ހިމާޔަތް ކޮށްފައިވާ ސަރަހައްދުތައް މެނޭޖުކުރުމާ ބެހޭ ވޯކްޝޮޕެއް ފަށައިފި

ހިމަޔަތްކޮށްފައިވާ ސަރަހައްދުތައް މެނޭޖުކުރުމާ ގުޅޭ ގޮތުން ފެށި ވޯކްޝޮޕްގެ ތެރެއިން ---

ހިމާޔަތް ކޮށްފައިވާ ސަރަހައްދުތައް ރަނގަޅަށް މެނޭޖުކުރާނެ ގޮތުގެ މަގު ޗާޓެއް އެކުލަވައިލުމުގެ ވޯކްޝޮޕެއް މިއަދު ފަށައިފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު މީރުމާ އިވެންޓްސް ހޯލްގައި ފެށި އެ ވޯކްޝޮޕަކީ އިންޓަނެޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން)އާ ގުޅިގެން ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.

އެ ވޯކްޝޮޕްގައި 40އަށް ވުރެ ގިނަ މީހުން ބައިވެރިވާއިރު އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ އެ ވޯކްޝޮޕް ކުރިއަށް ދާނީ މާދަމާގެ ނިޔަލަށް ކަމަށެވެ. އެގޮތުން މިއަދު ކުރިއަށް ދިޔައީ މިހާރު ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް މެނޭޖުކުރުމުގެ ކަންކަން ދާގޮތް ބަލައި، މިހާރަށް ވުރެ ރަނގަޅަށް އެ މަސައްކަތް ކުރެވޭނެ ގޮތާ ބެހޭ ގޮތުން މަޝްވަރާކުރުމެވެ.

"ރެޑް ލިސްޓްއާ ގްރީން ލިސްޓް ހެދި ބަޔަކީ އައިޔޫސީއެން. ގްރީން ލިސްޓްގަ ހުންނަނީ ރަނގަޅަށް ކުރާ ކަންކަން. ރެޑް ލިސްޓުގައި ހުންނަނީ ނުރައްކާ ކަންކަމަށް. އެހެންވީމަ ރަނގަޅަށް މެނޭޖުކުރާ ކަންކަމަށް ދޭ އެވޯޑެއް ގޮތަށް އިންނަ އެއްޗެއް ގްރީން ލިސްޓަކީ،" އެ މިނިސްޓްރީން ބުންޏެވެ.

ހިމަޔަތްކޮށްފައިވާ ސަރަހައްދުތައް މެނޭޖުކުރުމާ ގުޅޭ ގޮތުން ފެށި ވޯކްޝޮޕްގެ ތެރެއިން --- އެންވަޔަރަމެންޓް މިނިސްޓްރީ

އެންވަޔަރަމެންޓް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގައި ހިމާޔަތްްކޮށްފައިވާ ހުރިހާ ތަނެއް ގްރީން ލިސްޓަށް ނުދިޔަ ނަމަވެސް ވިސްނާނީ އެ ލެވެލްއަށް މެނޭޖުކުރުމަށެވެ. މިއަދުގެ ވޯކްޝޮޕްގައި ކުރިއަށް ދިޔައީ އެކަން ކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވައިލުމުގެ މަސައްކަތް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ ވޯކްޝޮޕްގައި މާދަމާ ކުރިއަށް ދާނީ ހިމާޔަތްކޮށްފައިވާ ސަރައްހަދުތައް ޓެކްނޮލޮޖީގެ އެހީގައި މެނޭޖުކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރުން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.

އެ ވޯކްޝޮޕާ ގުޅިގެން އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ މިއަދު ވިދާޅުވީ ހަމައެކަނި ސަރަހައްދުތައް ހިމާޔަތް ކުރުމުން ނުފުދޭ ކަމަށެވެ.

"ޚާއްސަކޮށް ރާއްޖެ ފަދަ ގައުމަކަށް ފަތުރުވެރިކަމުގެ ދާއިރާއިން ވެސް ވަރަށް މުހިއްމު ބައެއް މީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މާހައުލުގެ ފުރިހަމަ ކަން. އެހެންވީމަ އެގޮތަށް ބެލިޔަސް އެ ރީތިކަން ދަމަހައްޓަން ވެސް ރަނގަޅަށް އެބަ ޖެހޭ އެކަން މެނޭޖުކުރަން މަސައްކަތް ކުރަން،" އޭނާ ވިދާޅުވިއެވެ.

ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ރަނގަޅަށް މެނޭޖުކުރުމުގެ ފައިދާ ހުރިހާ ގޮތަކަށް ވެސް ކުރާނެ ކަމަށާއި ހިމާޔަތް ކުރެވޭ ތަންތަނަކީ ރަނގަޅު ގޮތުގައި މެނޭޖުކުރެވޭ ތަންތަނަށް ވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ މިހާރު ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ރަނގަޅަށް މެނޭޖުކުރުމުގެ މުހިންމުކަން ގިނަ ބަޔަކަށް ނޭނގޭ ކަން ފާހަގަކުރައްވައި އެ ތަންތަން ރަނގަޅަށް މެނޭޖުކުރުމުގައި އެންމެން ވެސް ހޭލުންތެރިވާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް