މަތިވެރީގައި ގާއިމް ކުރާ ފެނުގެ ނިޒާމުގެ 80 އިންސައްތަ މަސައްކަތް ނިންމާލައިފި

މަތިވެރީގައި ފެން ރައްކާ ކުރުމަށްޓަކައި ބެހެއްޓި ދެ ތާނގީ --- ފޮޓޯ/ އެމްޑަބްލިއުއެސްސީ

އއ. މަތިވެރީގައި އެމްޑަބްލިއުއެސްސީއިން ގާއިމް ކުރާ ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތްތަކުގެ 80 ޕަސެންޓްގެ މަސައްކަތް ނިމިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ އެ މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމްގައި ހިމެނޭ 6.7 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތާއި އަދި ފެން ރައްކާކުރުމަށްޓަކައި ދެ ތާންގީ ބެހެއްޓުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މީގެ އިތުރުން ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއި އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތްތައް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

އަދި ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. މިއާއެކު، ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވެސް މިހާރު ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މަތިވެރީގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫޢުގެ އަގަކީ ޖުމްލަ 38.83 މިލިއަން ދިވެހި ރުފިޔާ އެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން މަތިވެރީގެ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެއެވެ.

comment ކޮމެންޓް