ދުނިޔޭގެ ބޮޑެތި މައްސަލަތަކަކީ އެމެރިކާގެ ސިޔާސީ ހަތިޔާރެއް: ރިޕޯޓު

އެމެރިކާ ގެންގުޅެނީ ދުނިޔޭގެ ބޮޑެތި މައްސަލަތައް އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައި ބާއްވައި އެމައްސަލަތައް ސިޔާސީ އަދި އިގްތިސާދީ ޓޫލެއްގެ ގޮތުގައި ބޭނުންކޮށްގެން އެމެރިކާގެ ބައިވެރި ގައުމުތަކަށް (ޔޫރަޕްގެ ގައުމުތަކަށް) ފިއްތުންތައް ކުރިމަތިކޮށް އެގައުމުތައް އަޅުވެތިކުރުމުގެ އިސްތިއުމާރީ ސިޔާސަތެއްކަމަށް ޖިއޮޕޮލިޓިކަލް ރިސާޗް ރިޕޯޓެއް ބުނެފިއެވެ.

ތުރުކީގެ ޖިއޮޕޮލިޓިކަލް ދިރާސާ މަރުކަޒެއް ކަމަށްވާ "އަންކަރާ ސެންޓާ ފޯ ޕޮލިސީ ރީސާޗް" ބުނާގޮތުން ޔުކްރެއިން ހަނގުރާމައާއި ތައިވާން މައްސަލާގައި އެމެރިކާގެ މި ސިޔާސަތު ވަނީ ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައެވެ.

މި މަރުކަޒުން ނެރުނު ދިރާސާ ރިޕޯޓެއް ބުނާގޮތުން ޔުކްރެއިން ހަނގުރާމައިގެ ކުރިން ޔޫރަޕްގެ ގައުމުތަކާއި ރަޝިއާއާ ދެމެދު (ޚާއްސަކޮށް ޖަރުމަނާއި ރަޝިއާއާދެމެދު) އުފެދިގެންދިޔަ އިގްތިސާދީ ގުޅުންތަކުގެ ބޮޑުކަމުން އެމެރިކާއޮތީ ވަރަށް ކަންބޮޑުވެފައެވެ. ރަޝިއާގެ ގޭހާއި ތެޔޮ ޔޫރަޕަށް ސަޕްލައި ކުރުމަށްޓަކައި ރަޝިއާއާއި ޔޫރަޕާ ދެމެދު އަޅާފައިވާ ނޯޑް ސްޓްރީމްގެ ދެހޮޅި އާއި އެ ނޫންވެސް ހޮޅިތައް ބިނާކުރުމުގެ އިންވެސްޓްމަންޓްތަކަކީ މައިގަނޑު ގޮތެއްގައި ޖަރުމަނުގެ އިންވެސްޓްމަންޓްތަކެވެ.

މި ހޮޅިތަކާއެކު ރަޝިއާގެ ތެލާއި ގޭސް އަގުހެޔޮކޮށް ޖަރުމަނަށާއި ޔޫރަޕްގެ އެހެންގައުމުތަކަށް ލިބުމުން ޔޫރަޕަށް ދިޔައީ އިގްތިސާދީ ބޮޑެތި ފައިދާތަކެއްލިބި އެމެރިކާ އާ އިގްތިސާދީގޮތުން ވާދަކުރުމުގެ ތަނަވަސް ފުރުސަތުތަކެއް ލިބެމުންނެވެ. ނަމަވެސް ޔުކްރެއިން ހަނގުރާމައާއެކު ލިބުނު ފުރުސަތުގައި އެމެރިކާގެ ބޭނުމަކަށްވީ ރަޝިއާއާ ޔޫރަޕާ ދެމެދު (ޚާއްސަކޮށް ރަޝިއާއާ ޖަރުމަނާ ދެމެދު)ގައިވާ އިގްތިސާދީ މި ބިޔަ ގުޅުންތައް ފުނޑުފުނޑުކޮށްލުމެވެ.

ރަޝިއާއާ ޔޫރަޕާ ދެމެދުގައިވާ އިގްތިސާދީ ގުޅުންތައް ހަލާކުކޮށްލުމަކީ އެމެރިކާގެ ފައިބުޑަށް ކުރިއަށްވުރެ ބޮޑަށް ޔޫރަޕް (ޖަރުމަނުވެސް ހިމެނޭގޮތަށް) ވެއްޓޭނެކަމެއްކަން އެމެރިކާއަށް އެނގޭތީ އެމެރިކާ އިސްކަންދިނީ ރަޝިއާއާއި ޔޫރަޕާ ދެމެދު ވާހަކަދައްކައިގެން ޔުކްރެއިންގެ މައްސަލަ ހައްލުކުރުމަށް ހުރަސްއަޅައި އޭގެބަދަލުގައި ރަޝިއާއި ޔޫރަޕްގެ އިގްތިސާދީ ގުޅުންތައް ފުނޑާލުމަށެވެ.

އެއީ މިގުޅުންތައް ފުނޑާލުމުން ރަޝިއާގެ އަގުހެޔޮ ތެލާއި ގޭސް ނުލިބި ޔޫރަޕް ބަލިކަށި ކޮށްލެވޭނެ ކަމާއި ބަލިކަށިކޮށްލެވުމުން ކުރިއަށްވުރެ ވެސް ބޮޑަށް އެމެރިކާގެ މުށުތެރެއަށް ދާން (ޔޫރަޕްގެ އެންމެބޮޑު އިގްތިސާދު ކަމަށްވާ ޖަރުމަނުވެސް ހިމެނޭގޮތަށް) ޔޫރަޕްގެ ގައުމުތަކަށް މަޖުބޫރުވާނެތީއެވެ. މިކަމުގައި އެމެރިކާއަށް އެހީތެރިވެދިނީ އަބަދުވެސް އެމެރިކާއަށް މިބާވަތުގެ ކަންކަމުގައި އެހީތެރިވާ ކުރީގެ މައި އިސްތިއުމާރީ ބާރުކަމަށްވާ އިނގިރޭސިވިލާތެވެ.

އިނގިރޭސިވިލާތަކީ ޖަރުމަނާއި ސިނާއީގޮތުން ވާދަކުރެވޭވަރަށް ވުރެ މިހާރު ބަލިކަށި ގައުމެކެވެ. އިނގިރޭސީން ޔޫރަޕްގެ އިއްތިޙާދުގައި ތިންވަނަ ދަރަޖައަށް ވެއްޓުމާއެކު މީގެ ދެތިން އަހަރެއް ކުރިން އެމެރިކާގެ ބްލެސިންގް އާއެކު އެ ގައުމު ވަނީ ޔޫރަޕްގެ އިއްތިހާދުން ވަކިވެފައެވެ. ޖަރުމަނާއި ފަރަންސޭސީންގެ ނުފޫޒުގައި އުޅެންޖެހިދާނެކަމުގެ ކަންބޮޑުވުންވެސް އިނގިރޭސިވިލާތަށް އޮތުމުންނެވެ.

ރަޝިއާއާއި ޔޫރަޕާ ދެމެދު (ބޯލްޓިކް ކަނޑު ހުރަސްކޮށް ޖަރުމަނުގެ މަގުން) އަޅާފައިވާ ނޯޑް ސްޓްރީމް ދެ ހޮޅިއަކީ ރަޝިއާއާއި ޔޫރަޕު އިގްތިސާދީ ގޮތުން ގުޅުވައިދިން ލޭނާރެވެ. މިދިޔަ އަހަރު ނޯޑް ސްޓްރީމްގެ ހޮޅިތައް ވަނީ ގޮތް ނޭންގޭ ފަރާތަކުން ގޮއްވާލާފައެވެ. މިކަމުގެ ފަހަތުގައިވާ ކަމުގެ ތުހުމަތު ރަޝިއާއިން ކޮށްފައިވަނީ އިނގިރޭސިވިލާތުގެ މައްޗަށެވެ. އިނގިރޭސީން މިކަން ކުރިކަމަށް ވަނީ އެމެރިކާގެ ފެހި އައްޔާއެކުގައެވެ. ޔޫރަޕްގެ ބައެއް ގައުމުތަކުން ވެސް މިއީ އިނގިރޭސީންގެ ކަމެއް ކަމަށް ޝައްކު ކުރެއެވެ.

ނޯޑް ސްޓްރީމްގެ ހޮޅިތައް ގޮއްވާލުމާއެކު ރަޝިއާއާއި ޔޫރަޕް ގުޅުވައިދޭ އިގްތިސާދީ ލޭނާރުވަނީ ބުރިކޮށްލެވިފައެވެ. މިކަމުގެ ބޭނުމަކީ ޔުކްރެއިން ހަނގުރާމައަށް ފަހު ވެސް ރަޝިއާއާއި ޔޫރަޕް އިގްތިސާދީ ގޮތުން ނުގުޅޭ މިންވަރަށް އެ ދެފަރާތް ދުރުކުރުންކަމަށް މިރިޕޯޓް ބުނެއެވެ.

