ޕްރައިމަރީގެ ނާކާމިޔާބީއަށް ފަހު ނަޝީދު ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާއެކު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބު ވުމަށް ފަހު ފުރަތަމަ ފަހަރަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވަމުން އެބަ ގެންދަވައެވެ.

ނަޝީދު އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވަމުން ގެންދަވަނީ ހެންވޭރު ކާނިވާ ސަރަހައްދުގައި ހުންނަ ދޮންމަނިކު ސްކައި ވިއުގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ނަޝީދު މީޑިއާއަށް އަދިވެސް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާއިރު މިއީ އިންތިޚާބަށް ފަހު އެމަނިކުފާނު އާއްމު ތަނަކުންވެސް ފެނިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ނަޝީދުގެ ސަޕޯޓަރުން ދޮންމަނިކު ރެސްޓޯރެންޓްގައި-- ސަން ފޮޓޯ: ނާއިލް ހަފީޒް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާ ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެން ފަހުން އެމަނިކުފާނު ވަނީ ރައީސް ޞާލިހާ އެކު ކުރިއަށް ވަޑައިގެން މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ހަމައެއާއެކު "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ހަރަކާތެއް ކުރިއަށް ގެންދަވާނެ ކަމަށާއި އަދި އެ ފެކްޝަނުން ތާއީދު ކުރާނެ ރިޔާސީ ކެންޑިޑޭޓެއް ފަހުން އިއުލާނު ކުރާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް އަލުން ހެދުމަށާއި އެމްޑީޕީއިން ވަކިކުރި ކަމަށް އެމަނިކުފާނު ވިދާޅުވާ 39،000 މެންބަރުން އަލުން ޕާޓީއަށް ވަނުމަށް ވެސް ނަޝީދުގެ މެސެޖުގައި ވަނީ ގޮވާލައްވާފައެވެ.

comment ކޮމެންޓް