ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުން: ބީލަން ކާމިޔާބު ކުރި ފަރާތަށް މަޝްރޫއު އެވޯޑުކޮށްފި

ފަސް ދުވަހުގެ މުއްދަތަށްފަހު، މާލިއްޔަތު ޤަވާޢިދުގެ ދަށުން އެފަރާތަށް ރަސްމީކޮށް މަޝްރޫޢު އެވޯޑު ކުރެވިގެންދާނެ--- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ބީލަން ކާމިޔާބު ކުރި ފަރާތަށް، މިއަދު އެ މަޝްރޫއު އެވޯޑު ކޮށްފިއެވެ.

އިކޮނޮމިކް މިިނިސްޓްރީން ބުނީ ބީލަން ކާމިޔާބު ކުރި ފަރާތަށް ނޮޓިފިކޭޝަން އޮފް އިންޓެންޝަން ޓު އެވޯޑް މިއަދު ހަވާލު ކޮށްފައިވާއިރު ފަސް ދުވަހުގެ މުއްދަތަށް ފަހު، މާލިއްޔަތު ޤަވާޢިދުގެ ދަށުން އެފަރާތަށް ރަސްމީކޮށް މަޝްރޫޢު އެވޯޑު ކުރާނެ ކަމަށެވެ.

އެ ބީލަން ކާމިޔާބު ކުރި ފަރާތް ހާމަ ކުރާނީ ވެސް ފަސް ދުވަސް ފަހުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ މަޝްރޫޢުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި އެއާޕޯޓުގެ ޓާމިނަލް ތަރައްގީ ކުރާނެ ކަމަށެވެ. އޭގެ އިތުރުން ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތައް ވެސް އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރާނެ އެ މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މަޝްރޫއާއެކު ވިޔަފާރިއާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންކުރުމަށް ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތައް ތަރައްގީ ކުރާނެ ކަމަށެވެ. އަދި އާ ކޮންޓްރޯލް ޓަވަރަކާއި، ފަޔާ ސްޓޭޝަނެއް ވެސް އެ މަޝްރޫއުގެ ދަށުން ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އޭގެ އިތުރުން އެއާޕޯޓުގެ މަގުތަކާއި އެއާޕޯޓްގެ ޕާކިން ސަރަހައްދުތައް ވެސް އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ.

ސަރުކާރުން ބުނީ އެ މަޝްރޫއަކީ ދެކުނުގެ އަތޮޅުތަކަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑު ކުރިއެރުމެއް ގެނެސްދީ، މުޅި ރާއްޖޭގެ ތަރައްގީގައި އައްޑޫސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި އެއީ މުޅި ދުނިޔެއާ ދެކުނުގެ އަތޮޅުތަކާ ގުޅުވާލަދޭ ނާރެހެއްގެ ގޮތުގައި ގަން އިންޓަނޭޝަލް އެއާޕޯޓް ތަރައްގީ ކޮށްދޭނެ އުއްމީދީ މަޝްރޫއެއް ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

ދެކުނުގެ ސަރަޙައްދުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާއަތްތައް ތަރައްގީ ކުރުމުގައި ގަން އިންޓަނޭޝަލް އެއާޕޯޓް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ. އަދި އެ މަޝްރޫއުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެތައް ހާސް ވަޒީފާއެއް އުފެދި، ދެކުނުގެ ރައްޔިތުންގެ ފުދުންތެރިކަމާއި ފާގަތިކަން އިތުރުކުރުމަށް މަގުފަހިވެގެން ދާނެ ކަން ސަރުކާރުން ފާހަގަކުރެއެވެ.

އައްޑޫ ސިޓީގައި އިގުތިސާދީ ހަބެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު މުހިންމު ދައުރެއް އަދާ ކުރާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

ވެރިކަން ކުރާ އެމްޑީޕީގެ ޕްރައިމަރީގައި ރައީސްއާ ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެ ނަމަ، ގަން އެއާޕޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ސިޓީ ކައުންސިލަށާއި އާންމުންނަށް ދޫކޮށްލައްވާނެ ކަމަށެވެ.

https://sun.mv/173244

އެމަނިކުފާނު ވިދާޅުވީ ގަން އެއާޕޯޓަކީ ރާއްޖޭގެ އެންމެ ދުވަސްވީ ބައިނަލްއަގްވާމީ އެއާޕޯޓު ނަމަވެސް، މިއަދާ ހަމަޔަށް ވެސް އެ އެއާޕޯޓުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުހިފޭ ކަމަށެވެ. އެކަން ކުރައްވަން އެންމެ ފަސޭހަ މަގަކީ އަމިއްލަ ވިޔަފާރިވެރިންނާއި ތަޖުރިބާ ހުރި ބޭރުގެ ފަރާތްތަކާއެކު އެއާޕޯޓު ތަރައްގީ ކުރުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑުގެ 70 ޕަސެންޓް ހިއްސާ އޮތީ ސަރުކާރުގައެވެ. ބާކީ 30 ޕަސެންޓް ހިއްސާ އޮތީ ޗަމްޕާ ހުސައިން އަފީފުގެ ކާސާ ހޯލްޑިންސްއަށެވެ.

comment ކޮމެންޓް