އެންޓި ވެކްސް އާއެކު ޑީސީ ތަރިއަކު ހޫނު ފެނަށް

ވެކްސިން ޖެހުމާ ދެކޮޅަށް ދެއްކި ވާހަކަތަކަކާ ގުޅިގެން ޑީސީ ސުޕަހީރޯ ފިލްމު "ޝަޒާމް"ގެ ލީޑުން ފެނިގެންދާ ޒެކަރީ ލީވައިގެ މައްސަލަތަކެއް ފެންމަތިވާން ފަށައިފިއެވެ.

ދާދިފަހުން ޓްވިޓާގައި އެމެރިކާގެ ކޮންޒަވޭޓިވް ސިއްހީ ދާއިރާގެ ވިޔަފާރިވެރިއަކު ކުރި ޓްވީޓަކާއެކު މި މައްސަލަ ވަނީ ބޮޑުވެފައެވެ. އެ ޓްވީޓުގައި ކުރަނީ ކޮވިޑާ ދެކޮޅަށް އުފެއްދި ފައިޒާ ވެކްސިން އާ ގުޅޭގޮތުން ސުވާލެކެވެ. އޭގެ ސަބަބުން ވަނީ ފައިދާތޯ ނުވަތަ ގެއްލުންތޯ އެ ޓްވީޓްގައި ސުވާލު ކުރިއެވެ.

އެއަށް ރައްދު ދެމުން ލީވައި ބުނަނީ ގެއްލުން ލިބޭ ކަމަށް އެއްބަސްވާ ކަމަށެވެ. މިކަމާ ގުޅިގެން ލީވައި އަކީ އެންޓި ވެކްސާއެއް ގޮތުގައި ސޯޝަލް މީޑިއާގައި ވަނީ ސިފަ ކުރެވިފައެވެ. އަދި އެކަމާ ގުޅިގެން ފޭނުން އަންނަނީ ލީވައިގެ ކުރީގެ އެކި ކަހަލަ އިންޓަވިއުތަކާއި ޕޮޑްކާސްޓު އިވެންޓުތައް ހޯދަމުންނެވެ. މި އިންޓަވިއުތަކުން މިހާރު ފެންނަމުން އަންނަނީ ލީވައި އަކީ މައިނޯރިޓީ ގްރޫޕުތަކާ ދެކޮޅު އަދި ރޭސިސްޓް މީހެއް ކަމެވެ.

މިކަމާ ގުޅިގެން ލީވައިއަށް އަންނަނީ އެކި ކަހަލަ ފާޑުކިޔުންތައް ރައްދުވަމުންނެވެ. މި މައްސަލަތައް ފެންމަތިވެފައިވަނީ އޭނާގެ ސުޕަހީރޯ ފިލްމު "ޝަޒާމް"ގެ ދެވަނަ ބައި ނެރުމަށް ތައްޔާރުވެފައިވާ ދަނޑިވަޅެއްގައެވެ. ޝަޒާމްގެ ދެވަނަ ބައި މާޗު މަހުގެ 17ގައި ދައްކަން ފަށާއިރު މިހާރު ފޭނުން އަންނަނީ އެ ފިލްމު ބޮއިކޮޓް ކުރުމަށް ގޮވާލަމުންނެވެ.

ޑީސީގެ ސުޕަހީރޯ ފިލްމުތަކުގެ ލީޑް ރޯލުން ފެންނަ ތަރީންގެ ކޮންމެވެސް މައްސަލައެއް ފެންމަތިވުން މިހާރު ވަނީ ޖޯކަކަށް ވެފައެވެ. އެގޮތުން ވޮންޑަ ވުމަން އެކްޓަރު ގަލް ގަޑޮޓް އަކީ އިޒްރާއީލްގެ އަސްކަރީ ބާރުތައް ދިފާއުކުރާ އެކްޓަރަކަށް ވާއިރު ފްލެޝް އެކްޓަރު އެޒްރާ މިލާ އެކި މީހުންނަށް އަނިޔާ ކުރި ކަމުގެ މައްސަލަތަކެއް ވަނީ ދާދި ފަހުން އާންމުވެފައެވެ.

comment ކޮމެންޓް