ރަޝިއާގެ އަގުހެޔޮ ގޭހާއި ތެޔޮ ނުލިބުމާއެކު ނުވަތަ ލިބޭވަރު 80 އިންސައްތައަށް ދަށަށްދިޔުމާއެކު ޔޫރަޕަށް ވަނީ ހަކަތައިގެ ދަތިކަން އިންތިހާއަށް ފޯރާފައެވެ. ޔޫރަޕަކީ ހަކަތަ ހުރި ކޮންޓިނެންޓަކަށް ނުވާއިރު އެއީ ޔޫރަޕްގެ ބަލިފައިކަން އެމެރިކާ ވަރަށް ރަނގަނޅަށް ދަނެއެވެ. ޔޫރަޕްގައި ޓެކްނޮލޮޖީއާއި ސިނާއަތު އޮތްކަމަށް ވިޔަސް އަގުހެޔޮ ހަކަތައާ ނުލައި ޔޫރަޕަށް ހިންދެމިއެއް ނުލެވޭނެއެވެ. އަދި ކުރިން އޮތް ތަނަވަސްކަން ވެސް އެގޮތުގައި ދެމެހެއްޓޭނެ ގޮތެއް ނޯންނާނެއެވެ.

ޔުކްރެއިން ހަނގުރާމައާއެކު ޔޫރަޕް މިހާރު ވަނީ ރަޝިއާގެ އަގުހެޔޮ ހަކަތައިގެ ބަދަލުގައި އެމެރިކާގެ އަގުބޮޑު ހަކަތައަށް ބަރޯސާވާން ޖެހިފައެވެ. މިއާއެކު ޔޫރަޕްގެ އިގްތިސާދު ހީނަރުވެ ޔޫރަޕްގެ ބޮޑެތި ކުންފުނިތައް ވަނީ ޔޫރަޕް ދޫކޮށް އެމެރިކާ ހިމެނޭގޮތަށް އެހެން ގައުމުތަކަށް ހިޖުރަކުރަން ފަށައިފައެވެ.

ދެވަނަ ބޮޑުހަނގުރާމައަށް ފަހު އެމެރިކާ ވަނީ މުޅި ޔޫރަޕް އަސްކަރީގޮތުން އަތްދަށުލާފައެވެ. ޔުރަޕްގެ މަދު ގައުމެއްގައި ނޫނީ އެމެރިކާގެ އެތަށް ހާސް ސިފައިންނާއި އަސްކަރީ ބޭސްތައް އޮވެއެވެ. ޖަރުމަނަށް ބަލާއިރު ޖަރުމަނުގައި އެމެރިކާގެ 80 ހާސް ސިފައިންނާއި 17 އަސްކަރީ ބޭސް އޮވެއެވެ.

"އަންކަރާ ސެންޓާ ފޯ ޕޮލިސީ ރީސާޗް"ގެ ރިޕޯޓް ބުނާގޮތުން ތައިވާނުގެ މައްސަލައިން ވެސް ވަނީ މި މަންޒަރު ފެންނަން ފަށައިފައެވެ. ތައިވާނުގެ މައްސަލައަށް ބަލާއިރު އެއީ ހަގީގަތުގައި ޗައިނާގެ ދާޚިލީ މައްސަލައެކެވެ. ތައިވާނަކީ 1949 ގައި ޗައިނާއާ ވަކިވެގެނެގެން އުޅޭ ޗައިނާގެ ޖަޒީރާއެކެވެ. އެގައުމުން މިހާތަނަށް މިނިވަންކަން އިއުލާނުކޮށްފައެއް ނުވެއެވެ. ނަމަކީވެސް ރިޕަބްލިކް އޮފް ޗައިނާއެވެ.

ނަމަވެސް އެމެރިކާ ގެންދަނީ މިމައްސަލައިގެ ތެރެއަށް ވަދެ އެކަން ބައިނަލްއަގްވާމީ މައްސަލައަކަށް ހަދަން މަސައްކަތް ކުރަމުންނެވެ. ޒަމާނުއްސުރެ ޗައިނާއާ ގުޅުން ގޯސް ގައުމެއް ކަމަށްވާ ޖަޕާންވެސް މިމައްސަލައިގެ ތެރެއަށް ވައްދަން މަސައްކަތް ކުރަމުންނެވެ.

