މ. ބޯހުރާގައި ރިސޯޓުގެ އިހްތިސާސްގައި ސާފްޕޮއިންޓް 'މަޝްރޫމްސް' ނުހިމެނޭ

މ. ބޯހުރާ --- ފޮޓޯ/ އިމްތިޔާޒް އަފީފް / އިންތި ފޮޓޯސް

ފަތުރުވެރިކަމުގެ ބޭނުމަށް ރިސޯޓު ތަރައްޤީ ކުރަން މ. ބޯހުރާ ބީލަމަށް ހުޅުވާލި ނަމަވެސް، އެރަށް ހިއްކުމަށް ހުއްދަ ނުދޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މި މަހުގެ 23 ވަނަ ދުވަހު ބޯހުރާގައި ރިސޯޓު ތަރައްގީ ކުރުމަށް ބީލަމަށް ހުޅުވާލީ އެރަށް ހިއްކުމަށް ހުއްދަ ދޭގޮތަކަށް ނޫން ކަމަށެވެ. އަދި އެރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރެވޭއިރު، އެރަށަށް އަރާ ފޭބުމުގެ އިންތިޒާމް ހަމަޖައްސާނީ ރިސޯޓް ތަރައްގީ ކުރާ ފަރާތާއި އެ އަތޮޅު މުލީ ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މުލީ ބަނދަރުންކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

މި ބަޔާނުގައި މިނިސްޓްރީއިން އިތުރަށް ބުނީ ބޯހުރާގައި ރިސޯޓު ތަރައްގީ ކުރި ނަމަވެސް، ގަވާއިދު ނަންބަރު 2012/R-7 ގެ އަށްވަނަ މާއްދާގެ ދަށުން އެ ރިސޯޓު ތަރައްގީ ކުރެވޭ އިމުގެ ތެރޭގައި އެރަށާއި ކައިރީގައިވާ މަޝްޙޫރު ސާރފް-ޕޮއިންޓް ނުހިމެނޭ ކަމަށެވެ.

މ. ބޯހުރާ ރިސޯޓްގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ސާފިން ޕޮއިންޓް ---ފޮޓޯ/ ސާފް އެޓޯލްސް

އެހެން ކަމުން އެ ސާފް ޕޮއިންޓަކީ ޢާންމުންނާއި ފަތުރުވެރިންނަށް ވެސް ބޭނުން ކުރެވޭނެ ފަދަ ސާފް ޕޮއިންޓަކަށް ހެދުމަށް، ސައިޓް މެނޭޖްމެންޓް ޕްލޭނެއް ތައްޔާރު ކުރުމުގެ މަސައްކަތުގެ މަޝްވަރާތައް އެކަމާ ގުޅުން ހުރި ސްޓޭކް ހޯލްޑަރުންނާ އެކު ބާއްވަމުން އަންނަ ކަމަށް ވެސް މިނިސްޓްރީ އިން ބުނެފައިވެއެވެ.

މި ޤަވާއިދުގައިވާ ގޮތުން ތަރައްޤީކުރުމަށް ކަނޑައެޅޭ ރިސޯޓުގެ ފަޅުގައި ފީނުމުގެ ސަރަޙައްދުތަކާއި، ސާރފިންގ ނުވަތަ ރާޅާއަޅާ ސަރަހައްދުތަކާއި މި ނޫން ވެސް ޓޫރިސްޓް އެޓްރެކްޝަންސްގޮތުގައި މިނިސްޓްރީން ކަނޑައަޅާފައިވާ ސަރަޙައްދުތައް ހިމެނޭނަމަ، އެ ރިސޯޓެއްގެ ފަޅުގެ ސަރަޙައްދު ކަނޑައަޅާނީ މިފަދަ ތަންތަން ނުހިމެނޭ ގޮތަށެވެ.

އަދި މިގޮތަށް ކަނޑައެޅޭ ސަރަޙައްދުތައް މިނިސްޓްރީން އާންމުކޮށް އިޢުލާން ކުރަންވާނެ ކަމަށާއި، މިފަދަ ސަރަޙައްދުތައް ބޭނުން ކުރުމާ ބެހޭ އުޞޫލެއް މިނިސްޓްރީން ކަނޑައެޅުމަށްފަހު އާންމުކޮށް އިޢުލާން ކުރަންވާނެ ކަމަށް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ގާތްގަޑަކަށް ތިން ހެކްޓަރުގެ މ. ބޯހުރާއަކީ މުލީއާ އެއްފަޅެއްގައި އޮންނަ ރަށެކެވެ. މި ރަށަކީ ދަތުރުގޮސް ހެދުމަށާއި، ރާޅާ އެޅުމަށް ވެސް އެ އަތޮޅުގައި ފާހަގަ ކޮށްލެވޭ ރަށެކެވެ.

comment ކޮމެންޓް