"ނޭނގުނު ކޮން ކުއްޖެއްކަމެއް... ކޮން ނަމެއްތަ ކިޔަނީ؟" ހައިފާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"މީ. މިޝް... "

"މިޝްޔާތަ؟"

ނަން ނުބުނެވި އުޅެނިކޮށް ހައިފާ އޭނާގެ ނަމުން ގޮވައިލުމުން މިޝްޔާއަށް ލިބުނީ ހައިރާންކަމެކެވެ. އޭނާއާއި ހައިފާއާ ދުވަހަކުވެސް ދިމާވެފައި ނުވާއިރު، ހައިފާއަށް އޭނާގެ ނަން އެނގުނީ ކިހިނެއްހެއްޔެވެ؟ އަނެއްކާ ނާޒިލް ބުނީ ހެއްޔެވެ؟ ވީއިރު އެ ދެމެދުގައި ހިނގި ހުރިހާކަމެއްވެސް ނާޒިލްވަނީ ހައިފާއަށް ކިޔައިދީފައިހެއްޔެވެ؟ ހައިފާއަށް ބަލަން ހުރުމަށްފަހު, މިޝްޔާ އާއެކޭ ބުނުުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

ހަރަކާތެއްވެސް ކޮށްލަން ނޭނގި ޖެހި ބުދެއްހެން ހުއްޓިފައި މިޝްޔާ ހުރިއިރު، ހައިފާގެ ނަޒަރު އޭރުވެސް މިޝްޔާއާ ވަކި ނުވެއެވެ. އެ އަންހެން ކުއްޖާއާ މެދު އޭނާއަށް ވިސްނުނެވެ. ހާޝިމްފަދަ އަނިޔާވެރިއެއްގެ ސަބަބުން އެ އަންހެން ކުއްޖާ ކިހާ ވޭނެއް ތަޙައްމަލް ކުރާނެހެއްޔެވެ؟ ހާޝިމްގެ ނުލަފާކަން އެންމެ ރަނގަޅަށް އިޙްސާސްކުރެވުނީ އޭނާއަށެވެ. ހާޝިމްގެ ފަރާތުން އޭނާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބުނު ގެއްލުންތައް ދުވަހަކުވެސް އޭނާ ހަނދާނެއް ނުނެތޭނެއެވެ. ހާޝިމް ކިތައް މީހުންގެ ދިރިއުޅުން ހަލާކުކޮށްލާފައި ވާނެހެއްޔެވެ؟ އަދި ހާޝިމް ކުރި ކުށެއްގެ ޝަޒާ އޭނާގެ ދަރިފުޅަށް ލިބެންވީ ކީއްވެހެއްޔެވެ؟. އެރޭ ވާހަކަ ދެއްކިއިރު ނާޒިލްގެ އަޑުގައި ހުރި އަސަރާ ރިހުން އޭނާއަށް ހަމަ ރަނގަޅަށްވެސް އިޙްސާސްވިއެވެ.

ހައިފާ މަޑުމަޑުން އަތުން އިޝާރާތްކޮށްލީ އޭނާއާ ގާތަށް އަންނާށޭ ބުނާ ފަދައަކުންނެވެ. މިޝްޔާ ހުރިތާ ހުންނަން ފެށުމުން މިފަހަރުވެސް ހައިފާ އަތް ދިއްކޮށްލާ އިޝާރާތްކޮށްލިއެވެ. ކުޑަކޮށް ހައިރާންވެފައި ހުރި މިޝްޔާ، މަޑުމަޑުން ކުރިއަށް ފިޔަވަޅު އަޅަން ފެށިނަމަވެސް، އޭނާގެ ހިތުގައިވަނީ ނުތަނަވަސްކަމެވެ. އޭނާ ގޮސް ހައިފާގެ ކައިރީގައި މަޑުކޮށްލުމުން ހައިފާ ގޮނޑި ދައްކައިލުމަށްފަހު، އެދުނީ އިށީނދެލުމަށެވެ. މިޝްޔާ މަޑުމަޑުން ގޮނޑީގައި އިށީނދެލިއެވެ. އެމަންޒަރު ބަލަން އޮތް ހައިފާ އެއްޗެއް ނުބުނެ ހިނދުކޮޅަކު މަޑުކޮށްލިއެވެ. ހަޤީގަތުގައި އޭނާ މިޝްޔާއާ ދައްކަން ބޭނުންވާ ބައިވަރު ވާހަކަތައް އެބަ ހުއްޓެވެ. ނޭނގެނީ އެ ހުރިހާ ވާހަކައެއް ފަށާނެ ގޮތެެކެވެ. ހީވަނީ ދުލުގައި ތަޅެއް ލެވިފައިވާ ހެންނެވެ.

"ކިހިނެއް އަޅުގަނޑުގެ ނަން އެނގުނީ؟" މިޝްޔާ ސުވާލުކޮށްލުމާއެކު، ހައިފާ މައުނަވީ ހިނިތުންވުމެއް މިޝްޔާއަށް ރައްދުކޮށްލިއެވެ. އޭނާ އެކަމަށް އެއްވެސް އެއްޗެއް ނުބުނުމުން މިޝްޔާއަށް އެ ސުވާލު ތަކުރާރު ކުރާކަށް ނުކެރުނެވެ.

"މިޝްޔާ! އަހަރެން މިޝްޔާގެ ކިބައިން މާފަށް އެދެން..." ފުންނޭވާއެއް ލުމަށްފަހު، ހައިފާ އެހެން ބުނެލިއިރު އޭނާގެ އަޑުގައި މަޑުމަޑު ތުރުތުރު އެޅުމެއްވިއެވެ. ހައިފާ އެހެން ބުނުމުން މިޝްޔާއަށް އެއްޗެއް ބުނަން ނޭނގިފައި އިނދެވުނުއިރު، އެއީ ހައިފާ ކީއްވެެގެންކަން ބުނި، އެއްޗެއްކަން އޭނާއަށް އެނގުނެވެ. މިޝްޔާ އެއްޗެއް ނުބުނެ އިންދާ ހައިފާ އަނެއްކާވެސް ވާހަަކަ ދެއްކިއެވެ.

"މިޝްޔާ އަހަރެމެންނަކަށް މާފެއް ނުކުރާނަންތަ؟ ނާޒިލްއަށް މާފެއް ނުކުރާނަންތަ؟ ނާޒިލްއަށްވެސް ނޭނގެޔޭ އޭރު އެއީ މިޝްޔާގެ ބޮޑުބޭބެކަމެއް. އެއީ ނާޒިލްގެ ކުށެއް ނޫނެއްނު." ހައިފާ ބުނެލިއެވެ. އޭނާގެ ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ.

