50،000 މެމްބަރުންނާއެކު އެމްޑީޕީގައި ގޮތްޕެއް ހަދަން ޖެހޭ: ނަޝީދު

އެމްޑީޕީގައި "ފިކުރެއްގެ ދިރުން" ނަމުގައި 50،000 މެމްބަރުން ހަމަކޮށް ޚާއްސަ ގޮތްޕެއް ހަދަން ޖެހޭ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެ ޕާޓީގެ ތެރޭގައި އޮތް ވާދަވެރި ރިޔާސީ ޕްރައިމަރީގެ ވޯޓުން ލިބިވަޑައިގެންނެވި ނާކަމިޔާބަށްފަހު، ފުރަތަމަ ފަހަރަށް އެ މަނިކުފާނުގެ ކެމްޕޭން ޓީމާއި ނޫސްވެރިންނާއެކު ދޮން މަނިކު ސްކައިވިއުގައިި ބައްދަލުކުރައްވައި ވިދާޅުވީ، އެ މަނިކުފާނު ވެސް އަދި އެ މަނިކުފާނަށް ތާއީދުކުރާ އެއްވެސް އާންމު މެމްބަރަކު ވެސް އެމްޑީޕީގެ އަސާސީ ގަވައިދާ ޚިލާފެއް ނުވާނެ ކަމަށެވެ.

https://sun.mv/173477

"އަޅުގަނޑުމެން މިވަގުތު ކުރާން އޮތް ކަމަކީ 50،000 މީހުންގެ ފިކުރެއްގެ ދިރުމުގެ ގޮތްޕެއް އުފައްދައި އެ ގޮފިން އަޅުގަނޑުމެން އަމަލުކުރަންވީ ގޮތް އިންތިޚާބާ ގާތްކޮށް ނިންމުން. އެހެންވީމާ މިހާރު އަޅުގަނޑުމެން ކުރަންވީ މަސައްކަތަކީ މި ގޮފި އުފެއްދުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި އެ ގޮފީގެ ފަރާތުން ތާއީދުކުރާނެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅާނީ ފަހުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ ޕްރައިމަރީގެ ނަތީޖާއަކީ އެ ޕާޓީއަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުން މޮޅުވެވޭނެފަދަ ނަތީޖާއެއް ނޫން ކަަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުގެ އަމާޒަކީ ޕާޓީއަށް ރަނގަޅު ގޮތްވުން. ޕާޓީ މޮޅުވާނެ ގޮތްގޮތައް އަޅުގަނޑުމެން މަސައްކަތްކުރަމުން ގެންދިއުން. މި 2023ގެ ރިޔާސީ އިންތިޚާބަކީ އަޅުގަނޑުމެންނަށް ގެއްލޭ އެއްޗަކަށް އަޅުގަނޑުމެންނަށް ހެދޭކަށް ނެތް. އެއަށްވުރެ މިއީ މާ މުހިންމު މަސައްކަތެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އަބަދުވެސް އަމާޒު ހިފަންވާނީ އެމްޑީޕީއަށް ރަނގަޅު ގޮތަށް ކަމަށެވެ. އެގޮތުން ވަކި މީހަކަށް ރަނގަޅު ގޮތެއް ހޯދުމަކީ ކުރަންވީ ގޮތެއް ނޫންކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެ މަނިކުފާނުގެ ސިޔާސީ ހަޔާތަށް މުހިންމީ މީހުންނެއް ނޫންކަމަށާއި މުހިންމީ ފަލްސަފާކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ސިޔާސީ ހަޔާތަކަށް މީހުންނެއް މުހިންމެއް ނުވޭ. ފަލްސަފާ މުހިންމުވޭ. އުސޫލުތައް މުހިންމުވޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް