ސަސްޕެންޝަނަށް ފަހު ބަތަލާ ކަންގްނާ ރަނާވަތް އެނބުރި ޓްވިޓާއަށް

ދެ އަހަރު ދުވަހުގެ މުއްދަތަކަށް ސޯޝަލް މީޑއާ ޕްލެޓްފޯމް ޓްވިޓާއިން ސަސްޕެންޑްކޮށްފައިވާ ބަތަލާ ކަންގްނާ ރަނާވަތް އެނބުރި ޓްވިޓާގައި ޙަރަކާތްތެރިވާން ފަށައިފިއެވެ.

ބަތަލާގެ ޓްވިޓާ އެކައުންޓުން އެންމެ ފުރަތަމަ ވެސް ކޮށްފައި ވަނީ ކަންގްނާގެ ކުރިޔަށް އޮތް ފިލްމު "އިމަޖެންސީ" ރިލީޒްކުރުމަށް ނިންމާފައިވާ ތާރީޚެވެ. ބަތަލާ ކަންގަނާ ޓްވިޓާއިން ބޭރުކޮށްފައި ވަނީ، ޓްވިޓާގެ ޤަވާއިދަށް ޙުރުމަތްތެރިކޮށް ނުހިތާ ތަކުރާރުކޮށް ޤަވާޢިދާ ޚިލާފު ޕޯސްޓްތައް ޙިއްސާކުރުމުންނެވެ. މީގެ އިތުރުން ބޮލީވުޑްގެ ފަންނާނުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭގޮތަށް ބަޔާންތައް ނެރުމާއި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް އޭރު ޓްވިޓާ މެދުވެރިކޮށް ކަންގަނާ ވަނީ ބަހުގެ ޙަމަލާތައް ރައްދުކޮށްފައެވެ.

ޓްވިޓާއަށް އެނބުރިއައުން ފާހަގަކޮށް ބަތަލާ ކުރި ޓްވީޓްގައި ބުނެފައިވަނީ މި ޕްލެޓްފޯމަށް އެނބުރިއައުމުން ވަރަށް އުފާވެއްޖެ ކަމަށެވެ. ފިލްމު "އިމަޖެންސީ"ގެ ޝޫޓިންގް ނިންމާލި ޚަބަރާއެކު މިއަހަރުގެ އޮކްޓޯބަރ 20 ވަނަ ދުވަހު ސިނަމާއިން ބެލުންތެރިންނާ ބައްދަލުކުރާނެކަމަށް ބަތަލާ ވަނީ ބުނެފައެވެ. މީގެއިތުރުން މި ފިލްމުގެ ޝޫޓިންގް ކުރިޔަށްގެންދިޔަ ދުވަސްވަރުގެ ކުޑަ ވީޑިއޯކޮޅެއް ވެސް ކަންގްނާ ވަނީ ޓްވިޓާ މެދުވެރިކޮށް ބެލުންތެރިންނާ ޙިއްސާކޮށްފައެވެ.

ކަންގްނާ ޑައިރެކްޓަރުގެ ގޮނޑިވެސް ފުރާ މި ފިލްމުގައި ބަތަލާ ފެނިގެންދާނީ އިންޑިއާގެ ބޮޑު ވަޒީރުކަން ކުރެއްވި ވަރުގަދަ ޝަޚްޞިއްޔަތު އިންދިރާ ގާނދީގެ ރޯލްއިންނެވެ. މި ފިލްމުގައި ދައްކުވައިދޭނީ 1975އިން 1977އަށް ބޮޑުވަޒީރު އިންދިރާ ގާނދީ އިޢުލާނުކުރެއްވި ކުއްލި ނުރައްކަލުގެ ޙާލަތުގެ ދުވަސްވަރެވެ. ބަތަލާ ކަންގްނާގެ އިތުރުން ފިލްމުގެ މުހިއްމު ރޯލްއިން ފެނިގެންދާނީ އެކްޓަރު އަނޫޕަމް ޚޭރް، ޝްރޭޔަސް ތަލްޕަޅޭ އަދި މިލިންދް ސޯނަމްއެވެ. މީގެއިތުރުން ކުރިން ފިލްމުތަކުން ވިދާލި ބަތަލާ މަހިމާ ޗޯދްރީވެސް މިފިލްމުން ފެނިގެންދާނެއެވެ. މިފިލްމަކީ، ކަންގްނާގެ އަމިއްލަ ފިލްމު ކުންފުނި މަނީކަރްނިކާ ފިލްމްސްއިން ގެނެސްދޭ ފިލްމެކެވެ.

comment ކޮމެންޓް