"އިނގޭ މާފަށް އެދުނަސް މާފު ކުރަން އުނދަގޫވާނެކަން. އެކަމަކު ނާޒިލްގެ ކުށަކީ ކޮބާތަ؟ އޭނަ އަކީ ހާޝިމްގެ ދަރިއަކަށް ވުން. އަހަންނަކީވެސް މަންމައެއް. ނާޒިލް އެހެން ހިތާމަ ކުރާތަން ބަލާކަށްް އަހަންނަކަށް ކެތެއް ނުކުރެވޭނެ. އެންމެ ކުޑައިރުއްސުރެ ވެސް ނާޒިލްއަށްވެސް ހާޝިމްގެ ފަރާތުން ލިބުނީ އަނިޔާ. އެ ހަނދާންތަކުން އޭނައަށް ސަލާމަތް ވެވުނުއިރު އަނެއްކާ ވެސް ހުއްޓެން މަޖުބޫރުވީ މާޒީގެ ކުރިމަތީގައި. އަހަރެން ދުވަހަކުވެސް ނުދެކެން ނާޒިލް... ނާޒިލް އެހާ ދެރަވެފައި ހުންނަތަނެއް. އެ މޫނުމަތިން ފެންނަނީ އަހަރެންގެ ހިތަށްވެސް ކެތް ނުކުރެވޭ ފަދަ އަސަރުތަކެއް. އޭނަ ހިތްވަރުކުރަނީ ޚުދު އަހަންނާ މެދު ވިސްނާލާފައި. އެހީތެރިކަމަށް އެންމެ ބޭނުންވެފައި ހުރެވެސް އޭނަ އެ ހުރިހާ ވާހަކައެއް އަހަންނަށް ސިއްރު ކުރީ އެ ކަންތައް އެނގުމުން އަހަންނަށް ކުރާނެ އަސަރާ މެދު ވިސްނާލާފައި، އެރޭ އެ ހުރިހާ ވާހަކައެއް އަހަންނަށް އަޑު އިވުނީ އިއްތިފާގަކުން. ހެޔޮ ނުވާނެ މިޝްޔާ! ނާޒިލްއަށް މާފުކޮށްދީ... އަހަރެން ނުބުނާނަން އެއްފަހަރުވެސް މިޝްޔާގެ ކައިރީގައި ނާޒިލްއާ އެކު ޙަޔާތުގެ ބާކީބައި ވޭތުކުރާށޭ! އެއީ މިޝްޔާގެ އަމިއްލަ ކަމެއް. އަހަންނަށްވެސް އިޙްސާސްވޭ މިޝްޔާގެ ހިތުގައި ހިނގާނެ އިޙްސާސްތައް. އިނދެގެން އުޅުނުއިރު އަހަންނަކީ ވެސް އެ އަނިޔާވެރިޔާގެ އަނިޔާތައް ތަޙައްމަލް ކުރި މީހެއް. މިޝްޔާ އުމުރު ދުވަހު ނާޒިލްގެ ކުރިމައްޗަށް ނާރާ ހުއްޓަސް އެކަމާ ވެސް އެއްޗެއް ބުނުމުގެ ޙައްޤެއް އަހަންނަކަށް ނެތް. އެކަމަކު އެއްފަހަރު މާފުކޮށްފީމޭ ބުނެލުމުންވެސް އެ ހިތަށް ކުޑަވެސް ތަސައްލީއެއް ލިބޭނެ. ކިތަންމެ ލޯބިވިޔަސް، މިޝްޔާއާއި ދުރުގައި ހުންނަން ނާޒިލް ދަސްކުރާނެ އެކަމުން މިޝްޔާއށް އުފަލެއް ލިބެންޏާ! އޭނަ އެހާވެސް ލޯބިވޭ މިޝްޔާ ދެކެ." ހައިފާ މަޑުމަޑުން މިޝްޔާގެ އަތުގައި ހިފައްޓައިިލިއެވެ. އޭރު އޭނާގެ ދެލޮލުގެ ތެރެއަށް ޖަމާވި ކަރުނަތައް ރޮނގުދެމިގެން ގޮސް ބާލީހުގެ ތެރެއަށް އޮބިގެން ދިޔައެވެ.

"މިޝްޔާ ދެކެ ކިތަންމެ ލޯބިވިޔަސް އޭނަ މިޝްޔާއަކަށް އުނދަގުލެއް ނުކުރާނެ! އަހަންނަކަށް... ކެތެއް ނުވާނެ މިޝްޔާ... ނާޒިލް..." ހައިފާގެ ރުއިން މަޑު ގިސްލުމަކަށް ބަދަލުވެގެން ގޮސް އޭނާއަށް ވާހަކަ ދައްކަންވެސް ދަތިވިއެވެ. ހައިފާ މަޑުމަޑުން މިޝްޔާގެ ކޯތާފަތުގައި ފިރުމައިލިއެވެ. އެ ފިރުމުން އިޙްސާސްކުރެވުނު މިޝްޔާގެ ހަނދާނަށް އަންނަން ފެށީ އޭނާގެ މަންމަ ޒިޔާނާއެވެ. ޒިޔާނާގެ ސޫރަ އޭނާއަށް ހައިފާގެ މޫނުމަތިން ސިފަވިއެވެ.

"އަޅުގަނޑު... އައި އެމް ސޮރީ. ޕްލީޒް، ނުރޮއިބަ!" މިޝްޔާ ހާސްވިއެވެ. ހައިފާ ހުއްޓުވަން ބުނާނެ އެއްޗެއް އޭނާގެ ސިކުނޑިއަކަށް ނައެވެ. މިޝްޔާ އޭނާގެ އަތުން ހައިފާގެ ކަރުނަތައް ފުހެދިނެވެ.

"ނާޒިލްއަށް މާފުކޮށްފީމޭ. ދެން ހުއްޓާލަބަ! ނާޒިލްއާ ވާހަަކަވެސް ދައްކާނަމޭ." އެވަގުތު މިޝްޔާއަށް މުހިންމުވީ ހައިފާ ހުއްޓުވުމަށެވެ. ކިތަންމެ ވާހަކައެއް ދެއްކިނަމަވެސް، ހައިފާގެ ރުއިން މަޑެއް ނުވިއެވެ. ކަންބޮޑުވެފައި މިޝްޔާ އިންދާ، އޭނާއަށް ސިހުން ލިބުނީ ކޮޓަރި ދޮރުހުޅުވައިލި އަޑު އިވިފައެވެ. ފަސް އެނބުރުމާއެކު، އޭނާއަށް ފެނުނު މަންޒަރުން ހުއްޓުން އަރާ ގޮތްވިއެވެ. އެތެރެއަށް ވަނީ ނާޒިލްއެވެ. އޭރު އޭނާގެ އަތުގައި އޮތް ކޮތަޅުގައި ބޭސްތަކެއް ހުއްޓެވެ. ނާޒިލްގެ ފަހަތުން ކަހަލަ ގޮތަކަށް މާކިންވެސް އެތެރެއަށް ވަނެވެ. އެތަނުން މިޝްޔާ ފެނުމުން އޭނާއަށް ލިބުނީ ހައިރާންކަމެކެވެ.

"މަންމާ!" ނާޒިލް އޭނާގެ އަތުގައި އޮތް ކޮތަޅު އެއްފަރާތުގައި ހުރި ސޯފާމައްޗަށް އެއްލައިލުމަށްފަހު، ދުވެފައި އެ ދިމާލަށް އައި ގޮތުން މިޝްޔާ ދުރަށް ޖެހިލިއެވެ. ނާޒިލް އެ އައި ގޮތަށް އައިސް ހައިފާގެ އަތުގައި ހިފައްޓައިލިއެވެ. އޭރުވެސް ހައިފާ ދިޔައީ ރޮމުންނެވެ. މިޝްޔާ ފަހަތަށް ޖެހެމުންދިޔައީ ބިިރުގަތްފައި ހުރެއެވެ. ގޮސް މާކިންގެ ގައިގައި ޖެހި މަތަވުމާއެކު، އޭނާއަށް މާކިންއަށް ބަލައިލެވުނެވެ. މާކިންގެ މޫނުމަތިން ވެސް ފެންނަނީ ހައިރާންކަމުގެ އަސަރުތަކެވެ. ވެގެން އުޅޭގޮތެއް އެނގެން އޭނާ ބޭނުންވި ނަމަވެސް، އެ ސުވާލު ކުރާކަށް އޭނާއަކަށް ނުކެރުނެވެ. މިޝްޔާއަށް އަނެއްކާވެސް ބަލައިލެވުނީ ހައިފާއާއި ނާޒިލްއާ ދިމާލަށެވެ. ނާޒިލް ކުޑަކޮށް ގުދުވެލައިގެން އޮވެ ހައިފާ މަަސަލަސް ކުރަން މަސައްކަތް ކުރަމުން ދިޔައެވެ. ނާޒިލް ހީކޮށްފާނެ އެއްޗެއް ނޭނގޭތީ މިޝްޔާ ހުރީ ބިރުގަތްފައެވެ. ނާޒިލް ކުއްލިއަކަށް އޭނާއާ ދިމާލަށް ބަލައިލުމުން، މިޝްޔާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާއަށް ދެއަތް ދެއަތާ މޮޑެވެން ފެށުނެވެ. އޭނާ ހީކުރީ ނާޒިލް ރުޅިއައިސްގެން ހަޅޭއްލަވައިގަންނާނެ ކަމަށެވެ. އެހެންނަމަވެސް، ކަންވީ ދިމާ އިދިކޮޅަށެވެ.

