އެސްޓީއޯގެ ހުޅުމާލެ ފިހާރަ ޚާއްސަ، ކޭޝިއަރެއް ސޭލްސްމަނެއް ނުހުންނާނެ!

އެސްޓީއޯ ޓްރޭޑް ސެންޓަރުން މީހަކު ވިޔަފާރިކުރަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެސްޓީއޯގެ ހުޅުމާލެ ފިހާރަ ރިނޮވޭޓްކޮށް އަލުން ހުޅުވާލާއިރު، ކޭޝިއަރެއް އަދި ސޭލްސްމަނެއް ނެތި ވެސް އެ ފިހާރައިން ވިޔަފާރި ކުރެވޭނެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

ރާއްޖެއަށް މުޅިން އަލަށް ތަޢާރަފް ކުރާ އާޓިފިޝަލް އިންޓެލިޖެންސް ވިޝަން ބޭނުންކޮށްގެން އެތަނުން ވިޔަފާރި ކުރެވޭއިރު، މި ފިހާރައިން ކަސްޓަމަރުންނަށް ވިޔަފާރީގެ މުޢާމަލާތްތައް ކުރެވޭނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އެ އެޕުގައި އެމީހެއްގެ ބޭންކު ކާޑު ރެޖިސްޓްރީ ކޮށްފައި ލޮގިންއެއް ހެދުމުން އެ ފިހާރައިން ވިޔަފާރި ކުރެވޭނެއެވެ.

މި ފިހާރައިގައި ކޭޝިއަރެއް އަދި ސޭލްސް މަނެއް ނެތް ނަމަވެސް، އެ ފިހާރަ އަކީ ރާއްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އެޅިފައިވާ ފިހާރައެކެވެ. އެގޮތުން އާރޓިފިޝަލް އިންޓެލިޖެންސް ކެމެރާ ނުވަތަ އޭއައި ކެމެރާތައް ފިހާރައިގެ އެކި ތަންތަނުގައި ހަރުކޮށްފައި ހުރުން ހިމެނެއެވެ. މި އޭއައި ކެމެރާތަކުން އެ ފިހާރައިގެ ހަރުތަކާއި، އަދި ސްޓޮކު ބެލެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ.

އެސްޓީއޯއިން ބުނީ ހުޅުމާލޭގައި ހުޅުވާ އެ ފިހާރައިން ހަމައެކަނި ލިބެން ހުންނާނީ އެސްޓީއޯ އިން އެތެރެކޮށް ވިއްކާ އުފެއްދުންތައް ނޫން ކަމަށެވެ. އޭގެ އިތުރަށް ކުދި އަދި އަލަށް ފަށާ ވިޔަފާރިތަކުން އުފައްދާ މުދާ ވެސް އެ ތަނުގައި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން މަސައްކަތް ކުރަނީ ރާއްޖެއަށް އައު ޓެކްނޮލަޖީތައް ތައާރަފުކުރަން ކަމަށާއި އައު ޓެކްނޮލަޖީއަށް އިންވެސްޓުކުރަން ވެސް އެސްޓީއޯ އިން އިސްކަންދޭ ކަމަށެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ފިހާރަތަކުގައި ބޭނުންކުރާ މި ޓެކްނޮލަޖީ ރާއްޖެއަށް ތައާރަފުކުރާއިރު، މިއީ މިފަދަ ޓެކްނޮލޮޖީއެއް ރާއްޖެއަށް ތަޢާރަފްކުރި ފުރަތަމަ ފަހަރެވެ. މި ފިހާރައިގެ ސަބަބުން ކަސްޓަމަރުން ފިހާރައަށް ހޭދަކުރަން ޖެހޭ ވަގުތުތައް ސަލާމަތް ވުމަކީ އޭގެން ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.

comment ކޮމެންޓް