ބިދޭސީއެއްގެ ކަރުބުރިކޮށްލުން: ދައުވާ އުފުލި އަށް މީހުން ސަލާމަތްވެއްޖެ

އަސަން އުއްލާގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ބަންގްލަދޭޝްގެ 8 ރައްޔިތުން: އެ އަށް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ނިންމާފައި ---

ލ. ފޮނަދޫގައި ބިދޭސީއެއްގެ ކަރުބުރިކޮށްލައި މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި އަށް މީހުންނަށް ކުށް ސާބިތުނުވެ ސަލާމަތްވެއްޖެއެވެ.

މުހައްމަދު އަސަން އުއްލާ މަރާލައިފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން އުޅޭތާ ދެ ދުވަސް ފަހުން މާޗް 30، 2017 ވަނަ ދުވަހު ފޮނަދޫ ގޮނޑުދޮށުންނެވެ. ފުލުހުން ކުރި ތަހުގީގުން އޭނާ މަރާލައިފާވަނީ އޭގެ ފަސް ދުވަސް ކުރިން އެ މަހުގެ 26 ވަނަ ދުވަހު ކަން އެނގުނެވެ.

އެ މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވާނީ ބަނގްލަދޭޝްގެ އަބޫކަލަމްގެ މައްޗަށެވެ. ދެން ދައުވާ އުފުލި ބަންގްލަދޭޝްގެ ހަތް މީހުންނަށް ކުރަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

އަސަން އުއްލާ މަރާލައިފައިވަނީ ބައިސްކަލްގައި ފޮނަދޫ ފިނިމަގުގައި އަސަން އުއްލާ އިންދާ އިސްވެ، އަބޫ ކަލަމް ހަމަލާދީގެން ކަމަށް ދައުލަތުން ވަަނީ މީގެ ކުރިން ބުނެފައެވެ.

ހަމަލާ ދިނުމަށްފަހު އެ ރަށު ފިނިމަގު އަތިރިމައްޗަށް ދެން ދައުވާ އުފުލާފައިވާ ހަތް މީހުންނާއެކު އަސަން އުސްލާ ގެންގޮސް އޭނާގެ ކަރަށް ވަޅިން ހަމަލާދީ އަބޫކަލަމް އޭނާގެ ކަރު ބުރިކޮށްލާފައިވާ ކަމަށް ދައުވާގައިވެއެވެ.

އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އެއްވެސް މީހެއްގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށެވެ.

ތަހުގީގު މަރުހަލާގައި ދެ މީހަކު ކުށަށް އިއުތިރާފުވި ނަމަވެސް ހާދިސާ ހިނގި ގޮތް ދެ މީހުން ކިޔައިދީފައި ވަނީ ދެ ގޮތަށް ކަމަށް އެ ހުކުމުގައި ވަނީ ބުނެފައެވެ. އަދި ތަހުގީގު މަރުހަލާގައި ފުލުހުން އަނިޔާކޮށްފައިވާކަމަށް އޭގެތެރެއިން ބައެއް މީހުން ކޯޓުގައި ބުނި ނަމަވެސް އެކަމުގެ ހަގީގަތް ސާފުކޮށްދީފައި ނުވާ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ. އެހެންކަމުން ތަހުގީގު މަރުހަލާގައި އެ މީހުން ދީފައިވާ ބަޔާންތަކާ މެދު ޝަރީއަތުން ވަނީ ސުވާލު އުފައްދާފައެވެ.

comment ކޮމެންޓް