އެމެރިކާ ޑޮލަރާ ކުރިމަތިލުމަށް ލެޓިން އެމެރިކާގެ ގައުމުތަކުން ޚާއްސަ ފައިސާއެއް އުފައްދަނީ

ލެޓިން އެމެރިކާއާއި ކެރީބިޔަން ގެ ގައުމުތަކުގެ ސަރަހައްދީ ޖަމްއިއްޔާ "ސިލަކް" ގެ މިފަހަރުގެ ސަމިޓްގެ ބައިވެރިން

ބިއުނަސް އައިރިސް (26 ޖަނަވަރީ 2023): އެމެރިކާ ޑޮލަރާ ކުރިމަތިލުމަށްޓަކައި ލެޓިން އެމެރިކާގެ ގައުމުތަކަށް ޚާއްސަ ފައިސާއެއް ވުޖޫދަށް ގެނައުމުގެ މަސައްކަތް އެގައުމުތަކުގެ ސަރަހައްދީ ޖަމްއިއްޔާއިން ފަށަފައިފިއެވެ.

ލެޓިން އެމެރިކާއާއި ކެރީބިޔަން ސަރަހައްދުގެ 33 ގައުމު ހިމެނޭ ސަރަހައްދީ ޖަމްއިއްޔާ " ދަކޮމިއުނިޓީ އޮފް ލެޓިން އެމެރިކަން އެންޑް ކެރީބިޔަން ސްޓޭޓްސް" (ސިލަކް)ގެ ސެކްރެޓޭރިއަޓުން ބުނީ އާޖެންޓީނާގެ ވެރިރަށް ބިއުނަސް އައިރިސްގައި އިއްޔެ ފެށި އެޖަމްއިއްޔާގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި އިސްކަންދޭ އެއްކަމަކީ ލެޓިން އެމެރިކާގެ ގައުމުތަކަށް ޚާއްސަ ފައިސާއެއް ވުޖޫދަށް ގެނެވޭނެ ގޮތުގެ މަޝްވަރާތަކެވެ.

ލެޓިން އެމެރިކާއާއި ކެރީބިޔަންގެ ގައުމުތަކުގެ ސަރަހައްދީ ޖަމްއިއްޔާ އަކީ އެސަރަހައްދަށް އަތްގަދަކުރަން އެމެރިކާ ކުރަމުންގެންދާ މަސައްކަތްތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމުގެ މަގްސަދުގައި 2010ވަނަ އަހަރު އުފެއްދި ޖަމްއިއްޔާއެވެ. މިސަރަހައްދުގެ ގިނަ ގައުމުތަކުގައި މިހާރު ވެރިކަން ކުރަނީ އެމެރިކާގެ ބާރާއި ނުފޫޒާ ދުރަށްދާން ބޭނުންވާ ވާތުފިޔައިގެ ފިކުރުގެ ސަރުކާރުތަކެވެ.

ލެޓިން އެމެރިކާގައި ވާތުފިޔައިގެ ސަރުކާރުތައް ވެރިކަންކުރާ ގައުމުތަކުގެ ތެރޭގައި ބްރަޒީލް، ވެނެޒުއެލާ، އާޖެންޓީނާ، ކޮލަންބިއާ، އަދި ޗިލީ ފަދަ ބޮޑެތި ގައުމުތައް ހިމެނެވެ.

އިއްޔެ ބިއުނަސް އައިރިސްގައި ފެށި "ސިލަކް" ގެ އިސްވެރިންގެ ހަތްވަނަ ސަމިޓްގައި އެޖަމާއަތުގެ ގިނަ ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. އެކި ސަބަބުތަކާ ގުޅިގެން އިސްވެރިން ބައިވެރިވެވަޑައިނުގަންނަވާ ގައުމުތަކުންވެސް ދެވަނަ ދަރަޖައިގެ ވެރިން ތަމްސީލް ކުރައްވައެވެ.

މިސަމިޓްގައި އެމެރިކާގެ މަސްއޫލުވެރިއަކުވެސް އޮބްޒާވަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވައެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންވެސް، ސަމިޓްގެ ބައިވެރިންނާ މުޚާތަބު ކުރައްވައި ވާޗުއަލްކޮށް ޚިތާބެއް ދެއްވާގޮތަށްވަނީ ހަމަޖެހިފައެވެ.

ލެޓިން އެމެރިކާއާއި ކެރީބިޔަން ގައުމުތަކުގެ ސަރަހައްދީ ޖަމްއިއްޔާ "ސިލަކް" ގެ ގައުމުތަކުގެ އިސްވެރިންގެ ކުރީގެ ސަމިޓެއް

ސަމިޓްގެ އެޖެންޑާގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި އިގްތިސާދީ ޖަމާއަތެއްގެ ގޮތުގައި "ސިލަކް" ޖަމާއަތް މިހާރަށްވުރެ ބޮޑަށް ހަރަކާތްތެރިވެވޭނެ ގޮތްތަކެއް ކަނޑައެޅުމާއި މިގައުމުތަކުގެ މެދުގައި ގުޅިފައިވާ ވިޔަފާރީގެ ބާޒާރުގެ ނިޒާމެއް ގާއިމްކުރުމާއި ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކަށް ޚާއްސަ ފައިސާއެއްގެ ގޮތުގައި ޔޫރޯ އޮންނަ ގޮތަށް "ސިލަކް" ޖަމާއަތުގެ 33 ގައުމަށް ޚާއްސަ ފައިސާއެއް އުފެއްދުން ހިމެނެއެވެ.