ޔޫރަޕްގެ ގައުމުތަކަކީ (އިނގިރޭސިވިލާތް ފިޔަވައި) މިމައްސަލައިގެ ތެރެއަށް ވަންނަ ގައުމުތަކެއް ނޫނެވެ. އަނެއްކޮޅުން ޖަރުމަނު ފަދަ ޔޫރަޕްގެ ގައުމުތަކީ ޗައިނާއާ ވަރަށް ބޮޑަށް އިގްތިސާދީގޮތުން ގުޅުންތައް ބަދަހިކުރަމުން ގެންދިޔަ ގައުމުތަކެކެވެ. މިއީ އެމެރިކާ އެއްގޮތަކަށްވެސް ރުހޭ ކަމެއްނޫނެވެ. އެމެރިކާގެ ނުރުހުނު ނަމަވެސް މިދިޔައަހަރުގެ ފަހުކޮޅު ޖަރުމަނުގެ ޗާންސެލާ އޮލްފް ޝުލްޒް ވަނީ ޗައިނާއަށް ޒިޔާރަތް ކުރައްވައި ޗައިނާއާއި ޖަރުމަނާދެމެދު އިގްތިސާދީ ގުޅުންތައް ބަދަހިކުރުމުގެ އެތަށް އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ.

މިއީ އެމެރިކާ ވަރަށް ހިތްހަމަ ނުޖެހުނު ކަމެކެވެ. އެހެންކަމުން އެމެރިކާ މިހާރު މަސައްކަތްކުރަނީ ތައިވާނުގެ މައްސަލައިގެ ތެރެއަށް ޖަރުމަނާއި ޔޫރަޕްގެ އިއްތިހާދުގެ އެހެ ންގައުމުތައް ވެސް ވައްދައިގެން އެގައުމުތައް ޗައިނާއާ ޖެއްސުމަށްކަމަށް މިރިޕޯޓް ބުނެއެވެ.

ޔޫރަޕްގެ އިއްތިހާދުގެ މައި ވިޔަފާރި ޕާޓްނަރަކީވެސް އެމެރިކާގެ ބަދަލުގައި ޗައިނާއެވެ. މިކަން މިގޮތަށްވީ ޗައިނާގެ އުފެއްދުންތެރިކަން ބޮޑުކަމުންނެވެ. ޗައިނާގެ އިންފަރާސްޓްރަކްޗާ ވަރުގަދަވެފައި ސިނައަތު ފުޅާކަމުންނެވެ. ނަމަވެސް ޗައިނާއާއި ޔޫރަޕްގެ އިއްތިހާދަ ދެމެދު މިފަދަ ބޮޑު ގުޅުމެއް އޮތުމަކީ އެމެރިކާއަށް ކެތްވާވަރު ކަމެއްނޫނެވެ.

އަނެއްކޮޅުން ޗައިނާ ދުނިޔެއާ ގުޅާލާ ބެލްތް އެންޑް ރޯޑު މަޝްރޫއުގައި ޔޫރަޕްގެ ގިނަ ގައުމުތަކެއް ބައިވެރިވާއިރު މިއީވެސް އެމެރިކާ ކަންބޮޑުވާ ކަމެކެވެ. އެހެންކަމުން ތައިވާންގެ މައްސަލައިގެ ތެރެއަށް ޔޫރަޕްގެ ގައުމުތައް ވައްދައި ޗައިނާއާ އެ ގައުމުތައް ޖައްސައިގެން މި ގުޅުންތައް ހީނަރުކޮށްލަން އެމެރިކާ ގެންދަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުން ކަމަށް މިރިޕޯޓް ބުނެއެވެ.

ހަތްދިހަ އަހަރުވީ ފަލަސްތީނުގެ މައްސަލަ ވެސް ހިމެނޭގޮތަށް އެމެރިކާއަކީ ދުނިޔޭގެ ބޮޑު އެއްވެސް މައްސަލައެއް ހައްލުކުރަން މަސައްކަތް ކުރާ ގައުމެއް ނޫނެވެ. އޭގެބަދަލުގައި އެމެރިކާ ގެންދަނީ އެމެރިކާގެ އަމިއްލަ ޖިއޮޕޮލިޓަކަލް ބޭނުންތަކަށް (ދުނިޔޭގައި އެމެރިކާގެ އާރާއި ބާރާއި ނުފޫޒު ދެމެހެއްޓުމަށް) މިމައްސަލަތައް ހަތިޔާރެއްގެ ގޮތުގައި ހަދަމުން ކަމަށް މި ރިޕޯޓް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް