ޔުކްރެއިންގެ ވެރިންނަކީ ވަރަށް ކޮރަޕްޓް ބައެއް: ބިލްގޭޓްސް

ބިލްގޭޓްސް

ވޮޝިންޓަން (28 ޖަނަވަރީ 2023): ޔުކްރެއިންގެ ވެރިންނަކީ ދުނިޔޭގެ އެންމެ ކޮރަޕްޓް ލީޑަރުންގެ ތެރޭގައި ހިމެނޭ ބައެއްކަމަށް ވިދާޅުވެ އެމެރިކާގެ މަޝްހޫރު ބިލިޔަނަރު އަދި މައިކްރޯ ސޮފްޓް ކުންފުނީގެ ވެރިޔާ ބިލްގޭޓްސް ޔުކްރެއިންގެ ވެރިންނަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

ބިލްގޭޓްސް ދެއްވި ބަޔާނެއްގައި ވިދާޅުވީ ޔުކްރެއިންގެ ސަރުކާރަކީ ދުނިޔޭގެ އެންމެ ކޮރަޕްޓް އެއް ސަރުކާރު ކަމަށާއި މިހަގީގަތާމެދު ވިސްނަންޖެހޭ ކަމުގައެވެ. ހަނގުރާމައިގެ ވަގުތުގައިވެސް ޔުކްރެއިންގެ ލީޑަރުން އިސްކަން ދެއްވަނީ ނަހަމަގޮތުގައި އެގައުމުގެ ރައްޔިތުންގެ ފައިސާއަށާއި މުދަލަށް ޚިޔާނާތްތެރިވުމަށް ކަމަށް ގޭޓްސް ވިދާޅުވިއެވެ.

ގޭޓްސްގެ ވާހަކަފުޅުގައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ޔުކްރެއިންއަށް ދެމުންގެންދާ އަސްކަރީ ބޮޑެތި އެހީތަކާއި އިގްތިސާދީ އެހީތަކުގެ ވާހަކަ ސީދާ ގޮތެއްގައި ވިދާޅުނުވިނަމަވެސް ޔުކްރެއިންގެ ވެރިންނަކީ ދުނިޔޭގެ އެންމެ ކޮރަޕްޓް ލީޑަރުންގެ ތެރޭގައި ހިމެނޭ ބައެއްކަމަށް ވިދާޅުވެ މިދަނޑިވަޅުގައި އޭނާ ވާހަކަދެއްކެވީ ހުޅަނގުން ޔުކްރެއިންއަށް ދޭ އެހީތަކަށް ވާގޮތް ހުޅަނގުގެ ލީޑަރުންގެ ސަމާލުކަމަށް ގެނައުމަށްކަމަށްވަނީ ބެލެވިފައެވެ.

ޔުކްރެއިންގެ ރައީސް ޒެލެންސްކީ

އެމެރިކާއާއި ޔޫރަޕުން ޔުކްރެއިންއަށް އެތައް ބިލިޔަން ޑޮލަރެއްގެ ހަތިޔާރު ހިލޭ ދޭއިރު، އޭގެބައެއް ހަތިޔާރު ދުނިޔޭގެ ކަޅުބާޒާރުގައި ވިއްކައިގެން އަމިއްލަ ފައިދާއަށް ފައިސާ ހޯދާކަމުގެ ތުހުމަތު ޔުކްރެއިންގެ އިސްވެރިންގެ މައްޗަށް އެތައް ފަހަރަކު ވަނީ ކުރެވިފައެވެ. ނަމަވެސް ޔުކްރެއިންގެ ލީޑަރުންނަކީ ރަޝިއާއާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ކުރީސަފުގައި މިވަގުތު ތިއްބެވި ބައެއްކަމަށްވާތީ ހުޅަނގުގެ މީޑިއާތަކުން މފަދަ ވާހަކަތައް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ޔުކްރެއިން އަށް ފޮނުވާ އެމެރިކާގެ ބައެއް ހަތިޔާރު ނައިޖީރިޔާގެ ބޯކޯ ހަރާމް ޖަމާއަތުގެ އަތްމައްޗަށް އެރިކަމުގެ ޚަބަރުތަކެއް ނައިޖީރިޔާގެ ވެރިންނާ ހަވާލާދީ މިދިޔަ އަހަރު ފެންމަތިވި ނަމަވެސް އެމެރިކާއާއި ޔޫރަޕްގައި މިޚަބަރުތައް ވައިގައި ހިފާފައެއް ނުވެއެވެ. އަދި މިކަމާމެދު އެމެރިކާއާއި ޔޫރަޕްގެ ލީޑަރުން މާބޮޑަށް އަޅާލައްވާފައެއްވެސް ނުވެއެވެ.

ނަމަވެސް މިދިޔަ ހަފުތާގައި ޔުކްރެއިންގެ ރައީސް ވަނީ އެގައުމުގެ އިސް ބައެއް ވެރިން ކޮރަޕްޝަނުގެ ތުހުމަތުގައި މަގާމުން ވަކިކޮށްފައެވެ.

އަނެއްކޮޅުން ޔުކްރެއިންއާ ރަޝިއާ އާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ މިދުވަސްވަރުވެސް ޔުކްރެއިންގެ ރައީސް ވްލަދިމީރު ޒެލެންސްކީގެ ޒުވާން އަނބިކަނބަލުން އޮލޭނާ ޒެލެންސްކާ ޔޫރަޕްގެ ބައެއް ގައުމުތަކަށް ވަޑައިގެން އަގުބޮޑު ބާޒާރުތަކުން ވަރަށް ގިނައިން ޝޮޕިންކުރައްވައި އަގުބޮޑުތަކެތި ބައްލަވައިގަނެ ކުރިޔަށްވުރެ ލަގްޒަރީ ދިރިއުޅުމެއް އުޅުއްވާކަމަށް ޔޫރަޕްގެ ބައެއް ޓެބްލޮއިޑް ނޫސްތަކުންވަނީ ހާމަކޮށްފައެވެ.

ޒެލެންސްކީގެ އަނބިކަނބަލުން އޮލީނާ

ބިލްގޭޓްސް ވިދާޅުވިގޮތުގައި ޔުކްރެއިންގެ ރައީސް ވްލަދިމީރު ޒެލެންސްކީ ގެ ސަރުކާރަކީ ދުނިޔޭގެ އެންމެ ފާސިދު (ކޮރަޕްޓް) އެއް ސަރުކާރެވެ. ޒެލެންސްކީގެ ސަރުކާރަކީ ޔުކްރެއިންގެ މަދު އަދަދެއްގެ މުއްސަނދީންގެ މައްޗަށް އެކުލެވޭ ސަރުކާރެއްކަމަށާއި ޑިމޮކްރަސީގެ ސިފަތައް އެ ސަރުކާރުގައި މިހާރު ނެތްކަމަށްވެސް ގޭޓްސް ވިދާޅުވިއެވެ.

ގޭޓްސް ވިދާޅުވިގޮތުގައި ޔުކްރެއިންގެ ރައްޔިތުން ބޮޑު ހަނގުރާމައެއްގައި ފަނާވަމުންދާއިރު އެމީހުންގެ މައްޗަށް ފާސިދު ސަރުކާރެއް ވެރިވެފައިއޮތުމަކީ ވަރަށް ހިތާމަވެރި ކަމެކެވެ. މީގެއިތުރުން ގޭޓްސް ވިދާޅުވެފައިވާގޮތުގައި ޔުކްރެއިންއަކީ އެމެރިކާއަށް ވުރެވެސް މާމޮޅު ދަނޑުވެރި ބިންތަކެއް ލިބިފައިވާ ގައުމެކެވެ.

"ޔުކްރެއިންގެ ދަނޑުތަކަކީ އެމެރިކާގެ ދަނޑުތަކަށްވުރެވެސް ބިންރަނގަޅު ދަނޑުތަކެއް، ނަމަވެސް ހަނގުރާމައިގެ ކުރިންވެސް ޔުކްރެއިންގެ ރައްޔިތުންގެ ގިނަ ބަޔަކު އުޅުނީ ވަރަށް ދަތި ފަގީރު ނިކަމެތި ހާލަތެއްގައި" ގޭޓްސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ޔުކްރެއިންގައި މުއްސަނދިކޮށް އުޅުމުގެ ފުރުސަތު އޮތީ ސަރުކާރާ ގުޅިފައިވާ މަދު އަދަދެއްގެ ބަޔަކަށެވެ.

ޔުކްރެއިންގެ ބިމުގެ ވަސީލަތުގެ ބޭނުން ހެޔޮގޮތުގައި ހިފިނަމަ އެގައުމުގެ ރައްޔިތުންނަށް ހަނގުރާމައިގެ ކުރިން ތަނަވަސް މުސްތަގްބަލެއް ލިބުނީސްކަމަށް ގޭޓްސް ވިދާޅުވިއެވެ.

ހުޅަނގުގެ ސަރުކާރުތަކުގެ ސިޔާސަތު އާންމުގޮތެއްގައި ހުންނަނީ ހުޅަނގުގެ ސިޔާސަތުތަކަށް ބޯލަނބާ އަދި އެސިޔާސަތުތައް ތަންފީޒުކޮށްދީ ހުޅަނގުގެ ދުޝްމަނުންނާ ކުރިމަތިލާ ގައުމުތަކުގެ ވެރިންގެ ފަތިފުށް އޮއްބާލައި، ހުޅަނގާ އިދިކޮޅު ލީޑަރުންގެ މައްޗަށް އިންސާނީ ހައްގުތަކަށް އަރައިގަތުންފަދަ މައްސަލަތައް ނަގައި އެފަރާތްތަކުގެ ފަތިފުށް ހާމަކުރުމުގެ މައްޗަށެވެ.

ބިލް ގޭޓްސްގެ މިވާހަކަތަކަށްވެސް ހުޅަނގުގެ ސަރުކާރުތަކުން އަދި އަޅާލާފައެއް ނުވެއެވެ.

comment ކޮމެންޓް