ފައްޔާޒުގެ އިންޒާރު ނަޝީދަށް: ޕާޓީ ތެރޭ ވަކި ހަރަކާތެއް ނުހިންގޭނެ

އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ޗެއާޕާސަން ފައްޔާޒު އިސްމާއިލް --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުނުކުރައްވާ، އެޕާޓީ ތެރޭ ވަކި ހަރަކާތެއް ހިންގާނެ ކަމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، ޗެއާޕާސަން ފައްޔާޒު އިސްމާއިލް ނުރުހުން ފާޅުކުރައްވައިފިއެވެ.

ރައީސް ޞާލިހް، އެޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރައްވާފައިވަނީ އިންތިޚާބުގައި ވޯޓުދިން މެންބަރުންގެ 61 އިންސައްތަ ހޯއްދަވައިގެންނެވެ. އެއީ، 24،572 ވޯޓެވެ. ނަޝީދަށް ލިބިވަޑައިގެންފައިވަނީ 15،631 ވޯޓެވެ. އެއީ ވޯޓުލާން ނުކުތް މީހުންގެ 39 އިންސައްތައެވެ.

މިއަދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ކުޑަ ތަފާތަކުން ރައީސް ޞާލިހް މި އިންތިޚާބު ކާމިޔާބު ކުރައްވައިފި ކަމަށާއި އެކަމަކު އެމަނިކުފާނަށް ތާއީދުނުކުރައްވާނެ ކަމަށެވެ.

"އިންތިޚާބުގެ އޮޅުވާލުންތައް އެއްކިބާކޮށްފި ނަމަ ރައީސް ޞާލިހަށް ލިބުނު ކަމަށް ބުނާ ވަރަށް ގިނަ ވޯޓު އުނިވާނެ. އެހެނަސް އަޅުގަނޑު ލަފާކުރަނީ ވޯޓާސް ލިސްޓަށް ބަލައިފި ނަމަ، ކުޑަ ފަރަގަކުން ރައީސް ޞާލިހް މޮޅުވެދާނެ ކަމަށް." އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް ރިޔާސީ އިންތިޚާބު ރައީސަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

https://sun.mv/173467

"އަޅުގަނޑު ހުށަހަޅަނީ 'ފިކުރެއްގެ ދިރުން' ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް އަލުން ހަދާ، ކަނޑާލި 39،000އަށްވުރެ ގިނަ މީހުން އަލުން އެމްޑީޕީއާ ގުޅި އެމީހުންނާއެކު އަޅުގަނޑުމެންނަށް ފެންނަ ގޮތް ނިންމުމަށް." އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ 'ފިކުރެއްގެ ދިރުން' ފަރާތުން ތާއީދުކުރާނެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅާނީ ފަހުން ކަމަށާއި ރިޔާސީ އިންތިޚާބުގެ ކުރިއަށް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން އެއްބަސްވެވޭ ކެންޑިޑޭޓަކަށް ތާއީދުކުރަން ފަސޭހަވާނެ ކަމަށެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދުދެއްވާ ގައުމީ މަޖިލީސް ގުރޫޕުގައި ފައްޔާޒު ވިދާޅުވީ ޕާޓީގެ އުސޫލާއި ގަވާއިދު ބަދަލުނުކޮށް، ޕާޓީ ތެރޭގައި ވަކި ހަރަކާތެއް ނުހިންގޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި، ޕާޓީގެ ކެންޑިޑޭޓަކީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަލުން ތިކަމާ މެދު ވިސްނާލެއްވުމަށް އެދެން. ޕާޓީގެ އުސޫލާއި ގަވާއިދު ބަދަލުނުކޮށް ތިގޮތަށް ކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭ." ފައްޔާޒް ވިދާޅުވިއެވެ.

ރިޔާސީ ޓިކެޓް ލިބުމުގެ އުފަލުގައި އެމަނިކުފާނުގެ ސަޕޯޓަރުންނަށް ބައްދަލުކުރައްވަން ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން ރައީސް ޞާލިހް ވަނީ އެކުގައި މަސައްކަތް ކުރެއްވުމަށް ނަޝީދަށް ދައުވަތު އަރުވައިފައެވެ. އެކަމަކު، ނަޝީދު މިވަނީ ޕްރައިމަރީ އޮޅުވާލައިފައިވާ ކަމަށް ތުހުމަތުކުރައްވާ، ރައީސަށް ތާއީދުކުރައްވަން ދެކޮޅު ހައްދަވައިފައެވެ.

comment ކޮމެންޓް