މުދަލު ޒަކާތަކީ އިސްލާމީ އިގްތިސާދު ހަރުދަނާ ކުރުމަށް އެޅިފައިވާ މުހިއްމު ފިޔަވަޅެއް: ޚުތުބާ

ހުކުރު މިސްކިތުގައި ކުރެވުނު ހުކުރު ނަމާދެއްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުދަލު ޒަކާތަކީ އިސްލާމީ އިގްތިސާދު ހަރުދަނާ ކުރުމަށް އެޅިފައިވާ ފިޔަވަޅުތަކުގެ ތެރެއިން މުހިއްމު ބޮޑު ފިޔަވަޅެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ އިސްލާމްދީނުގައި ޒަކާތުގެ ދެ ބާވަތެއް ވާއިރު މުދަލު ޒަކާތަކީ ކަމުގެ މުހިއްމުކަން ބޮޑުކަމުން ދީނުގެ ރުކުނެއްގެ ގޮތުގައި މާތްﷲ ކަނޑައަޅުއްވާފައިވާ ކަމެއް ކަމަށެވެ.

އެހެންކަމުން ޒަކާތް ވާޖިބުވާވަރުގެ ތަނަސްކަން ހުރި ކޮންމެ މީހަކުމެ އެ މީހެއްގެ މުދަލުން ޒަކާތް ދައްކަން ޖެހޭނެ ކަމަށް ޚުތުބާގައި ބުންޏެވެ. ނޫންނަމަ އެ މީހެއްގެ ދީން ފުރިހަމަ ނުވާނެ ކަން ވެސް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ހަނދާން ކޮށްދީފައެވެ.

"އިސްލާމްދީނުގެ ނަޒަރުގައި މުދަލަކީ އެއާ ހަވާލުކުރެވިފައިވާ ބައެއްގެ އަތްމަތީގައިވާ މުޅި އިސްލާމީ އުއްމަތުގެ ހިއްސާއެއް އޭގައިވާ އެއްޗެއް. ޒަކާތައި ސޮދަގާތުގެ ސިފައިގައި ދެއްވި މުދަލުން ހޭދަކުރުމަކީ ތަނަވަސްކަމުގެ އަހުލުވެރިން ކުރަން ޖެހޭނެ ކަމެއް،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ތަނަވަސްކަމުގެ އަހުލުވެރިން އެބައިމީހުންގެ މުދަލުން ޒަކާތް އަދާކުރަމުން ދާނަމަ އިސްލާމީ މުޖުތަމައުގެ ވަރަށް ގިނަ އިޖުތިމާއީ މައްސަލަތައް ހައްލުވާނެ ކަމަށެވެ.

އެގޮތުން ހަސަދަވެރިކަމާއި ރުޅިވެރިކަން ފިލައިގެން ދިއުމުގެ އިތުރުން މީހުންގެ މެދުގައި ފަގީރުކަން ނެތިގެން ދާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

ހަމައެއާއެކު މުޖުތަމައުގެ އެންމެހާ ޔަތީމުންނާއި އަތްމަތި ދަތި މީހުން، އެމީހުންގެ ބޭނުންތައް ފުއްދައި ދިނުމުގައި މެދުވެރި މީހުންނަށްޓަކައި ހެޔޮ ދުއާކޮށް އެބައިމީހުންގެ މުދަލުގައި ބަރަކާތް ލެއްވުން އެދި ދުއާކުރާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

ކިތަންމެ ގިނަ މުދަލެއް ޖަމާކޮށްފައި ވީނަމަވެސް ކޮންމެ މީހަކަށް ވެސް އެމީހެއްގެ މުދަލުން ފައިދާއެއް ކުރާނީ އެމީހަކު އެއިން ބޭނުން ކުޅަ އެއްޗަކާއި އާޚިރަތުގެ ސަވާބާއި ދަރުމައަށް އެދިގެން ހޭދަކުރާ އެއްޗަކުން ކަމަށް ވާއިރު ދެން ހުރި ތަކެއްޗަކީ ދުނިޔެ މަތީގައި ތިބި ކޮންމެވެސް ބައެއްގެ އަތްމައްޗަށް ދޫކޮށްފައި ދާން ޖެހޭނެ ތަކެތި ކަމަށް ޚުތުބާގައި ބުންޏެވެ.

އެހެންކަމުން ޒަކާތް ދިނުމާއި ﷲގެ މަގުގައި ގިނަގިނަ އިން ހޭދަކުރުމަށް އަވަސްވެ ގަތުމަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ނަސޭހަތްތެރި ވެފައެވެ.

comment ކޮމެންޓް