މިކަމުގެ އަސާސެއްގެ ގޮތުން އާޖެންޓީނާއާއި ބްރަޒީލްވަނީ އެދެގައުމު ގުޅިގެން އެދެގައުމަށް ޚާއްސަ ފައިސާއެއް އުފެއްދުމަށް މިދިޔަ ހަފްތާގައި ނިންމައި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ފައިސާގެ މި ނިޒާމަށް ބޭނުންވާ ގާނޫނުތަކާއި އިންސްޓިޓިއުޓްތަކާއި ބޭންކްތައް އުފެއްދުމަށްވެސް އާޖެންޓީނާއާއި ބްރަޒީލްވަނީ މިދިޔަ ހަފްތާގައި އެއްބަސްވެފައެވެ.

"ސިލަކް" ޖަމާއަތުގެ ސަމިޓްގައި އާޖެންޓީނާއާއި ބްރަޒީލް ގުޅިގެން އުފެއްދުމަށް މަސައްކަތްކުރާ ފައިސާގެ ނިޒާމުގައި އެޖަމާއަތުގެ އަނެއް 31 ގައުމު މުސްތަގްބަލްގައި ބައިވެރިވުމާބެހޭގޮތުން އެޖަމާއަތުގެ ސަމިޓްގައި މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.

ލެޓިން އެމެރިކާގެ ގައުމުތަކަށް ޚާއްސަ ފައިސާއެއް ވުޖޫދަށް ގެނައުމަށް އެގައުމުތަކުން މަސައްކަތްކުރާއިރު ޗައިނާ އިސްވެ އޮވެގެން އުފައްދާފައިވާ ބްރިކްސް ޖަމާއަތުންވެސް ގެންދަނީ އެޖަމާއަތުގެ ގައުމުތަކަށް ޚާއްސަ ފައިސާއެއް އުފައްދަން މަސައްކަތް ކުރަމުންނެވެ. ބްރިކްސް ޖަމާއަތުގައި ހިމެނެނީ ޗައިނާގެ އިތުރުން ރަޝިއާ، އިންޑިއާ، ދެކުނު އެފްރިކާ އަދި ބްރަޒީލެވެ. މިއީ ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުންދާ އިގްތިސާދުތަކެވެ.

އެމެރިކާއިން އެގައުމުގެ ފައިސާކަމަށްވާ ޑޮލަރު، އެހެން ގައުމުތަކަށް އަދަބުދިނުމުގެ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާތީއާއި ޑޮލަރަކީ ދުނިޔޭގެ ވިޔާފާރީގެ މުއާމަލާތްތަކުގެ ގާތްގަނޑަކަށް 70 އިންސައްތަ މުއާމަލާތްތަކުގައި ބޭނުންކުރާ ހަމައެކަނި ފައިސާކަމަށްވާތީ އެމެރިކާގެ އިގްތިސާދު އަޑިއަޅާލާ ކޮންމެ ވަގުތަކު ޑޮލަރު ޖަހައި ޗާޕްކޮށްގެން އިގްތިސާދު ރަނގަނޅު ކުރުމުގެ ރަނުގެ ފުރުސަތެއް ހަމައެކަނި އެމެރިކާއަށް ލިބިފައިވާތީ މިކަން ބަދަލުކުރެވޭނެ ގޮތެއް ނުވަތަ ޑޮލަރުން ކުރާ މުއާމަލާތްތައް މަދުކުރެވޭނެ ގޮތެއް ދުނިޔޭގެ ގިނަގައުމުތަކުން މިހާރު ބޭނުންވެއެވެ.

ޑޮލަރުގެ ބާރު ކުޑަކުރުމަށްޓަކައި ޗައިނާ، ރަޝިއާ، އިންޑިއާ، އީރާން، ސައޫދީ އަރަބިއާ އަދި ޔޫއޭއީ ފަދަ ގައުމުތަކުން މިހާރުވަނީ އެގައުމުތަކުގެ މެދުގައި ހިންގާ ވިޔާފާރީގެ މުއާމަލާތްތަކުގައި ޑޮލަރުގެ ބަދަލުގައި އެގައުމުތަކުގެ އަމިއްލަ ފައިސާ ބޭނުންކުރަންވެސް ފަށައިފައެވެ. އެެހެންކަމުން ކުރިޔަށްއޮތް އަހަރުތަކުގައި ޑޮލަރުން ކުރާ ވިޔަފާރީގެ މުއާމަލާތްތައް މިހާރަށްވުރެ އެތަށްތަނެއް މަދުވެ ދުނިޔޭގެ ރިޒާވް ފައިސާގެ ގޮތުގައި ޑޮލަރާއި ޔޫރޯގެ އިތުުރުން އެހެން ފައިސާތައްވެސް ބޭނުންކުރަން ފެށޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް