ރައީސް ޞާލިޙަށް ރިޔާސީ ޓިކެޓު ހަވާލުކުރުން އަންނަ މަހު

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާފައިވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ރިޔާސީ ޓިކެޓު ހަވާލުކުރުން އަންނަ މަހު އޮންނާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ އިސް އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އިއްޔެ ބޭއްވި ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ، ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ފަސް ދުވަހުގެ ތެރޭގައި އިއުލާނު ކުރުމަށްފަހު އަންނަ މަހުގެ މެދުތެރޭގައި ރައީސް ޞާލިޙަށް ރަސްމީކޮށް ޕާޓީގެ ޓިކެޓު ހަވާލުކުރާނެ ކަމަށެވެ.

އިއްޔެ އެޕާޓީން ބޭއްވި ޕްރައިމަރީ ރައީސް ޞާލިޙް ކާމިޔާބުކުރެއްވީ ޖުމްލަ 24،572 ވޯޓާއެކުއެވެ. އެމަނިކުފާނާ ވާދަކުރެއްވި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 15،631 ވޯޓެވެ.

މި ކާމިޔާބީއަށް ފަހު ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ޕްރައިމަރީގެ ނަތީޖާއާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށާއި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އިތުރުވެގެން ހިނގައްޖެ ކަމަށެވެ. އަދި ވިސްނުންފުޅަކީ ޕާޓީއާއެކު ކުރިއަށް ވަޑައިގެންނެވުން ކަމުގައިވެސް ވިދާޅުވިއެވެ.

އެމްޑީޕީ އުފެދުނީއްސުރެ އެމްޑީޕީގެ ހުންގާނުގައި ހުންނެވީ ރައީސް ނަޝީދެވެ. އެމަނިކުފާނާ ދެކޮޅަށް ނުކުންނަވާ، އެ ޕާޓީގެ އެހެން މެންބަރަކު އިންތިޚާބެއް ކާމިޔާބު ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.

comment ކޮމެންޓް