ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު ޗެނަލްތައް އެސްއެސްނެޓްއިން ލިބޭނެ: މޮންދު

އަލަށް ކޭބަލްޓީވީގެ ޚިދުމަތް ފަށާ އެސްއެސްނެޓުން ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު ޗެނަލްތައް ލިބޭނެ ކަމަށާއި މިހާރު ވަމުންދަނީ އެ ޚިދުމަތް ދިނުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކަމަށް އެސްއެސްނެޓުން ބުނެފިއެވެ.

އެސްއެސްނެޓްގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު އާސިފް (މޮންދު) މިއަދު ވިދާޅުވީ އެސްއެސްނެޓުގެ ޚިދުމަތުގެ ތެރެއިން ދިވެހިން ބޭނުންވާ އެންމެ މަގުބޫލު ޗެނަލްތައް ލިބޭނެ ކަމަށެވެ.

އެގޮތުން މައުލޫމާތާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޗެނަލްތަކާއި ކުޑަކުދިންނާ ގުޅޭ ޗެނަލްތައް އެސްއެސްނެޓު މެދުވެރިކޮށް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެސްއެސްނެޓުން ލިބޭ ޚަބަރު ޗެނަލްތަކުގެ ގޮތުގައި ސީއެންއެން، ބީބީސީ، ސްކައި ނިއުސް، އަލްޖަޒީރާ، ފްރާންސް 24، އާރްޓީ، އޭބީސީ އޮސްޓްރޭލިއާ ފަދަ ޗެނަލްތައް ހިމެނެއެވެ. ވިޔަފާރީގެ ޚަބަރާއި މަޢުލޫމާތު ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ބްލޫމްބާގް އާއި ސީއެންބީސީ ފަދަ މަޝްހޫރު ޗެނަލްތައް ހިމެނެއެވެ. ކުޑަކުދިންގެ މަޤްބޫލުކަން ހޯދާފައިވާ ކާޓޫން ނެޓްވޯކް އާއި ނިކަލޯޑިއަން އާއި ކާޓޫން ޗެނަލްގެ އިތުރުން ސްޓާ އާއި ޑިސްކަވަރީގެ ޗެނަލްތަކާއި ސިނަމާ ވާލްޑާއި ކޮމެޑީ ސެންޓްރަލް އާއި ކަލާސްގެ ޗެނަލްތަކާއި އެމްޓީވީ ވެސް ލިބޭނެއެވެ.

މީގެ އިތުރުން މިހާރު ފާސްކުރުމުގެ މަގުމަތީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި އަލް ޤުރްއާނާއި ސަޢުދީ އަރަބިޔާގެ އެހެން ޗެނަލްތައް ހިމެނެއެވެ.

މޮންދު ވިދާޅުވީ މިހާރު 100އަށްވުރެ ގިނަ ޗެނަލް ފާސްކޮށްދިނުމަށް ބްރޯޑްކޮމްއަށް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 48 ޗެނަލް މިހާރު ފާސްކޮށްދީފައިވާ ކަމަށެވެ. އަދި އިތުރު 71 ޗެނަލެއް ފާސްކޮށްދިނުމަށް ބްރޯޑްކޮމްއިން ދަނީ މަސައްކަތްކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެސްއެސްނެޓުން ދިވެހިން ހިތްހަމަ ޖެހޭ ފަދަ ޚިދުމަތެއް ފޯރުކޮށްދޭނެ. އެންމެ ޚާއްސަ ކަމަކީ ހެޔޮ އަގުގައި ކޮލެޓީ ރަނގަޅު ޚިދުމަތެއް ދެވުން. އެގޮތުން އެސްއެސްނެޓްގެ ޗެނަލްތައް ވަރަށް ސާފުވާނެ. ކްރިސްޓަލް ކްލިއާ ވާނެ އެސްއެސްނެޓުގެ ކޮންޓެންޓް،" އޭނާ ވިދާޅުވިއެވެ.

މޮންދު ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެސްއެސްނެޓް ފެށުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އެގޮތުން ފާއިތުވެ ދިޔަ ދުވަސްތަކުގައި އެންމެ ބޮޑަށް ކުރި މަސައްކަތަކީ ކޮންޓެންޓް ހޯދުން ކަމަށާއި އެ މަސައްކަތް އެއްވެސް އިރަކު ހުއްޓާ ނުލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮންޓެންޓް މުއްސަނދި ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އަބަދުވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގު ޓީވީގެ ޚިދުމަތް މިރޭ ހުއްޓާލާއިރު، ދިރާގު ޓީވީން ލިބުނު ހުރިހާ ޗެނަލްތަކެއް އެސްއެސްނެޓުން ވެސް ލިބޭނެއެވެ. އެކަމާ ގުޅިގެން މޮންދު ވިދާޅުވީ ދިރާގު ޓީވީން ކޭބަލް ޓީވީގެ ޚިދުމަތް ދެމުން ދިޔަ ގޮތަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދިރާގު ޓީވީ ބޭނުންކުރާ ގިނަ ބަޔަކު އެސްއެސްނެޓަށް ބަދަލުވިކަން ފާހަގަކުރައްވަމުން މޮންދު ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ބޮޑު ތަރުހީބެއް އެމީހުންގެ ފަރާތުން އެސްއެސްނެޓަށް ލިބިފައިވާ ކަމަށެވެ. އެގޮތުން ގިނަ ބަޔަކު މިހާރުވެސް އެސްއެސްނެޓަށް ބަދަލުވެފައިވާއިރު އަދިވެސް އެންމެ ފަހުވަގުތު ބަދަލުވާން މަޑުކޮށްގެން ތިބި މީހުން އެބަތިބި ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެންމެ ފަހު ވަގުތު ބަދަލުކުރަން މަޑުކޮށްފިނަމަ ވަރަށް ބާރު ބޮޑުވާނެ ކަމަށާއި އެއާއެކު ޚިދުމަތް މެދުކެނޑުމަކީވެސް ވެދާނެ ކަމެއް ކަމަށް މޮންދު ވިދާޅުވިއެވެ. އެހެންކަމުން ދިރާގު ހުރިހާ ކަސްޓަމަރުންވެސް ވަގުތު އޮއްވައި އަވަހަށް އެސްއެސްނެޓަށް ބަދަލުކުރުމަށް މޮންދު ވަނީ އެދިލައްވާފައެވެ.

އެސްއެސްނެޓުން ގިނަ ޗެނަލްތަކެއްގެ އިތުރުން ޖޮއި ބޮކްސްއިން ވީއޯޑީ ވެސް ލިބޭނެ ކަމަށް މޮންދު ވިދާޅުވިއެވެ. އެ ޚިދުމަތް މުއްސަނދިކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި ޖޮއިބޮކްސްއިން ޔޫޓިއުބް ފަދަ އެޕްލިކޭޝަންތައް ލިބޭނެ ކަމަށް ވެސް މޮންދު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ދިވެހިންގެ ތެރޭގައި މަގުބޫލު އިތުރު އެޕްލިކޭޝަންތައް ހިމެނުމަށް މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެސްއެސްނެޓުގެ ޚިދުމަތްތައް ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު މޮންދު ވިދާޅުވީ ހުރިހާ މަސައްކަތެއްގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވީ ކޮންޓެންޓް ހޯދުން ކަމަށެވެ. އެގޮތުން އެކި ފަރާތްތަކާ ވާހަކަދައްކައި ޗެނަލްތައް ހޯދުމަށް ގިނަ ވަގުތު ހޭދަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިރޭ ދަންވަރު އެސްއެސްނެޓުގެ ޚިދުމަތް ފަށާއިރު އަންނަ މަހު އެއްކޮށް ހުރިހާ ޗެނަލްއެއް ހިލޭ އެސްއެސްނެޓުން ބަލައިލެވޭނެއެވެ. އަދި އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އެސްއެސްނެޓަށް ކަނޑައެޅިފައިވާ ޕެކޭޖުތަކާއި އަގުތައް ހާމަކުރާނެ ކަމަށް މޮންދު ވިދާޅުވިއެވެ. އަގުތައް ހުންނާނީ މައިގަނޑުގޮތެއްގައި ހެޔޮކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

ބްރޯޑްކޮމްއިން ހުރިހާ ޗެނަލެއް ފާސްކޮށްދީފިނަމަ އެސްއެސްނެޓްގެ ޚިދުމަތް ފެށޭއިރު ޖުމްލަ 119 ޗެނަލް އެސްއެސްނެޓް ފަށާ ދުވަހުވެސް ކަސްޓަމަރުންނަށް ހިލޭ ލިބޭނެއެވެ. އަދި ޢާންމު ހުރިހާ ކަސްޓަމަރުންނަށް ފެބްރުއަރީ މަހުގެ ނިޔަލަށް ހިލޭ އެސްއެސްނެޓްގެ ޚިދުމަތް ލިބޭނެއެވެ.

comment ކޮމެންޓް