އެސްއެސްނެޓްގެ ޚިދުމަތް ފަށައިފި

ދިރާގުގެ ނެޓްވޯކް ބޭނުންކޮށްގެން އެސްއެސްނެޓްގެ ރީބްރޯޑްކާސްޓިން ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ރީބްރޯޑްކާސްޓިން ލައިސަންސް އެސްއެސްނެޓްވޯކް ޕްރައިވެޓް ލިމިޓެޑަށް ލިބުނުތާ ދެ މަސް ދުވަސް ނުވަނީސް ރާއްޖޭގެ 90 އަށްވުރެ ގިނަ ރަށަށް އެސްއެސްނެޓްގެ ކޭބަލް ޓީވީ ޚިދުމަތް ދޭން ފަށައިފިއެވެ.

އެސްއެސްނެޓްވޯކް ޕްރައިވެޓް ލިމިޓެޑަށް ބްރޯޑްކާސްޓިން ލައިސަންސް ލިބިފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އެ ލައިސަންސަކީ މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް ދޫކޮށްފައިވާ ލައިސަންސެކެވެ.

އެސްއެސްނެޓްގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ އެސްއެސްނެޓްގެ ޚިދުމަތް ފޯރުކޮށްދެނީ ދިރާގުގެ ޒަމާނީ އައިޕީޓީވީ / އޯޓީޓީ ނެޓްވޯކާއި ޕްލެޓްފޯމް މެދުވެރިކޮށް ކަމަށެވެ.

ދިރާގު ޓީވީގެ ޚިދުމަތް ހޯދަމުންދިޔަ ކަސްޓަމަރުންނަށް އެސްއެސްނެޓަށް ބަދަލުވުމުގެ ފުރުޞަތު ހުޅުވާލުމާގުޅިގެން އެތައްހާސް ކަސްޓަމަރުން އެސްއެސްނެޓަށް ބަދަލުވެ، އެސްއެސްނެޓްގެ ޚިދުމަތް މިހާރު ވަނީ ހޯދަންފަށާފައެވެ.

"ދިރާގު ޓީވީ ބޭނުންކުރަމުންދިޔަ ކަސްޓަމަރުންގެ ތެރެއިން މިހާތަނަށް އެސްއެސްނެޓަށް ބަދަލުނުވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބަދަލުވުމުގެ ފުރުސަތު އަދިވެސް ވާނީ ހުޅުވާލައިފަ" މޮންދު ވިދާޅުވިއެވެ.

ދިރާގުގެ ނެޓްވޯކް ބޭނުންކޮށްގެން އެސްއެސްނެޓްގެ ރީބްރޯޑްކާސްޓިން ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އޭނާ ވިދާޅުވީ ޚިދުމަތް ފަށައިގަތުމުގައި ދިމާވާ ކުދިކުދި މައްސަލަތައް ހުންނާނެ ކަމަށާއި އަދި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެކަންކަން ހައްލުކޮށް ފުރިހަމަ ޚިދުމަތެއް ދެވޭނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

ދިރާގުގެ އައިޕީޓީވީ / އޯޓީޓީ ނެޓްވޯކް މެދުވެރިކޮށް އެސްއެސްނެޓްގެ ޚިދުމަތް މުޅި ރާއްޖެއަށް ދިނުމަށް ދިރާގާއެެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ދިރާގުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދެވެ. އަދި އެސްއެސްނެޓްވޯކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒުލައިޚާ މަނިކެވެ.

މޮންދު ވިދާޅުވީ އެސްއެސްނެޓް ފެށުމާއެކު ރާއްޖޭގެ ކޭބަލް ޓީވީ ޚިދުމަތުގެ ދާއިރާއަށް ބޮޑު ބަދަލެއް އަންނަން ފަށާނެ ކަމަށާއި އަދި ކޮންޓެންޓުގެ ގޮތުން އެސްއެސްނެޓުން ރާއްޖެއަށް ބޮޑު ބަދަލުތަކެއް ގެނެސްދޭނެ ކަމަށެވެ.

އެސްއެސްނެޓްގެ އަމާޒަކީ ކަސްޓަމަރުންނަށް މުނިފޫހިފިލުވުމުގެ ރަނގަޅު ތަޖުރިބާއެއް ފަހިކޮށްދިނުން ކަމަށާއި މަސައްކަތް ކުރާނީ ކަސްޓަމަރުންނަށް ހިނިތުންވުން ގެނެސްދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ނަފްސާނީ ހާސްކަމުން ދުރަށް ގެންގޮސް އުފާވެރި މާހައުލެއް ތަނަވަސްކޮށްދިނުން އަމާޒަކީ. ދިވެހި ގައުމު ބިނާކުރުމުގައި އެސްއެސް ނެޓުން ބައިވެރިވާނެ." އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް