިއަށްގެންދާނެ ހިނގާލުމެއްކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ. އެ ހިނގާލުމުގައި ރާއްޖޭގެ ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޝުޖާއު އެދިލެއްވިއެވެ.

"ގޭގެ ސިޓިން ރޫމްތަކުން މި ހިނގާލުން ބައްލަވާލެއްވުމުގެ ބަދަލުގައި ހަމަ އަޅުގަނޑުމެންނާއެކު ފިޔާތޮށި ކުލައިގެ ހެދުމުގައި، ފިޔާތޮށި ކުލައިގެ ބުރުގާ ތުރުކުރައްވައިގެން ހުރިހާ ބޭފުޅުން ވަޑައިގެންދެއްވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ އެދުމެއް،" ޝުޖާއު ވިދާޅުވިއެވެ.

މި ހަރަކާތް ފަށާނީ ހުކުރު ދުވަހު ހަވީރު 16:00ގައި ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ.

މިކަމާ ގުޅިގެން ވާހަކަދައްކަވަމުން އެ ކޯލިޝަންގެ އެކްޝަން ޑިޕާޓްމަންޓުގެ ޗެއާ މުހައްމަދު އިސްމާއީލް ވިދާޅުވީ ޕީޕީއެމުން ކުރިއަށްގެންދާ ހުރިހާ ހަރަކާތަކީ ވެސް ރައީސް ޔާމީންގެ ޚާއްސަ އިރުޝާދާއެކު ކުރިއަށްގެންދާ ހަރަކާތްތަކެއްކަމަށެވެ.

ހޯޕް ކޮންފަރެންސަކީ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މުޅި ރާއްޖެއަށް ހުޅުވައިލައިގެން ބާއްވާ ހަރަކާތެކެވެ.

ހޯޕް ކޮންފަރެންސާ ގުޅޭ މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ވިދާޅުވީ މިހާރު ވެސް 1،200 އަށްވުރެ ގިނަ މީހުން އެ ކޮންފަރެންސްގައި ބައިވެރިވުމަށް މާލެ އައިސްފައިވާކަމަށެވެ.

އެ ކޮންފަރެންސް ދަރުބާރު ގޭގައި ދެ ސެޝަނަކަށް ބަހައިލައިގެން ކުރިއަށްގެންދަން އިންތިޒާމުތައް ހަމަޖައްސަމުން އަންނަކަމަށް ވެސް ރުކުމާ ވިދާޅުވިއެވެ.

ހޯޕް ކޮންފަރެންސް ނިންމުމަށް ބާއްވާ ޖަލްސާ އޮންނާނީ އާޓިފިޝަލް ބީޗުގައި ހޮނިހިރު ދުވަހެވެ.

comment ކޮމެންޓް