އަމީނީމަގުން މީހަކު ޒަޚަމްކޮށްލި މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ

އަމީނީމަގު ސްޓޭޑިއަމް ސަރަހައްދުން މީހަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީފަ -- ސަން ފޮޓޯ: ނަހުދާ ފާއިޒް

އަމީނީމަގު ސްޓޭޑިއަމް ސަރަހައްދުން އިއްޔެ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، ޣިޔާސުއްދީން ސްކޫލް ކައިރިން ޒުވާނަކަށް ހަމަލާ ދިން މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، ނަމަވެސް މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާ ކަމަށެވެ.

އެހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:10 ހާއިރުއެވެ. އެ ހާދިސާގައި ޒަޚަމްވެފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އައިޖީއެމް ހޮސްޕިޓަލުން މިއަދު "ސަން" އަށް ބުނީ އެމަޖެންސީގައި ފަރުވާ ދިނުމަށްފަހު މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އޭނާއަށް ލިބުނު އަނިޔާތަކުގެ އެއްވެސް ތަފްސީލެއް އައިޖީއެމްއެޗުން ހާމަކޮށްފައެއް ނުވެއެވެ.

އިއްޔެ ހަވީރު މި ހާދިސާ ހިނގާފައި ވާއިރު، މިދިޔަ ބުދަ ދުވަހު ލޮނުޒިޔާރަތް މަގު ޗާކޯލް ކެފޭ ކައިރިން ވެސް މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވެއެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާއިރު ފުލުހުން ބުނީ އެ މައްސަލަ ވެސް ބަލަމުން ދާ ކަމަށެވެ.

comment ކޮމެންޓް