ވިލިމާލޭގައި ބަހަށް ބޮޑު ތަރުޚީބެއް: ހަތަރު ދުވަހުން 8،000

ވިލިމާލޭގައި އިލެކްޓްރިކް ބަސް ބޭނުން ކުރަން ފެށިފަހުން ފުރަތަމަ ހަތަރު ދުވަހު 8،105 މީހުން ބަސް ދަތުރުކުރި --- ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އިލެކްޓްރިކް ބަހުގެ ޚިދުމަތް ވިލިމާލޭގައި ފެށިފަހުން މިދިޔަ ހޯމަ ދުވަހާ ހަމައަށް 8،000 އަށްވުރެ ގިނަ މީހުން ބަސް ދަތުރުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ވިލިމާލޭގައި އިލެކްޓްރިކް ބަހުގެ ޚިދުމަތް ފެށީ މިދިޔަ ހުކުރުދުވަހުއެވެ.

އެމްޓީސީސީން "ސަން"އަށް ހިއްސާކުރި ތަފާސްހިސާބުތައް ދައްކާގޮތުން ބަސް ދަތުރުކުރާ މީހުންގެ އަދަދު އެއް ދުވަހަށް ވުރެން އަނެއް ދުވަހު އަންނަނީ އިތުރުވަމުންނެވެ.

ވިލިމާލޭގައި އިލެކްޓްރިކް ބަސް ބޭނުން ކުރަން ފެށިފަހުން ފުރަތަމަ ހަތަރު ދުވަހު 8،105 މީހުން ބަސް ދަތުރުކުރި --- ފޮޓޯ/ އެމްޓީސީސީ

ފުރަތަމަ ހަތަރު ދުވަހު މީހުން ބަސް ދަތުރުކުރިވަރު:

  • ހުކުރު ދުވަހު 462 މީހުން
  • ހޮނިހިރު ދުވަހު 1،733 މީހުން
  • އާދިއްތަ ދުވަހު 2،517 މީހުން
  • ހޯމަ ދުވަހު 3،397 މީހުން

ވިލިމާލޭގައި އިލެކްޓްރިކް ބަހުގެ ޚިދުމަތް ފެށިފަހުން ފުރަތަމަ ހަތަރު ދުވަހު ޖުމުލަ 8،105 މީހުން ވަނީ ބަހުން ދަތުރުކޮށްފައެވެ. މިހާރު ވިލިމާލޭގައި ބަހުގެ ދަތުރުތައް ކުރަނީ ހިލޭ ކަމަށްވާއިރު އަންނަ ހަފުތާ ނިމެންދެން ބަސް ދަތުރުތައް ކުރާނީ ހިލޭއެވެ.

ހިލޭ ބަހުގެ ދަތުރުތަކަށް ޓިކެޓުގެ އަގުތައް އަދި ކަނޑައަޅާފައި ނުވާއިރު އެމްޓީސީސީން ބުނި ގޮތުގައި މިހާރު ކުރިއަށް ދަނީ އެ ދަތުރުތަކަށް ނަގާނެ އަގު ކަނޑައެޅުމުގެ މަސައްކަތެވެ.

ހިލޭ ބަސް ދަތުރުތައް ކުރާ މުއްދަތު ނިމުމުން، އަގު ނަގައިގެން ދަތުރުކުރަން ފެށި ނަމަވެސް 65 އަހަރުން މަތީގެ މީހުންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީކާޑު ދައްކައިގެން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެންސްޕާއިން ދޫކޮށްފައިވާ ކާޑު ދައްކައިގެން ހިލޭ ދަތުރުކުރެވޭނެއެވެ.

ވިލިމާލޭގައި އިލެކްޓްރިކް ބަސް ބޭނުން ކުރަން ފެށިފަހުން ފުރަތަމަ ހަތަރު ދުވަހު 8،105 މީހުން ބަސް ދަތުރުކުރި --- ފޮޓޯ/ އެމްޓީސީސީ

ވިލިމާލޭގައި އެލެކްޓްރިކް ބަހުގެ ޚިދުމަތަށް ބޭނުންކުރަނީ ހަ ބަހަށް ވާއިރު އެމްޓީސީސީން ބުނި ގޮތުގައި މި ބަސްތަކުގައި 11 މީހުންނަށް އިށީނދެގެން ތިބެވޭނޭހެން ސީޓު ހަރުކޮށްފައި ހުންނާނެއެވެ. އަދި ހަތަރު މީހުންނަށް ކޮޅަށް ތިބެވޭނެ ޖާގައާއެކު ޖުމްލަ 15 މީހުންނަށް އެއްފަހަރާ މި ބަހުގައި ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އާރުޓީއެލް ވިލިމާލެ ބަހުގެ ޚިދުމަތް ކޮންމެ ދުވަހަކު ހެނދުނު 05:35 އިން ރޭގަނޑު 00:00 އަށް ކަސްޓަމަރުންނަށް ފޯރުކޮށްދޭނެއެވެ. ބަހުގެ ޚިދުމަތް ކޮންމެ ބަސް ހުއްޓިއަކުން ވެސް ފަސް މިނިޓާއި 10 މިނިޓާ ދޭތެރޭގެ ވަގުތުކޮޅެއްގައި ލިބޭނެއެވެ.

ބަސް ދަތުރުކުރާ ރޫޓުތައް ކަނޑައަޅާފައި ވަނީ ރައްޔިތުން އެންމެ ގިނައިން ދާންޖެހޭ ސަރަހައްދުތައް ދެނެގަތުމަށްފަހު ކަމަށް އެމްޓީސީސީން ބުންޏެވެ. އެގޮތުން ސްކޫލުތަކާއި، ހޮސްޕިޓަލާއި، ފެރީ ޓާމިނަލް އަދި ބީޗުތައް ހިމެނެއެވެ.

އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ޚިދުމަތް ދޭން ފަށާފައިވަނީ، އެ ރަށުގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް އަންނަ މަހުގެ ކުރީކޮޅު ފެށުމަށް ތައްޔާރުވަމުން އަންނަކަން މާލޭ ސިޓީ ކައުންސިލުން އިއުލާންކުރި ފަހުންނެވެ.

އެހެންކަމުން މާލޭ ސިޓީ ކައުންސިލުން ވަނީ އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ޚިދުމަތް ފެށުމުން އެކަމާ ނުރުހުން ފާޅުކޮށް، ބަހުގެ ޚިދުމަތް ފެށި ނަމަވެސް އެ ކައުންސިލުން ދޭން ނިންމައިފައިވާ އިލެކްޓްރިކް ބަގީގެ ޚިދުމަތް ދޭނެ ކަމަށް ބުނެފައެވެ.

ވިލިމާލޭގައި އިލެކްޓްރިކް ބަސް ބޭނުން ކުރަން ފެށިފަހުން ފުރަތަމަ ހަތަރު ދުވަހު 8،105 މީހުން ބަސް ދަތުރުކުރި --- ފޮޓޯ/ އެމްޓީސީސީ

މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ބޭނުންކުރާނީ ޖުމުލަ 10 ބަގީކަމަށް އެ ކައުންސިލުން ބުންޏެވެ. އަދި މި ހުރިހާ ބަގީއަކުން ވެސް 24ގަޑިއިރު ޚިދުމަތް ލިބޭނޭކަމަށް އެ ކައުންސިލުން ބުންޏެވެ.

ވިލިމާލޭގައި މީގެކުރިން އަމިއްލަ ބައެއް ފަރާތްތަކުން ބަގީގެ ދަތުރުތައް ކުރިނަމަވެސް، ބެޓްރީ ސައިކަލްތައް ގިނަވެ، ބަގީގެ ޚިދުމަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ވިލިމާލޭގައި އެކަށޭނަ ބަގީގެ ޚިދުމަތެއް ނެތުމަކީ، އެރަށަށް އެކި ބޭނުންތަކުގައި ޒިޔާރަތްކުރާ މީހުންނާއި، ހުކުރާއި ހޮނިހިރު ދުވަހު އެރަށަށް ދަތުރުދާ ވަރަށް ގިނަ އާއިލާތަކެއްގެ ޝަކުވާއެކެވެ.

comment ކޮމެންޓް