ރޭގެ މުޒާހަރާ ރޫޅާލީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްގެން: އިދިކޮޅު

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ކުރާ މުޒާހަރާ--- ފޮޓޯ/ ޕީޕީއެމް

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާ، އިދިކޮޅު ޕީޕިއެމް އާއި ޕީއެންސީގެ ކޯލިޝަނުން ރޭ ބޭއްވި މުޒާހަރާއަށް ހުރަސްއަޅައި ފުލުހުން މެދުވެރިކޮށް ހަރަކާތުގެ ބައިވެރިންނަށް އަނިޔާވެރިވި ކަމަށް ތުހުމަތުކޮށް، އެކަން ބެލުމަށް ކަމާގުޅުންހުރި އިދާރާތަކަށް އިދިކޮޅުން ގޮވާލައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ކުށް ސާބިތުވެ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެމަނިކުފާނު 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި ފަހުން، އިދިކޮޅުން އަންނަނީ އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންނެވެ.

އެގޮތުން ރޭ ބޭއްވި މުޒާހަރާއަށް ވަކި ހިސާބަކުން ފުލުހުން ހުރަސްއަޅާފައިވާއިރު، އެމްޕީއެލް ސަރަހައްދުން މުޒާހަރާގެ ބައިވެރިން ގަޔަށް ޕެޕާ ސްޕްރޭ ޖަހައި، އެއްވުން ރޫޅާލުމަށްފަހު ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި މުޒާހަރާގެ ތެރެއިން ބައެއް ބައިވެރިންނަށް އަނިޔާވެގެން ހޮސްޕިޓަލަށްވެސް ގެންގޮސްފައިވެއެވެ.

އެކަމާ ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފުލުހުން މުޒާހަރާ ރޫޅާލީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ކަމަށާއި، ހަރަކާތުގެ ބައިވެރިންނާ މެދު އަމަލުކޮށްފައިވަނީ ވަރަށް އަނިޔާވެރިކޮށް ކަމަށެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއަށާއި، އެމީހުންގެ ލޮލަށާއި އަނގައާ ދިމާކޮށް ޕެޕާ ސްޕްރޭ ޖެހުމާއި، ބައިވެރިންގެ ތެރެއިން މީހުން ހައްޔަރުކުރިއިރު، އެމީހުން ބިންމައްޗަށް ވައްޓާލާ އޮބިއެޅި މަންޒަރުތައްވެސް ފެނުނު ކަމަށް އިދިކޮޅުން ބުނެފައިވެއެވެ.

އިދިކޮޅުން ވަނީ އެކަން ކޮށްފައިވަނީ ސަރުކާރުގެ އެންގުމަށް ކަމަށް ތުހުމަތު ކޮށްފައެވެ. އަދި އެކަން ތަހުގީގުކޮށް، އެކަށީގެންވާ ފިޔަވަޅު އެޅުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަށް ރައިޓްސް ކޮމިޝަނަށް ގޮވާލާފައިވެއެވެ.

ރޭގެ މުޒާހާރާގައި ބަޔަކު ހައްޔަރުކުރި ނަމަވެސް އެ އެންމެން މިހާރު ވަނީ ދޫކޮށްލާފައެވެ.

comment ކޮމެންޓް