ދިރާގުން ބްރޯޑްކޮމްއާ ދެކޮޅަށް ހުށަހެޅި ދައުވާ އަނބުރާ ގެންގޮސްފި

ދިރާގު ހެޑް އޮފީސް: އެ ކުންފުނިން ބްރޯޑްކޮމްއާ ދެކޮޅަށް ހުށަހެޅި ދައުވާ ވަނީ އަނބުރާ ގެންގޮސްފަ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދިރާގު ޓީވީގެ ލައިސަންސް އާ ނުކުރަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ނިންމުމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ދިރާގުން އަނބުރާ ގެންގޮސްފިއެވެ.

ބްރޯޑްކޮމްއިން ވަނީ، ރާއްޖެއިން ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކުން ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުމަކީ މަނާ ކަމެއް ކަމަށް ބުނެ ރީބްރޯޑްކާސްޓް ކުރުމާ ގުޅޭ ގަވާއިދު އިސްލާހުކޮށްފައެވެ.

ދިރާގުގެ މެޖޯރިޓީ ހިއްސާ މިހާރު އޮންނަނީ ބަހުރައިންގެ ޓެލެކޮމިއުނިކޭޝަން ކުންފުނި ބަޓެލްކޯއަށެވެ.

އެހެންކަމުން ދިރާގު ޓީވީގެ ރީބްރޯޑްކަސްޓިން ލައިސަންސް އާ ކުރުމަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަތް ވަނަ ދުވަހު އެ ކުންފުނިން ހުށަހެޅުމުން ބްރޯޑްކޮމްއިން ވަނީ އާ އިސްލާހުގެ ދަށުން ލައިސަންސް އާކޮށްދެވެން ނެތް ކަމަށް ނިންމާފައެވެ.

އެކަމާ ގުޅިގެން ދިރާގުން ކުރި ދައުވާގައި ވަނީ އެ ކުންފުންޏަކީ ސައްތައިން ސައްތަ ދިވެހި ހިއްސާ އޮންނަ ކުންފުންޏަކަށް ނުވާތީ، ދިރާގު ޓީވީގެ ލައިސަންސް އާ ނުކޮށްދޭން ބްރޯޑްކޮމްއިން ނިންމާފައިވާ ނިންމުމަކީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 28 ވަނަ މާއްދާއާ ޚިލާފު، ބާތިލު ނިންމުމެއް ކަމަށެވެ.

މީގެ އިތުރުން، ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގައި ކަނޑާއަޅާފައިވާ މުއްދަތުގެ ތެރޭގައި ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް އާ ކުރުމަށް އެދި ދިރާގުން ހުށަހަޅާފައިވާ ކަމަށާއި ދިރާގު ޓީވީގެ ލައިސަންސް އާކޮށްދިނުމަށް ބްރޯޑްކޮމްގެ މައްޗަށް އަމުރުކޮށްދިނުމަށް އެ ދައުވާގައި އެދިފައިވެއެވެ.

ނަމަވެސް އެ މައްސަލަ އަނބުރާ ގެންދިއުމަށް ދިރާގުން އިއްޔެ ވަނީ ސިވިލް ކޯޓުގައި އެދިފައެވެ. އެހެންކަމުން ދިރާގުން އެދުނު ގޮތަށް އެ މައްސަލަ ބާތިލް ކުރުމަށް ސިވިލް ކޯޓުން އިއްޔެ ވަނީ ނިންމާފައެވެ.

ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދިރާގަށް ދޫކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ 30 ވަނަ ދުވަހުއެވެ.

ރެގިއުލޭޓަރީ ގޮތުން ކުރިމަތިވެފައި ގޮންޖެހުންތަކަށް ރިއާޔަތްކޮށް، ކުންފުންޏާއި ޙިއްޞާދާރުންގެ ރައްކަލާއި މަންފާއަށާއި ކުންފުންޏަށް ލިބޭނެ ގެއްލުން އިތުރުވިޔަ ނުދިނުމަށްޓަކައި، ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ޚިދުމަތް ހުއްޓާލުމަށް ދިރާގު ބޯޑުންވަނީ ނިންމާފައެވެ.

އެގޮތުން، ޤަވާއިދުގައިވާ ގޮތުގެމަތިން ޚިދުމަތް ހުއްޓާލުމުގެ 30 ދުވަސް ކުރިން ކަސްޓަމަރުންނަށް އެންގުމަށް ލާޒިމްކޮށްފައިވާތީ، އަންނަ އާދިއްތަ ދުވަހަކީ ދިރާގުޓީވީ އަދި ދިރާގުޕްލޭ ޚިދުމަތް ފޯރުކޮށްދިނުމުގެ އެންމެފަހު ދުވަސްކަމުގައި ވަނީ އިއުލާންކޮށްފައެވެ.

މީގެ އިތުރުން، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އަލަށް ލިބިފައިވާ އެސްއެސް ނެޓްވޯކް ޕްރައިވެޓް ލިމިޓެޑާއެކު ކުރެވުނު މަޝްވަރާތަކުން، ދިރާގުގެ އައިޕީޓީވީ އަދި އޯޓީޓީ ވިއުގަ ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް އެފަރާތާއެކުވަނީ އެއްބަސްވުމަކަށް އައިސްފައެވެ.

comment ކޮމެންޓް