ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލާން އަނެއްކާ ވެސް ހުޅުވާލައިފި

ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ، އަދި މަޤާމުން އިސްތިއުފާދެއްވި އަހުމަދު ގައިސް މީގެ ކުރިން ބޭއްވި ކޮމިޝަނުގެ ބައްދަލުވުމެއްގެ ތެރެއިން--- ފޮޓޯ/ބްރޯޑްކޮމް

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލާން ޝައުގުވެރިކަން ހުރި މީހުނަށް އެ ފުރުސަތު އަނެއްކާ ވެސް މިއަދު ހުޅުވާލައިފިއެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުން ބުނީ، މެމްބަރުކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލީ، އެ ކޮމިޝަނުގައި މިހާރު ތިބި މެންބަރުންގެ ތެރެއިން މެމްބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށް ކަމަށެވެ.

އެހެންކަމުން މެމްބަރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެ ކަމަށް ފޯމު ހުށަހަޅަންވަނީ އިއުލާންކޮށްފައެވެ. އެ ކަމަށް އެދޭ ފޯމާއި، އިގުރާރާއި، ކުށާއި ދަރަނީގެ ރެކޯޑު ފޯމު އަންނަ މަހުގެ ފަހެއް އަދި ހައެއްގައި ބަލައިގަންނާނެކަމަށް އިއުލާންގައިވެއެވެ. އެ ދެ ދުވަހު ވެސް ފޯމު ބަލައިގަންނާނީ ހެނދުނު 09:30 އިން މެންދުރު 12:30އާ ދެމެދު ރައީސް އޮފީހުންނެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލާން މި މަހުގެ 12ވަނަ ދުވަހު ވެސް ވަނީ އިއުލާނު ކޮށްފައެވެ. އެއީ، އެ ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ގައިސް އިސްތިއުފާދެއްވުމާއެކު އެ މަގާމު ހުސްވެފައި ވާތީއެވެ.

މި މަހުގެ އަށްވަނަ ދުވަހު ގައިސް އިސްތިއުފާ ދެއްވީ މިމަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ހަރަކާތްތެރި ވުމަށެވެ.

މިހާރު ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ހަ މެމްބަރުންނަކީ:

މަރިޔަމް ވަހީދާ: ކޮމިޝަނުގެ ރައީސް
އަމްޖަދު ވަހީދު: މެމްބަރު
ޢަލީ ޔޫސުފް: މެމްބަރު
އާމިނަތު އަމީނާ: މެމްބަރު
މުހައްމަދު ފަޒީން: މެމްބަރު
ޝިފްލާ އިބްރާހީމް: މެމްބަރު

ބްރޯޑްކޮމް އެކުލެވިގެން ވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެ ކޮމިޝަންގެ މެމްބަރުންނަށް ލިބެނީ ފަސް އަހަރުގެ ދައުރެކެވެ.

comment ކޮމެންޓް