ނާޒިލްގެ މޫނުމަތީގައިވަނީ ހިތްދަތި އަސަރުތަކެކެވެ. ހީވަނީ ދުނިޔޭގައި ވިއްޔާ ވީހާ ހިތާމައެއް ކޮނޑުގައި އަޅައިގެން އުޅޭހެންނެވެ. އެ ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވީ މިޝްޔާ ވެސް ބަލަން ހުއްޓައެވެ. އެ ހަޤީގަތް އެނގުމަށްފަހު، އެ ދެމީހުން ދިމާވީ އަލަށެވެ. ނާޒިލްގެ ހަށިގަނޑަށްވެސް ބަދަލުތަކެއް އަތުވެއްޖެއެވެ. މީހާ ކޮންމެވެސް ވަރަކަށް ހިކިއްޖެއެވެ. މޫނުމަތީގައި ދިރުމެއް ނެތެވެ. ހީވަނީ ފުރާނަ ހުރީތީ ދިރިހުންނަ ހެންނެވެ. ޖަޒުބާތުގެ އޮއިވަރެއްގައި ޖެހި ހިތްދަތި އަަސަރުތައް ފަރުދާ ނުުުކުރެވުނު ނާޒިލް، މިޝްޔާއަށް ބަލަން ހުރެ ވާހަކަ ދެއްކިއެވެ.

"ލީވް އަސް އެލޯން ފޯ ސަމްޓައިމް." ނާޒިލް އެހެން ބުނެލީ ސީދާ މިޝްޔާއަށް ބަލަން ހުރެއެވެ. ވާނުވާ ނޭނގި މިޝްޔާ ދެކެ ރުޅި އަންނާކަށް ނާޒިލް ބޭނުމެއް ނުވިއެވެ. ރޮވޭ ނުރޮވޭ ޙާލުގައި ހުރި މިޝްޔާގެ އަތުގައި ހިފައިގެން މާކިން އޭނާ ގޮވައިގެން ނުކުންނަން ދިޔައިރުވެސް މިޝްޔާއަށް ހުރެވުނީ ނާޒިލްއާ ދިމާލަށް ބަލަހައްޓައިގެންނެވެ. ނުކުމެ ދޮރު ލައްޕައިލުމަށްފަހު، މާކިން ވީގޮތާ ބެހޭގޮތުން ސުވާލުކޮށްލިއެވެ. މިޝްޔާ އެއްޗެއް ނުބުނެ ހުއްޓިފައި ހުންނަން ފެށުމުން މާކިން މިޝްޔާގެ އަތުގައި ހިފައި ތަޅުވައިގަތެވެ.

ކަރުނަތައް ފުހެމުން މިޝްޔާ ފުންނޭވާއެއް ދޫކޮށްލިއެވެ.

"ދޮންބެ ނާންނާނަމޭ ރުޅިއެއް. ކިޔައިދީބަލަ! އެތެރޭގައި ކިހިނެތްވީ؟ މިޝޫ ކީއްވެ މިތަނަށް އަންނަން ޖެހުނީ؟" މާކިން އާދޭހުގެ ރާގެއްގައި ސުވާލުކޮށްލުމުން މިޝްޔާ ވީގޮތް މާކިންއަށް ކިޔައިދިނެވެ. އެމީހުން އެތަނުގައި އެތަކެއް އިރަކު ތިއްބެވެ. މާކިން ގެއަށް ދާން މިޝްޔާ ގާތު އެދުނު ނަމަވެސް، ހައިފާގެ ޙާލެއް ނުބަލާ ދާކަށް މިޝްޔާ އެއްބަހެއް ނުވިއެވެ.

ނާޒިލް ނުކުތީވެސް އެ ދެމީހުން އެތަނުގައި ތިއްބައެވެ.

"ނިދިއްޖެ..." މާކިންއަށް ބަލައިލުމަށްފަހު، ނާޒިލް ބުނެލިއެވެ. މާކިން ބޯ ޖަހައިލިއެވެ.

"ނާޒިލް! މިޝޫ..." މާކިން އުޅުނީ ވާނުވާ ނާޒިލްއަށް އޮޅުން ފިލުވައިދިނުމަށެވެ. އެހެންނަމަވެސް އެ ވާހަކަ ނާޒިލް ހުއްޓުވިއެވެ.

"އިޓްސް އޯކޭ މާކް! މަންމަ ބުނި މިޝްޔާގެ ކުށެއް ނޫނޭ!" ނާޒިލް އެހެން ބުނެލުމަށްފަހު، ވަރަށް ފުން ނަޒަަރަކުން މިޝްޔާއަށް ބަަަލައިލިއެވެ. އޭރު މިޝްޔާވެސް ހުރީ ނާޒިލްއަށް ބަލަހައްޓައިގެންނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމާއެކު، އަނގައިން ނުބުނެ އެތަކެއް ވާހަކަތަކެއް ދެމީހުން ދައްކަފިއެވެ. މިޝްޔާއަށް ނާޒިލްގެ އެ އަޅި ކުލައިގެ ލޮލަށް ބަލަހައްޓައިގެން ހުންނަން ކެތް ނުކުރެވުމުން އޭނާ އެ ނަޒަރު ދުރުކޮށްލިނަމަވެސް، އޭނާގެ ހިތުގެ ތެޅުން ވަނީ އިންތިހާ ބާރުވެފައެވެ. ހިތް އެދެނީ ގޮސް ނާޒިލްގެ އަތުގެ ހިމާޔަތް ލިބިގަތުމަށެވެ. އެ މޭގެތެރޭގައި މޫނު ފޮރުވާލުމަށެވެ. ހިތުގައިވިއްޔާ ވީހާ ޝަކުވާއަކާއި އެ ހިތުގެ ޙާލު ބަޔާން ކުރުމަށެވެ. ނާޒިލްއާ މެދު ކަންތައް ކުރެވޭ ގޮތާ މެދު މާފަށް އެދުމަށެވެ. އެހެންނަމަވެސް އެ ހިތްވަރެއް މިޝްޔާގެ ނެތެވެ. އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް އޮތް އިތުބާރުވެސް ދިޔައީ ގެއްލެމުންނެވެ.

"ގޮސްލަނީ އިނގޭ... ފަހުން އަންނާނަން." މާކިން ނާޒިލްގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. ނާޒިލް ބޯ ޖަހައިލިއެވެ. މާކިންމެން ދިޔުމުން ނާޒިލް އަނެއްކާވެސް ވަނީ ހައިފާގެ ކައިރިއަށެވެ.

*****

ގެއަށް ގޮސް ވެސް މިޝްޔާއަށް ވިސްނެނީ ނާޒިލްއާ މެދުގައެވެ. ނާޒިލްގެ މޫނުމަތީގައިވީ އަސަރުތަކެވެ. އައިސްފައި ހުރި ބަދަލެވެ. އެ ޙާލުގައި ނާޒިލް ވާތަން ބަލަން އޭނާއަށް ކެތްވާނީ ކިހިނެއްހެއްޔެވެ؟ އެ ދުވަހު ހަތަރު ދަމު މިޝްޔާއަށް އެ ވިސްނުންތަކާ ދުރަކަށް ނުދެވުނެވެ. ހައިފާގެ ވާހަކަތަައް ހަނދާންވުމުން އޭނާއަށް ހާޝިމްގެ އަނިޔާވެރިކަން މަތިން ހަނދާންވާން ފެށިއެެވެ. ހުރިހާކަމެއް އެއްފަހަރާ އޭނާގެ ސިކުނޑި ހިސާރުކޮށް ހީވަނީ އޭނާ މޮޔަކޮށްލަފާނެހެންނެވެ. ސިކުނޑިއަށް ބާރުބޮޑުވެ މިޝްޔާއަށް ޑްރަގްގެ މަތިން ހަނދާންވާން ފެށިއެވެ. އެއަށް ބޭނުންވާން ފެށިއެވެ. މީހާ ދާހިއްލަން ފެށިއެވެ. ތުރުތުރު އަޅަން ފެށިއެވެ. ކިތަންމެ ވަރަކަށް ކޮނޓްރޯލް ކުރަން މަސައްކަތް ކުރިނަމަވެސް، އޭނާގެ ނަފްސުގެ މައްޗަށް ބާރު ފޯރުވުން ވީ އުނދަގޫ ކަމަކަށެވެ. މިޝްޔާ ހަނދާން ކުރީ އޭނާ އަމިއްލަ ނަފްސާ މާކިންއަށް ވީ ވައުދު މަތިންނެވެ. އޭނާ ދުވަހަކުވެސް ދެން މަސްތުވާ އެއްޗެއް ބޭނުން ނުކުރާނެކަމަށް ވީ ވައުދުތައް މަތިންނެވެ. އެހެންނަމަވެސް މިރޭ އޭނާއަށް ކެތެއް ނުވާނެއެވެ. އެނދުމަތީގައި އިން މިޝްޔާ ކުއްލިއަކަށް ތެދުވިއެވެ. އޭނާ ކޮޓަރިން ނުކުމެ ފަރާތް ފަރާތަށް ހޯދައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ސިޑިން ފައިބައިގެން ގޮސް އޭނާ ގެއިން ނުކުތެވެ. އޭރު ގަޑިން ރޭގަނޑު ނުވައެއް ޖަހާ ބޮޑުވެއްޖެއެވެ.

އޭނާ އެދިޔަ ގޮތަށް ދިޔައީ ގެ ކައިރީގައި ހުރި ފިހާރައަކަށެވެ. ސިނގިރެޓް ފޮއްޓަކާ ލައިޓަރެއް ގަނެގެން މަގުމައްޗަށް ނުކުމެ ސިނގިރެޓެއް ރޯކޮށްލާ ތުމުގައި ޖެހިއެވެ. ޑްރަގަށް ބޭނުންވެފައި ހުރި މިޝްޔާ ސިނގިރެޓަކަށް ފަހު ސިނގިރެޓެއް ހުސްކުރަމުން ދިޔައީ އެކަމުން ސިކުނޑިއަށް ލުޔެއް ލިބޭތޯއެވެ. ޑްރަގަށް އެ ބޭނުންވާ ބޭނުންވުން ކުޑަ ކުރެވޭތޯއެވެ. އެހެންނަމަވެސް އެކަމުންވެސް މާ ބޮޑު ފައިދާއެއް ކުރި ހެނެއް ހިޔެއްނުވެއެވެ. މިޝްޔާއަށް ރޮވެން ފެށުނީ ބޭއިޚްތިޔާރުގައެވެ. އެންމެ ފަހުން އޭނާ ހިނގައިގަތީ ހޮސްޕިޓަލާ ދިމާލަށެވެ. އޭނާ ބޭނުންވަނީ ނާޒިލްއެވެ. އޭނާއަށް އެހީތެރިވެވޭނެ ހަމަ އެކަނި މީހަކީ ނާޒިލްއެެވެ.

ހޮސްޕިޓަލަށް ވަދެފައި މިޝްޔާ ހިނގައިގަތީ ސައިކޭޓްރީ ޑިޕާރޓްމެންޓާ ދިމާލަށެވެ ނާޒިލް އިންނަ ފްލޯއަށް އެރުމަށްފަހު، އޭނާ ފޯނު ނަގާ ނާޒިލްއަށް ގުޅައިލިއެވެ. ދެވަނަ ރިންގާއެކު ނާޒިލް ފޯނު ނެގިއެވެ.

"މިޝްޔާ!" ނާޒިން މިޝްޔާއަށް ގޮވައިިލިއިރު އެ އަޑުގައިވަނީ ހައިރާންކަމެވެ.

"ނާޒިލް ޕްލީޒް އަހަރެން ކައިރިއަށް އާދެބަ!" އުނދަގުލުން ވާހަކަ ދެއްކި މިޝްޔާ ބުނެލިއެވެ. އޭރު އޭނާގެ ނޭވާ ވެސް ވަނީ ފުންވެފައެވެ. މިޝްޔާގެ އަޑުން އޭނާއަށް ކޮންމެވެސް ކަމެއް ވެއްޖެކަން ނާޒިލްއަށް ދެނެގަނެވުމާއެކު، އޭނާ މިޝްޔާ ހުރިތަނަކާ ބެހޭގޮތުން ސުވާލުކޮށްލިއެވެ. އޭރު ނާޒިލް ހުރީ ހޮސްޕިޓަލްގެ ޕާކިން އޭރިޔާއެވެ. އޭނާ ނުކުތީ ހާފިޒު އައުމުން ގެއަށް ދާށެވެ.

މިޝްޔާ އޭނާ ހުރިތަން ބުނުމާއެކު، ނާޒިލްއަށް ލިބުނު ހަިއރާންކަން އިތުރުވެގެން ދިޔައެވެ. އޭނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ހޮސްޕިޓަލަށް ވަދެފައި ސައިކޭޓްރީ ޑިޕާރޓްމެންޓާ ދިމާލަށް މިސްރާބުޖެހިއެވެ. ލިފްޓުން މައްޗަށް އެރިއިރު އެތަނުގެ ލައިޓްތައް ދިއްލާފައި ހުރިނަމަވެސް، އެއްފަރާތު ފާރުގައި ލެނގިލައިގެން ހުރި މިޝްޔާ ނޫން އިތުރު މީހަކު ނެތެވެ.

"މިޝްޔާ!" ނާޒިލް މިޝްޔާއަށް ގޮވައިލިއެވެ. އޭނާގެ ނަޒަރު މިޝްޔާގެ ތުރުތުރު އަޅަމުން ދިޔަ އަތަށް ހުއްޓުނެވެ. އިސްޖަހާލައިގެން ހުރި މިޝްޔާ އިސް އުފުލައިލީ، ނާޒިލްގެ އަޑަށެވެ. މިޝްޔާއަށް ވަމުން ދިޔަ ގޮތް ނާޒިލްއަށް ނަގައިގަނެވުމާއެކު، އޭނާއަށް މިޝްޔާގެ ކައިރިއަށް ޖެހިލެވުނެވެ. އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ކުއްލިއަކަށް މިޝްޔާ އޭނާގެ ގައިގައި ބައްދައިލުމާއެކު ނާޒިލްއަށް ލިބުނީ ޝޮކެކެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު